މަންމަ އަކީ ފިހާރައަށް ގޮސްފިއްޔާ އެހާ އަވަހަށް ގެއަށް އަންނާނެ މީހެއް ނޫނެވެ. އަނެއްކާ އެއްވެސް އެއްޗެއް ނުގަންނަނީ ހެއްޔެވެ؟ ގައިމުން ވިޔަފާރިކުރަން ދިޔައިރު ވެސް ލައްކަ ސާމާނު ގަނެލަން ބުންޏެވެ. ކޮތަޅެއް ފެންނާކަށް ނެތެވެ. ކޮއްކޮ ކަމެއް ހިންގާލީ ހެއްޔެވެ؟ ކޮއްކޮ ކޮބައި ހެއްޔެވެ؟ ނަހުމާ ގޭތެރޭގެ ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލިއެވެ.
"ކިހިނެއްވެފަ" ސޯފާ ކައިރިއަށް ހުއްޓިފައި ނަހުމާ ބުންޏެވެ.
ނިގާރު ދެލޯ ހުޅުވާލިއެވެ. ފަރުވާކުޑަ ނަޒަރަކުން ނަހުމާއަށް ބަލައިލާފައި ތުން އަނބުރާލިއެވެ.
"އަހަންނަށް ފެންތައްޓެއް ލިބިދާނެތަ؟" ނިގާރު ބުންޏެވެ. އޭނާގެ ރުންކުރު ރާގުގައެވެ.
ނަހުމާ ބަދިގެ އާ ދިމާލަށް ހިނގައިގަތެވެ. އިރުކޮޅަކުން ފެންތައްޓެއް ހިފައިގެން އައިސް ދިއްކޮށްލިއެވެ. ދެން ކައިރީގައި އިށީނެވެ. ހުސްތަށި ނަހުމާއަށް ދިއްކޮށްލާފައި ފުންނޭވައެއް ނިގާރު ދޫކޮށްލިއެވެ.
"އެއްޗެއް ނުގަނެ ތިއައީ ކީއްވެތަ؟" ނަހުމާ އެހިއެވެ.
"އެއްޗެއް ގަނެވޭނީ ފިހާރައަކަށް ވަދެވިގެނެއްނު. ނައިޝަމް ގޮވައިގެން މިހާރު ބޭރު އުޅެވޭތަ؟" ނިގާރު ބުންޏެވެ. އޭރުވެސް ނަހުމާއަށް ހީވިއެވެ. ނައިޝަމްގެ ފަރާތުން އަނެއްކާ އެކަންތައް ތަކުރާރުވީއެވެ. ހަމްދަރުދީގެ ނަޒަރަކުން ނަހުމާ ބަލައިލީ ނައިޝަމްގެ ކޮޓަރިއަށެވެ. ދެން މިއަދު ހަތަރުދަމު މަންމަގެ މޫޑު ހުންނާނީ އެގޮތަށެވެ.
"ކޮބާ ކަލޭމެންގެ ބައްޕަ؟" އަތްދަބަސް ހިފައިގެން ސޯފާއިން ތެދުވަމުން ނިގާރު ބުންޏެވެ. ނަހުމާ އިޝާރާތްކުރީ ކޮޓަރިއަށެވެ. ނަހުމާ ކޮޓަރި އާ ދިމާލަށް ހިނގައިގަނެފައި ފަހަތަށް އެނބުރި ބަލައިލިއެވެ.
"ޑޮކްޓަރު ޔޫހާ އަންނާނެ މިރޭ. ރޭގަނޑުގެ ކެއުމުގަ އޭނަ ބައިވެރިވާނެ" ނިގާރު ބުންޏެވެ.
****
މެންދުރުގެ ކެއުމަށް މޭޒު ކައިރިއަށް އެންމެން ޖަމާވި އިރުވެސް ނައިޝަމްގެ ހަބަރެއް ނުވިއެވެ. އެންމެފަހުން ނަހުމާ ހިނގައިގަތެވެ. ނައިޝަމްގެ ކޮޓަރީގައި ދެތިންފަހަރު ޓަކިޖަހައިގެންވެސް ހަބަރެއް ނުވިއެވެ. ނަހުމާ އެތެރެއަށް ދޮރުހުޅުވާލިއެވެ. ހިޔާލެއް ފިކުރެއްނެތި ނައިޝަމް އޭނާގެ ކުރަހާ ބޯޑު ކައިރީގައި ހުއްޓެވެ. ނަހުމާ ހިނގާފައި ގޮސް ހުއްޓުނީ ނައިޝަމްގެ ފުރަގަހުގައެވެ. ނައިޝަމް ކުރަހަމުންދިޔަ ކުރެހުމަށް ނަހުމާ ބަލައިލިއެވެ. އެއީ ހަމަ އެ ތަސްވީރެވެ. މިފަހަކަށް އައިސް އެ ނޫން ކުރެހުމެއް ނައިޝަމް ނުކުރަހައެވެ. މިހާރުވެސް ވަކިން ހުރި ބޯޑެއްގައި އެ ތަސްވީރުގެ އެތައް ކުރެހުމެއް ބަރިބަރިއަކަށް ހުއްޓެވެ. މުޅި ކޮޓަރީގައި ވަނީ އެ އަންހެންކުއްޖާގެ ތަސްވީރެވެ. ބަލައިލި ކޮންމެ ދިމާލެއްގައެވެ.
"ނައި، " ނަހުމާ ގޮވާލިއެވެ. އޭނާ ހުއްޓުނީ ނައިޝަމް އާ ދާދި ގާތުގައެވެ.
ނައިޝަމް ހަމައެކަނި 'ހޫމް' އެއް ލައްވާލާފައި ނަހުމާއަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.
"ބަތް ކާން ހިނގާ" ނަހުމާ ބުންޏެވެ.
"ބަނޑުހައެއް ނުވޭ" ނައިޝަމް ބުންޏެވެ.
ކުއްލިއަކަށް ކަމެއް ހަނދާންވެގެން އުޅޭ ކަހަލަ ގޮތަކަށް ނައިޝަމް ހަރަކާތްކޮށްލިއެވެ. ދެން ނަހުމާގެ މޫނަށް ބަލައިލާފައި ކުރަހާ ފަންސުރާއެކު ނަހުމާގެ އަތުގައި ހިފައިގެން އައިސް އެނދުގައި އިށީނެވެ.
"ދެންމެ ހެލީ ފެނިއްޖެ. އޭނަ މާލޭގަ އެބައުޅޭ. ޔަގީން" ނައިޝަމް ބުންޏެވެ. ނައިޝަމްގެ ދެލޮލުން އުންމީދުގެ ކުލަވަރު ނަހުމާއަށް ފެނުނެވެ.
"އެހެންތަ." އެހާ އުންމީދާއެކު ނައިޝަމް އެވާހަކަ ބުނީތީ ނައިޝަމް މާޔޫސްކޮށްލަން ނަހުމާ ބޭނުމެއް ނުވިއެވެ. އޭނާއަށް އަށް މަންމަގެ މޫޑު ގޯސްވީ ސަބަބު ސާފުވެއްޖެއެވެ.
"ނައި އަށް ޔަގީންތަ ހަމަ. ހަމަ ރީއްޗަށް ފެނުނުތަ؟" ނަހުމާ އަހާލިއެވެ. މަގުމަތިން ހެލީން ފެނިދާނެކަމަށް ޔަގީންނުވީ ނަހުމާ އަށެވެ. އެއީ މިހުރިހާ ދުވަހުވެސް މަގެއްގެ މަތިން އޭނާއަށް ހެލީންގެ ނިޝާނެއް ވެސް ވެފައި ނުވާތީއެވެ. ސޯޝަލް މީޑިޔާ އިން ވެސް އެއީ ގެއްލިފައިވާ މީހެކެވެ. ހެލީން ދުނިޔޭގައި އުޅޭކަމެއް، އުޅެންޏާ އުޅެނީ ކޮން ގައުމެއްގަ ކަމެއް އޭނާއަށް ނޭނގެއެވެ.
"މޫނެއް ނުފެނޭ. އެކަމަކު އެހިނގުން. އެބައްޓަން. އަހަރެން ގޮވާވެސްލިން. އަޑު ނީވުނީ ކަންނޭނގެ. ދޮންތައަށް އެނގެއެއްނު މަށަށް ހެލީން އޮޅޭނެތަ؟ އެކަމަކު... ކީއްވެބާ އަޅާނުލާ އެދިޔައީ... ހަމަ އަސްލަށްވެސް ނީވުނީހެން ހީވަނީ." ނައިޝަމް ބުންޏެވެ.
"އެހެންވިއްޔާ ތިވާނީ ހަމަ ހެލީއަށް. ނައި އަށް ނައިގެ ދެލޮލެއް ދޮގެއް ނަހަދާނެ. ދޮންތަ ނައި އަށް ވަރަށް އިތުބާރުކުރަން" ނައިޝަމްގެ އަތުގައި ނަހުމާ ހިފާލިއެވެ. ނައިޝަމްގެ ދެތުންފަތް ދެފަރާތަށް ދެމިލިއެވެ.
"ދެން ހިނގާ ބަތް ކާން ދާން" ނައިޝަމް ދެފަރާތަށް ބޯ ހޫރާލިއެވެ.
ވަގުތުގެ ގޮތުން އޭނާ ކާހިތެއް ނެތެވެ. އަލުން އޭނާ ކުރަހާ ބޯޑުގައި ހުއްޓުނެވެ. ހިމޭނުން ހުރެ ކުރެހުން ކުރިއަށް ގެންދިޔައެވެ. އިތުރަށް ނަހުމާ އެއްޗެއް ނުބުނެއެވެ. ކޮޓަރިން ނިކުންނަން ނަހުމާ ހިނގައިގަތެވެ. ނައިޝަމް ނުކާނަމޭ ބުނުމުން އޭނާއަށް އިތުރަށް ކާންދޭން ގޭތެރެއިން އެކަކުވެސް މަސައްކަތެއް ނުކުރާނެއެވެ. ޖެހިގެން ކާން އޮންނަ ވަގުތުގައި ނައިޝަމް ރަނގަޅަށް ކާނެކަން އެންމެނަށްވެސް އެނގެއެވެ.
"ނައި ބުނީ ނުކާނަމޭ" މޭޒު ކައިރީގައި އިށީންނަމުން ނަހުމާ ބުންޏެވެ.
"ދެން އެނިމުނީތަ؟ އެންމެން ކާއިރު ކީއްވެ ނައި އަށް ނުކެވެންވީ؟" ނިގާރު ބުންޏެވެ.
"މަންމަ ކާހިއްނުވާ ވަގުތާ ކާހިއްވާ ވަގުތުވެސް އާދެއެއްނު" ނަހުމާ ބުންޏެވެ.
"ނައިޝަމް މެލޭއަށް ފޮނުވަންވީނުން. ނިޝާ ހުރިހާކަމެއް ބަލަހައްޓާނެ" އަނގައަށް މަސްކޮޅެއް ލަމުން ނިގާރު ބުންޏެވެ.
"ނޫން. އަހަންނަށް ނައި އެއްވެސް ތަނަކަށް ނުފޮނުވޭނެ. އަހަރެންގެ އެއްވެސް ދަރިއެއް އަހަންނާ ދުރަށް ނުފޮނުވޭނެ" ފަހުމީ ބުންޏެވެ. ނިގާރު ފަހުމީގެ މޫނަށް ބަލައިލާފައި އޫ ތަށިތެރެއަށް ދޫކޮށްލިއެވެ.
"ފަހުމީ ތިހެން ބުނާއިރު ހީވަނީ އެއީ ފަހުމީގެ ދަރީން އެކަނިހެން" ނިގާރު ބުންޏެވެ.
"އެހެނެއްނޫން. މިހެން މިބުނީ މިދަނޑިވަޅު ނައި ދުރުކޮށްލެވެން ނެތީމަ. އެއީ އަހަރެންގެ ފުރާނަ. އަނެއްކޮޅުން ނިގީގެ ބަސްގަބޫލުކޮށްގެން އަހަރެން މިހުންނަނީ ނާމީވެސް ކެމްބޯޑިޔާ އަށް ފޮނުވައިގެން. ދުލުން ބުނެވިދާނެ. އެއީ ހާދަ ދުރު ހިސާބެކޭ. އަހާބަލަ އެކުއްޖާ ކައިރީ. ދުވާލަކު ކިތަންފަހަރު އެކުއްޖާއަށް ގުޅައިގެން އަހަރެން ވާހަކަދައްކާތޯ" ފަހުމީ ވާހަކަދެއްކިއެވެ.
"އެއީވެސް ނައިއަށްޓަކައި. ނާމީ އެދިޔައީ އެސޮރަށް އެހީވާން. މިކުދިން އެތިބެނީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ނައި އަށް އެހީވާން ތައްޔާރަށް. އެންމެންނަށްވެސް އެނގޭ ނައި ހަމަޔަކަށް އެޅުވޭވަރުގެ މީހަކަށް ތިބޭނީ ދެމީހަކު ކަން. އެކަކު ޒައިދު އަކީ" ނިގާރު ވާހަކަދެއްކިއެވެ.
"ނިގާރު ތިބުނަނީ ނައިޝަމްގެ ކޮންކަހަލަ މައްސަލަތަކެއް ހުރި ވާހަކަ. އަހަންނަކަށް ނުފެނޭ" ފަހުމީ ބުންޏެވެ.
"އޭނަ ސިކުނޑި ހަމައެއްނުޖެހޭ. އޭނައަށް ފަރުވާ ބޭނުންވޭ. ނައިގެ ފަރާތުން އަހަންނަށް ފެންނަ ކަންތައްތައް ކީއްވެތަ ފަހުމީ އަށް ނުފެންނަނީ" ނިގާރު ބުންޏެވެ.
މައިންބަފައިންގެ ވާހަކަތަކުން އުނދުގޫވީ ނަހުމާ އަށެވެ. ތަށިތެރެއަށް ސަމްސާ ދޫކޮށްލާފައި ނަހުމާ ކޮޅަށް ތެދުވިއެވެ. އޭނާ ދާން އުޅެނިކޮށް ހުއްޓުނީ ފަހުމީ ގޮވާލުމުންނެވެ.
"މަންމަމެން ކައި ނިމުނީމަ ތަށިތައް ނަގަން އަންނާނަން" ނަހުމާ ބުންޏެވެ. އޭނާ ދާންއުޅުނީ މައިންބަފައިންނާ ދެކޮޅަށް އެއްޗެއް ބުނެވިދާނެ ކަމަށެވެ. އެގޮތަށް ކާއެއްޗެހި ދޫކޮށްލާފައި ނުދިޔުމަށް ފަހުމީ ނަހުމާއަށް އެންގިއެވެ. ފުންނޭވައެއް ދޫކޮށްލާފައި އަލުން ނަހުމާ އިށީނެވެ. އެއްޗެއް ނުބުނެ އިނދެފައިވެސް އެންމެފަހުން ނަހުމާގެ ކެތްތެރިކަންކޮޅުން ލިއެވެ.
"މަންމަމެންގެ ކޮންކަހަލަ ވިސްނުމެއް ތިހުންނަނީ؟ ކޮންމެ ކާ ވަގުތެއްގަވެސް ނައި ވާހަކަތައް މައުލޫއަކަށް ނަގައިގެން ބަހުސްކުރަން ކޮންމެހެން ޖެހޭތަ؟" ނަހުމާ ބުންޏެވެ. ނިގާރު އާއި ފަހުމީ އެކުއެކީ ނަހުމާއަށް ބަލައިލިއެވެ. ހިތްހަމަނުޖެހުން ފެނުނީ ނިގާރުގެ މޫނުން އެކަންޏެވެ.
"ނައި މޮޔައަކަށް ހަދައިގެން ތިއުޅެނީ މަންމަމެން. ނައިގެ އެއްވެސް މައްސަލައެއްނެތް. މަށަކީ ތިންމަސް ވަންދެން ހޮސްޕިޓަލުގަ ނައި ކައިރީގައި އުޅުނު މީހަކީ. ނައިގެ ސިކުނޑީގައި އެއްވެސް މައްސަލައެއްނެތް. އެކަން ޑޮކްޓަރުން ޔަގީންކޮށްދިން. މަންމަ އެންމެ އިތުބާރުކުރަނީ ޑޮކްޓަރ ޔޫހާ އަކަށްނު. އަހާބަލަ ޔޫހާ ކައިރީގަ. އެކްސިޑެންޓަށްފަހު ކޮއްކޮ ރުޅިގަދަ. ކެއިން ބުއިމާވެސް ދުރު. ނައިޝަމް އެއްވެސް ކަމެއް ހަނދާނެއްނުނެތޭ. އޭނާ ހަނދާނުގައި އެބަހުރި އެކްސިޑެންޓްގެ ކުރިން އޭނާ ރައްޓެހިވެގެން އުޅުނީ ހެލީން އާ ކަން. ނައި ހެލީންދެކެ އިންތިހާއަށް ލޯބިވޭ. އިންތިޒާރު އެކުރަނީ އަދިވެސް ހެލީން އަށް. މުޅިދުވަހު އެއްކޮށް އެކޮޓަރި ތެރޭގައި އެ އިންނަނީ ހެލީންގެ ތަސްވީރު ކުރަހާލަ ކުރަހާލާ. އެންމެ ފުރަތަމަ މަންމަމެން ވެއްޖެއްނު ނައި އަށް ކުޑަނަމަވެސް ރަހުމުކުރަން. ބަލަންވެއްޖެއްނު ހަގީގަތުގައިވެސް ހެލީން އުޅެނީ މީހަކާ އިނދެގެންތޯ. އަހަރެންނަށް ފެނިފައިވަނީ ހެލީންވެސް ނައި އާ ހެދި ދީވާނާވެފައި ވާތަން" ނަހުމާ ވާހަކަދެއްކިއެވެ. އެވަގުތުކޮޅުގައި އޭނާ ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދެއްކިއެވެ. އެއްޗެއް ނުބުނެ އިންނަން ވަރަށް ކެތްކޮށްފިއެވެ. ހަގީގަތުގައި ނައިޝަމްގެ މައްސަލައަކީ ކޮބައިކަން ނޭނގި މައިންބަފައިން ވާހަކަދައްކަން ފެށުމުން ނަހުމާގެ ބޮލަށް ވަރަށް އުނދަގުވިއެވެ.
"ތި އެކްސިޑެންޓަށްފަހު އިތުރު ހަ މަސްދުވަސް ވަންދެން ތެރަޕީ ނެގީ ކޮންކަމަކަށް. ހަ މަސް ވަންދެން އޭނާ ހުރީ ކޮންތާކު؟ ނަހުމާ މިކަންކަން ހަނދާން އެބަހުރިތަ؟ އެ ލިޔުންތައް ގެނެސް ދައްކަންވީތަ؟" ނިގާރު ބުންޏެވެ.
"އެއީ އޭނަ ރުޅިގަނޑެއް ގެންގުޅޭތީ. އެފަދަ ހާލަތެއް މަންމައަށް ވެސް ކުރިމަތިވެދާނެ. އެހިސާބުން މަންމައަކީ ސިކުނޑި ހަމަނުޖެހޭ މީހެކޭ ބުނެވޭނެތަ؟ އެ ރުޅިގަނޑުގެ ތެރެއިން އެތައް ފަހަރަކު އަމިއްލަ ނަފްސަށް ގެއްލުންދޭން ނައި މަސައްކަތްކުރި. އެއީ ކުއްލިއަކަށް ހެލީން އާ އެހާ ދުރަށް އޭނަ އަންނަންޖެހުނީމަ. ހެލީ ގެ ކައިވެނި އިރުއިރުކޮޅުން އޭނަގެ ހަނދާނަށް އަންނާތީ. އެހެން އެވީވެސް އަހަރެމެން އެންމެންގެވެސް އަޅާލުން ކުޑަވީމަ. ދޭންޖެހޭ ސަޕޯޓް ނުދެވުނީމަ. ނައިގެ އުފާތަކަށް މަންމަމެން ފައިން އެރީމަ. އާނ އަހަރެން ބުނާނަން މިހެން. އެކަކަށްވެސް ނައި ގެ އުފާތައް މުހިންމެއް ނުވި. ގަބޫލުކުރަން ނައި އަށް އެހީގެ އަތެއް ފޯރުކޮށްނުދޭހާ ބައްޕަ ހުރީ ދުރުގަކަން. އެކަމަކު މަންމަ ހުރީމެއްނު. މަންމައަށް އެއްވެސް ކަމެއް ނުކުރެވުނު. ކުޑަމިނުން ނައި މާލޭން ފުރުވާލުމުގެ ކުރިން ހެލީން ވެސް ގެނެސްނުދެވުނު" ނަހުމާ ބުންޏެވެ.
"މޮޔަ ވާހަކަނުދައްކާ ނަހުމާ" ނިގާރު ބުންޏެވެ.
"މިއީ މޮޔަ ވާހަކައެއް ނޫން. މިވާހަކަދެއްކީ ތެދަށް. މަންމައަށް ދުވަހަކުވެސް ގަބޫލުކުރެވޭތަ މަންމަގެ މައްސަލަތައް"
"ނަހުމާއަށް ދުވަހަކުވެސް މަގޭ ވާހަކައަކާ އެއްބައިވެވުނުތަ؟ ނަހުމާ އެކަނިތަ ނައިޝަމަށް ރަހުމުކޮށް އަޅާލާ މީހަކަށް ހުރީ" ނިގާރު ހިތްހަމަނުޖެހިއްޖެއެވެ.
"އާނ މި ހީވަނީ މީނަ އެކަނިހެން ނައިޝަމް އާ މެދު ވިސްނަނީ" ނިގާރު ބަލައިލީ ފަހުމީގެ މޫނަށެވެ.
އިތުރަށް ނަހުމާ ބަހެއް ނުކިޔައެވެ. ގޭތެރޭގެ މަސްލަހަތު ގޯސްވެ މައިންބަފައިންނަށް އަދަބު އިހުތިރާމުކުޑަ ކުރަން އޭނާ ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ގޭތެރޭގައި ނައިޝަމްގެ ބަހުސްކުރާ ކޮންމެ ހިނދަކު އޭނާ ހަމައިން ނެއްޓެއެވެ. އެންމެން ނައިޝަމް އާ ދެކޮޅަށް ތެދުވި ނަމަވެސް ނަހުމާ އަރާނީ ނައިޝަމްގެ ކޮޅަށެވެ. އޭނާއަށް އެހެން ހުރިހާ ކަމަކަށް ވުރެ ނައިޝަމް މުހިންމެވެ.
"ދެންވެސް ނައި އަށް ހެޔޮކަމެއް ކޮށްދެން ބޭނުންވަންޏާ ހަގީގަތުގަވެސް ހެލީން ހޯދަންއެބަޖެހޭ. ހަގީގަތުވެސް ހެލީން ހުރީ ހުސްކޮށްތޯ ނޫނީ ކޮންމެސް ގޮތަކަށް އެދެކުދިން ބައްދަލުކޮށްދޭންޖެހޭ. ނޫންތަ ބައްޕާ" "ނަހުމާގެ ތިހުންނަނީ ފޮތް ނުހުޅުވާ އިމްތިހާނު ހަދަން ނިކުންނަ އެއްވެސް އެއްޗެއް ނޭނގޭ މީހާގެ މިސާލު. އެހެންވެ ބުނަނީ ވާހަކަދައްކާނީ ތިމާއަށް އެކަމެއް އެނގެންޏާއޭ"
"އެ އަންހެނާ އުޅެނީ މީހަކާ އިނދެގެން. ފަރުވާއަށްފަހު ނައިޝަމް އައުމާއެކު އަހަރެން އެގޮތް ބަލައިފިން. ނަހުމާ ހީކުރަނީ އަހަރެން ނައިގެ އުފާތަކަށް ނޭދޭ ކަމަށްތަ؟ އަހަންނަށްވެސް ހަމަޖެހުމެއް ލިބޭނީ ނައި ގެ ދިރިއުޅުން އާބާދުވާތަން ފެނިގެން. ތިބުނާ ހެލީނަކު އުޅުނީ ނައިޝަމްއަށް ލޯބީގެ ދަޅަ ދައްކައިގެން. ނައިޝަމް އެކްސިޑެންޓަށްފަހު ކޯމާއަކަށް ގޮސް ޑޮކްޓަރުންގެ އުންމީދު ކަނޑާލި ހިސާބުން ތި ހެލީނު އެސޮރުމަތިން ފޫހިވެއްޖެ. ޑޮކްޓަރުން ބުންޏަސް އަހަރެން ގަބޫލެއް ނުކުރާނަން. ސިކުނޑީގެ މައްސަލަތަކެއް ނެތްނަމަ ދާ ކޮންމެ ތަނަކުން ހެލީން ހެލީން އޭ ގޮވަމުންނެއް ނުދުވާނެ. މިއަދުވެސް މަގުމަތީގަ އޭނާ ދުވެފި ހެލީނު އޭ ގޮވަމުން. އެތަނަކުން އަހަންނަކަށް ހެލީނުއެއް ނުފެނޭ. އެހެން ނުދޭ އެމަންޒަރު ނުފެންނަ މީހަކު. އަހަރެން ނުހިފެހެއްޓިނަމަ އަނެއްކާ އަނެއް އެކްސިޑެންޓް ކަންނޭނގެ ވާނީ" ނިގާރު ވާހަކަދެއްކިއެވެ.
"ނައި އަށް ހެލީން ފިހާރައަކުން ނިކުތްތަން ފެނުނު. މަންމައަށް ނުފެނުނީމަ އޭގެ މާނައަކީ ނައި އަށް ވެސް ނުފެންނާނެއޭތަ؟ ނައި އަހަރެންނަކަށް ދޮގެއް ނަހަދާނެ. އެހެންނޫނަސް ދެލޮލަށް ނުފެނުނަސް ހެލީންގެ ވަހުން އެކަނިވެސް އޭނަ ހެލީން ފާހަގަކުރާނެ" ނަހުމާ ބުންޏެވެ.
"ނަހުމާއަށް ކޯޗެއް އެނގިގެން ތިވާހަކަ ދައްކަނީ؟" އެންމެފަހުން ނިގާރު ނަހުމާއަށް އަޑުގަދަކޮށްލިއެވެ.
ދެމައިންގެ ކޯޅުންގަނޑު އަހަން އިން ފަހުމީ ބާރަކަށް ކާމޭޒު މަތީގައި ޖެހިއެވެ. އެހިނދު ނިގާރު އާއި ނަހުމާ ސިއްސައިގެން ދިޔައެވެ.
"ދެން ތިއީ ކޮންކަމެއް. އަހަރެންގެ ދަރީންގެ ދިރިއުޅުމާ މެދު ގޮތް ނިންމާނީ އަހަރެން. އެކުދީންގެ ރުހުމުގަ. ބައްޕަ ބުނާނީ ތިބުނާ ހެލީން ހަގީގަތުގައިވެސް ނައިޝަމްދެކެ ލޯބިވާނަމަ ކީއްވެހޭ ދުރުގައި ހުންނަންވީކީ. އަހަރެން ނުގަބޫލެއްނުވަން އެއީ ކޮންމެ ފެންވަރެއްގެ ކުއްޖެއް ނަމަވެސް. އެކުގައި އުޅެ ދިރިއުޅުމެއް ބޭނުންނަމަ މިހާ ދުވަސްވިއިރު ވީއިރު ކޮބާހޭ ތިބުނާ ކުއްޖަކު؟"
ނައިޝަމް ހެލީން އަށް އެދޭ މިންވަރު ފަހުމީ އަށް އެނގެއެވެ. ކޮންމެ ދަރިއަކަށްވެސް އެދަރިއަކު ލޯބިވާ ކުއްޖަކު ލިބެން ފަހުމީ އެދެއެވެ. އެންމެ ދޮށީ އަންހެން ދަރިފުޅަށް އަށާވީސް އަހަރު ވިއިރުވެސް ކައިވެންޏެއް ނުކުރާތީ އޭނާ ނުލާހިކު ކަންބޮޑުވެއެވެ. ނައިޝަމް ވެސް ހެލީން ގޮވައިގެން އެންމެ ދުވަހަކު އާއިލާ އަށް ދައްކާލަން އައިކަން އެކަންޏެވެ. ކުއްލިއަކަށް އެދެކުދިން ދުރަށް ދާންޖެހުނު ސަބަބެއް އޭނާއަށް ނޭނގެއެވެ. ދަރީންގެ އުފަލަކީ އޭނާ އަބަދުވެސް އެންމެ އިސްކަންދޭ ކަމެވެ. ނައިޝަމް އަށްޓަކައި އޭނާ ހުރީ މިދަނޑިވަޅުގައި ފުރާނަ ގުރުބާންކުރަންވެސް ތައްޔާރަށެވެ. ހެލީން ވީތަނެއް އެނގި ނައިޝަމް އާ ބައްދަލުވުމަކީ އޭނާވެސް އެދޭގޮތެވެ. އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާކޮށްގެން އައިފަހުން ނައިޝަމް ވަޒީފާއަށް ނުނިކުންނާތީވެސް ކޮންމެ ހިނދަކު އޭނާ ވިސްނައެވެ. ހަގީގަތުގައި އޭނާ ބޭނުންވާ ބާރިމިނުގައި ނައިޝަމް ދިރިއުޅޭތަން ނުފެނެއެވެ. އޭނާއަށް ފެންނަނީ ނައިޝަމްގެ ފުށުން ހަމަހިމޭން ކަމެވެ. ކެއުން ބުއިމާ ދުރުތަނެވެ. ގިނަވަގުތު ކޮޓަރީގައި އުޅޭތަނެވެ. ނައިޝަމްގެ ތުންފަތްމަތިން ހިނިތުންވުމެއް ނުފެނެއެވެ. ކުރިއަށް ވުރެވެސް ބަސް މަދުވެއްޖެއެވެ. ހަރުކަށިކަން ފެންނަ ހިނދުކޮޅުވެސް އާދެއެވެ.
"ކޮންމެ ގޮތެއް ހަދާފަވެސް ބައްޕަ ބޭނުން އެމަންޖެ ހޯދަން. ބައްޕަގެ ހިތުގައި އުފެދެނީ އެންމެ ސުވާލެއް. ނައިޝަމް އެހާވަރުން އުޅޭއިރު އެމަންޖެ ކޮބައިބާވައޭ؟" ފަހުމީ ބުންޏެވެ.
އެވާހަކަތަކަށް ނަހުމާ އެއްޗެއް ނުބުނެއެވެ. ތެދެކެވެ. ހެލީން ކޮބައި ހެއްޔެވެ؟ ނައިޝަމް ފަރުވާއަށްފަހު އައުމުންވެސް މޫނު ދެކިލަން ނައީ ކީއްވެ ހެއްޔެވެ؟ ހާލު ބަލަން ނުގުޅީ ކީއްވެ ހެއްޔެވެ؟ ކުއްލިއަކަށް ފިލީ ކީއްވެ ހެއްޔެވެ؟ ދެކުދިން ލޯބިން އުޅުނުގޮތް ނަހުމާއަށް ވަނީ ފެނިފައެވެ. އޭރު އެންމެންވެސް ދުށީ ތަފާތު ނައިޝަމްއެކެވެ. ގޭތެރޭގައި އެއް އަޑަކަށް އޮންނާނީ ނައިޝަމްގެ ސަކަރާތުގެ އަޑެވެ. އަބަދު އިންނާނީ ހެލީން އަށް ގުޅައިގެންނެވެ. އެއީ ދެ ހަށިގަނޑަކަސް އެއް ފުރާނައެކެވެ. ވީއިރު ކުއްލިއަކަށް ހެލީން އަށް އެހާ ބަދަލު އައީ ކީއްވެގެން ހެއްޔެވެ؟ ހެލީން އަށް ވީ ކޮންމަޖުބޫރެއް ހެއްޔެވެ؟ މަންމަ ބުނި ފަދައިން ހަމަ ހަގީގަތަށްވެސް ހެލީން ދިރިއުޅުމެއް ފެށީ ހެއްޔެވެ؟ ނައިޝަމްދެކެ ހެލީން ވީ ހުވަފެން ފަދަ ލޯތްބެއް ހެއްޔެވެ؟ ނައިޝަމް އަށް ދެއްކި ދުވަހަކުވެސް ހަގީގަތަކަށް ނުވާނޭ ހުވަފެންތަކެއް ހެއްޔެވެ؟ މަންމަ އެބުނީ ތެދަކަށް ވާނަމަ ހެލީން ވާނީ ވަރަށް ބޮޑު ކެހިވެރިއަކަށެވެ. ނޫނެކެވެ. ކެހިވެރިއެއްގެ ތާޖު ހެލީންގެ ބޮލަށް އަދި ހެޔޮވަރުކުރާކަށް ނުވެއެވެ. ގޮތް ނިންމަންވާނީ ހުރިހާ ކަމެއް އެނގި ސާފުވި އިރަކުންނެވެ. ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ނަހުމާ ބޭނުންވިއެވެ. އެކަމަކު އެ ސވާލުތަކުގެ ޖަވާބު އޭނާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އެ ސުވާލުތަކުގެ ޖަވާބު ހޯދަންޖެހޭނީ ހެލީންގެ ފަރާތުންނެވެ. މިވީގޮތުން މިޖެހުނީ ހެލީން ވީތަނެއް ހޯދާށެވެ.
****
ރޭގަނޑުގެ ކެއުން ނިންމާލި ގޮތަށް ނައިޝަމް މޭޒު ކައިރިން ތެދުވެއްޖެއެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް ކޮޓަރިއަށް ވަންނާށެވެ. ބާކީ އޮތް ވަގުތު އޭނާ ހޭދަކުރަނީ ހެލީންގެ ނިއްވާލާފައި އޮތް ފޯނަށް ގުޅުމަށެވެ. މީގެކުރިން ހެލީން ބޭނުންކުރި ސޯޝަލް މީޑިޔާތަކުގެ އެކައުންޓުތަކަށް ވަދެ ދެލޯބިވެރީން ލޯބީގެ ދުނިޔޭގައި އުދުހުނު އިރު އެކުގައިދައްކާފައިވާ ވާހަކަތަކާ ނަގާފައިވާ ފޮޓޯތައް ބެލުމުގައެވެ. ކިތަންމެ އިރަކުވެސް ފޫހިކަމެއްނެތި ނިވާލާފައިކަމަށް ބުނެ ދިރާގުން ފޮނުވާ މެސެޖް އަޑުއަހަން އޭނާ އޮވެދާނެއެވެ. އެސްފިޔަ ޖަހައިވެސްނުލާ ހެލީންގެ ތަސްވީރަށް ބަލަން އޭނާ އޮވެދާނެއެވެ. ބައެއްފަހަރު ހެލީން މަތިން ހަނދާންވެ ހިތަށް ކެތްކުރަންދަތިވުމުން އޭނާއަށް ރޮވެއެވެ. ހެލީންގެ ހަނދާންތަކުން އޭނާއަށް ކެތްކުރަންދަތި ވޭނަކަށް ވެއްޖެއެވެ.
"އެދިޔައީ ކޮޓަރިއަށް. ދެން އެހެން އޮވެދާނެ އިރުއަރަންދެންވެސް. ވާހަކަދައްކާލަންވެސް މަޑުކޮށްނުލަނީ އޭ ހަމަ" މޭޒު ކައިރީގައި އިން ޔޫހާ އަށް ނިގާރު ބުންޏެވެ.
"އަޅާނުލާ. މަޑުމަޑުން ރަނގަޅުވެދާނެ. ނައި އަށް ބޭހެއް ބޭނުމެއްނުވޭ. ބޭނުންވަނީ އެއްބާރުލުން. އެހުރިހާކަމެއް ރަނގަޅު ކުރެވޭނީ ނައި އަށް. އެކަމަކު އެއީ ނިގިއްތަމެންގެ އެއްބާރުލުން ލިބިގެން. މިސާލަކަށް ހެލީން ވީތަނެއް މިގޭ އެއްވެސް މީހަކަށް ނޭނގޭ. ހެލީން ހޯދަން އެންމެންވެސް މަސައްކަތްކުރާކަން ނައި އަށް އިހުސާސްކޮށްދިނުން. ގިނަގިނައިން ޕޮޒިޓިވް ވާހަކަތައް ނައި ކައިރީގަ ދެއްކުން. އެންމެންވެސް ތިބީ ނައި އާ އެކުގަކަން އަންގައިދިނުން. މިގޮތަށް ކަންތައްކޮށްބަލަ ނިކަން. މާގިނަ ދުވަހެއް ނުވަނީސް ނައި އެއްކޮށް ހަމަޔަކަށް އެޅިދާނެ. ހެލީން މީހަކާ އިނދެގެން އުޅެންޏާ ނައި އެކަންވެސް ގަބޫލުކޮށްފާނެ. މަޑުމަޑުން އޭނާގެ ދިރިއުޅުމުގެ މިސްރާބު އެހެން ދިމާލަށް ބަދަލުކޮށްފާނެ" ޔޫހާ ބުންޏެވެ. "ދައްތައާއި ބޭބެ މިހާރު ބޭނުންވަނީ ތިދެކުދީންގެ ކައިވެނީގެ ކަންކަން ނިންމަން. އެކޮއިގެ މަންމަމެން އަންނަނީ ކޮންއިރަކުން؟"
ނިގާރުގެ ޖުމްލައާއެކު ޔޫހާ ހިމޭންވިއެވެ. ނަހުމާ ހިތްހަމަނުޖެހި ނިގާރަށް ބަލައިލިއެވެ.
(ނުނިމޭ)
އިހުތިޔާރެއް ނެތޭ ހިތަކަށް ހުވާ
ވަރަށް ރީތި މިބައިވެސް. ތަފާތު ސްޓޯރީއެއް. ވަރަށް ޝައުގުވެރި. ކަވަރ ފޮޓޯ މިހާރު ސަޅި.
ނަންނަ - 1 އަހަރު ކުރިން