ދުބާއީގައި ދިރިއުޅޭ އިންޑިއާގެ ކެރެއްލާ އަށް ނިސްބަތްވާ 60 އަހަރުގެ ޕޯލް ޖޯސް މަވެލީ ނަމަކަށް ކިޔާ މީހަކު ދުބާއީ ޑިއުޓީ ފްރީ މިލެނިއަމް މިލިއަނެއާ ލޮޓަރީން 1 މިލިއަން ޑޮލަރު ކާމިޔާބުކޮށްފިއެވެ. މިއީ 10 އަހަރު ތެރޭ އޭނާ މި ލޮޓަރީ ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

މަވެލީ ވަނީ މޭ 19 ގައި ޓިކެޓް ނަންބަރު 3532 އޮންލައިންކޮށް ގަނެފައެވެ. އޭނާ މި ލޮޓަރީގައި ބައިވެރިވަމުން އަންނަނީ 1999 އިން ފެށިގެންނެވެ. މި ފަހަރު އޭނާ ވަނީ 17 ރަހުމަތްތެރިންނާއެކު ޓިކެޓް ގަތުމުގެ ހަރަދު ހިއްސާކޮށްފައެވެ. މަވެލީ ވަނީ 2016 ގައިވެސް މި ލޮޓަރީ ކާމިޔާބުކޮށް، 9 ރަހުމަތްތެރިންނާއެކު އިނާމު ހިއްސާކޮށްފައެވެ.

މަވެލީ ދުބާއީގައި ދިރިއުޅެމުން އަންނަތާ 38 އަހަރު ވެއްޖެއެވެ. އޭނާ މަސައްކަތްކުރަނީ ކުޑަ ކޮންޓްރެކްޓިން ކުންފުންޏެއްގެ ސައިޓް ސުޕަވައިޒަރެއްގެ ގޮތުގައެވެ. އޭނާއަކީ ދެ ދަރިންގެ ބައްޕައެކެވެ.

https://www.instagram.com/p/DKMu32szcqu/?utm_source=ig_web_copy_link

ދުބާއީ ޑިއުޓީ ފްރީ މިލެނިއަމް މިލިއަނެއާ ލޮޓަރީއަކީ 1999 ގައި ފެށި ލޮޓަރީ ޕްރޮގްރާމެކެވެ. ކޮންމެ ޑްރޯއެއްގައި 5,000 ޓިކެޓް ވިއްކުމަށް ހުއްދަ ދެއެވެ. ޓިކެޓެއްގެ އަގަކީ 1,000 ދިރުހަމެވެ. ގުރު ބާއްވަނީ މަހަކު ދެ ފަހަރު އެވެ. މި ލޮޓަރީ ފެށުނީއްސުރެ 251 އިންޑިއާ މީހުން ވަނީ މި ލޮޓަރީ ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން މަވެލީ ބުނެފައިވަނީ އޭނާ ވަރަށް ބޮޑަށް ދުބާއީ ޑިއުޓީ ފްރީއަށް ޝުކުރުވެރިވާ ކަމަށެވެ. މިފަދަ ބޮޑު އަދަދެއްގެ ފައިސާ ދެވަނަ ފަހަރަށް ކާމިޔާބުކުރުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ.