"ހީރާ ޕޭރީ 3" އާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލައާއި ޕަރޭޝް ރާވަލް ކުއްލިގޮތަކަށް އެ ފިލްމުން ވަކިވުމާ ގުޅޭ އަކްޝޭ ކުމާރު ވާހަކަދައްކައިފިއެވެ. އަކްޝޭ މި މައްސަލައިގައި ވާހަކަދައްކާފައި ވަނީ "ހައުސްފުލް 5" ގެ ޓްރެއިލާ ނެރުމަށް ބޭއްވި ހަފުލާގައެވެ. މިއީ އަކްޝޭ މި މައްސަލައިގައި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ.

"ހީރާ ޕޭރީ 3" އިން ޕަރޭޝް ވަކިވުމާ ގުޅިގެން އޭނާއަކީ "މޮޔަ"އެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރާތީ، އެކަމާ ގުޅޭގޮތުން އަކްޝޭ ބުނެފައިވަނީ އޭނާގެ އެކްޓިން ޕާޓްނަރަކާ ދޭތެރޭ އެފަދަ ބަހުރުވައެއް ބޭނުންކުރުމަކީ ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ. އަދި ޕަރޭޝްއަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި، ވަރަށް މޮޅު އެކްޓަރެއް ކަމަށް ވެސް ބުނެފައިވެއެވެ. އަކްޝޭ އިތުރަށް ބުނެފައިވަނީ މިހާރު މި މައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފައި ކަމަށާއި، އެހެންކަމުން އެކަމާ ބެހޭގޮތުން އިތުރަށް ވާހަކަދެއްކުމަކީ އޭނާ ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ރިޕޯޓުކުރެވިފައިވާ ގޮތުގައި، ޕަރޭޝް މި ފިލްމުން ވަކިވުމާ ގުޅިގެން މާލީ ގެއްލުންތަކެއް ލިބުނު ކަމަށް ބުނެ، އަކްޝޭ ވަނީ ޕަރޭޝްގެ މައްޗަށް ދައުވާ އުފުލައިފައެވެ. މިކަމާ ގުޅޭ ގޮތުން ޕަރޭޝް ބުނެފައިވަނީ އޭނާގެ ވަކީލު ވަނީ ފިލްމުން ވަކިވުމާ ގުޅޭގޮތުން "އެކަށީގެންވާ ޖަވާބެއް" ފިލްމުގެ އުފެއްދުންތެރިންނަށް ފޮނުވާފައި ކަމަށެވެ.

ކުރީން ހީވެފައި އޮތް ގޮތުގައި ޕަރޭޝް ފިލްމުން ވަކިވެފައިވަނީ ހިޔާލު ތަފާތުވުމުގެ ސަބަބުންނެވެ. ނަމަވެސް، މިދިޔަ ހަފުތާގައި ޕަރޭޝް ވަނީ އެއީ ހަގީގަތް ނޫން ކަމަށް ބުނެ، ފިލްމުގެ ޑައިރެކްޓަރު ޕްރިޔަދަރްޝަން އަށް އޭނާގެ އިހުތިރާމާއި ލޯބި އޮތް ކަމަށް ބުނެފައެވެ.

"ހީރާ ޕޭރީ" ސިލްސިލާގައި ޕަރޭޝް ކުޅޭ ބާބޫރާއޯ ގަންޕަތުރާއޯ އަޕްޓޭ ނުވަތަ ބާބޫ ބައްޔާގެ ކެރެކްޓަރަކީ އިންޑިއަން ސިނަމާގެ އެންމެ މަގުބޫލު ކޮމެޑީ ކެރެކްޓަރުތަކުގެ ތެރެއިން އެއް ކެރެކްޓަރެވެ.