މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ޝަރީފު ވިދާޅުވީ، މިދިޔަ އަހަރުގެ ކާމިޔާބީތައް މި އަހަރުވެސް ބޭންކުން ދަމަހައްޓަމުން އަންނަ ކަމަށެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލް އިން ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅައި ބަލާއިރު 72 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ.
"މި ނަތީޖާތަކަކީ އަޅުގަނޑުމެންގެ ސްޓްރެޓެޖީ ތަންފީޒުކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލާއި ރިސްކު މެނޭޖުކުރުމާއި އަދި ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ހެއްކެއް،" ޝަރީފު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުގެ އަދަދު 21.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެއީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ޖުމުލަ ލޯނުގެ 51 ޕަސެންޓު ކަމަށްވެސް ވިދާޅުވި އެވެ.
މުހައްމަދު ސިމާއު
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް