މެންދުރު ބްރޭކް ގަޑީގައި ދާމިންއާއި އެކުގައި އަސަލް ދިޔައީ އޮފީސް ކައިރީގައި ހުންނަ ރެސްޓޯރެންޓަށެވެ. ވަގުތުގެ ގޮތުން ރެސްޓޯރެންޓުން ފެންނަނީ ހަލަބޮލިކަމެވެ. އަސަލްއާއި ދާމިންއަށް މޭޒެއް ލިބުނީ ރެސްޓޯރެންޓްގެ މަތީ ފަންގިފިލާއިންނެވެ. ގޮނޑީގައި އިށީނދެ ހަމަޖެހިލުމާއެކު ވެއިޓަރަކު އައިސްފިއެވެ. ވެއިޓަރުގެ އަތުގައި އޮތް ތަބުން ނެގި ފެންފުޅިއާއި ތަށި މޭޒުމަތީ ބެހެއްޓިއެވެ.

''ޔޫޝުއަލް؟...'' މެނޫ ދިނުމުގެ ބަދަލުގައި ވެއިޓަރު ސުވާލުކޮށްލިއެވެ. އެއީ އަސަލްއާއި ދާމިން ގަވައިދުން އަންނަ ތަނަކަށް ވާތީ ދެނެފަރިތައީއެވެ. ދާމިން ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. އެއާއެކު ވެއިޓަރު ހިނގައްޖެއެވެ. ދާމިންގެ ސަމާލުކަން އަސަލްއަށް ހުއްޓުނީ ދެނެވެ. އަސަލްގެ މަންމަ އައުމުން ގޭތެރޭގެ ހާލަތު އޮޅުން ފިލުވާލަން އޭނަ ހުރީ ބޭނުންވެފައެވެ. ހެނދުނާ އޭނައަށް ވަގުތެއް ނުވީ ފުލުފުލުގައި މީޓިންގްތައް އޮތީމައެވެ.

''އަސަލްގެ ޕްރޮޖެކްޓް ދަނީ ކިހިނެއްތަ، އަންނަ ހަފްތާގަ ޖެހޭދޯ ކްލައިންޓާއެކު މީޓިންގްއަކަށް ދާން؟...'' ދާމިން ފެށީ ދުރުދުރުންނެވެ. އަސަލްއާއި ދާމިންއަކީ ވެސް ކުޅާދާނަ ދެ އާކިޓެކްޓުންނެވެ. މިހާރު ވެސް އުޅެނީ ސުޕަވައިޒަރުންގެ މަޤާމުގައެވެ. މަސައްކަތަށް ބަހައްޓާ ސަމާލުކަމުން ކުންފުނީގެ ވެރިންގެ އިތުބާރު އޮތީ ލިބިފައެވެ. ކުންފުނިން ދާދިފަހުން ހުސްވި އެސިސްޓެންޓް މެނޭޖަރުގެ މަޤާމާއި ގުޅިގެން އަސަލްއާއި ކުންފުނީގެ ބޮޑެތި މީހުން ވަނީ ވާހަކަދައްކާފައެވެ. ނަމަވެސް އޭނަ ވަކި ޖަވާބެއް ނުދެއެވެ.

''ޕްރޮޖެކްޓްގެ ވާހަކަ ނޫންކަން ނޭނގެ އަހަން ތިއުޅެނީ... ދެން ސުވާލު ކުރީމަ ބުނެދީފާނަން، ޕްރޮޖެކްޓް ރަނގަޅަށް ދަނީ، ތި ބުނިހެން މީޓިންގްއެއް ވެސް ޝެޑިއުލްކޮށްފަ އެބަ އޮތް...'' ފެންފުޅި ކަނޑާލައި ތަށްޓަށް ފެންއަޅަން އުޅުނު އަސަލް ބުންޏެވެ.

''ޔޫ ގޮޓް މީ...'' ދާމިން ލުއި ހިނިތުންވުމެއް ދިނެވެ. ''މަންމަ ކިހިނެއްތަ؟...''

''ރަނގަޅު، މަންމައަށް ޤައިލާގެ އުޅުން ފާހަގަވެއްޖެ...'' ފޮރުވުމެއް ނެތި އަސަލް ހާމަކުރީ ތެދެވެ. ރޭގައި ޤައިލާއާއި ދެމެދު ބަދަލުކުރެވުނު ބަހުގެ ހޫނު ހަމަލާތަކާއި، ޤައިލާ ކަންތައްކުރި ގޮތާއި، މަންމައަށް އެމަންޒަރު ފެނުނުކަން އަސަލް ބުނެދިނެވެ. ހަމައެއާއެކު ފަތިހު މަންމައާއި ދެކެވުނު ވާހަކަތައް ވެސް ހިއްސާކޮށްލިއެވެ. އަޑުއަހަން އިނދެފައި ދާމިން އެކަމާއި ގުޅުވައިގެން ވާހަކަދައްކަން ފެށީ އަސަލް ނިމުމުންނެވެ. އޭރު އަސަލް އިނީ ދާމިން ބުނާނެ އެއްޗަކަށް މަޑުކޮށްލައިގެންނެވެ.

''ޤައިލާ އުޅެނީ އަޒް ރުޅިއަރުވަން، ކޮންމެވެސް ކަމެއްގެ ބަދަލު ހިފަން އުޅޭހެން ވެސް ހީވޭ، އެހާ ވަރަށް މަންމަ ހުއްޓާ އެހެން ނޫޅުމަށް ބުނުމުން ވެސް އެކުރި ކަންތަކުން އެކަމަށް ހެކިދޭ...'' ދާމިން ވިސްނަމުން ބުންޏެވެ.

''އަހަންނަށް ވެސް ތިކަން މިހާރު ފެނޭ...'' އަސަލް ބުންޏެވެ. ''ހަޤީޤަތަށް ބުނާނަމަ ކުރިން ވި ލޯތްބެއް މިހާރަކު ނެތް، ވަކިވުމުގެ ޚިޔާލުން ހިތަށް ތަދުނުވަނީ އެހެންވެ، ދެރަވަނީ ހަޔާތުން ގެއްލިގެން ދިޔަ ދުވަސްތަކާއި މެދު... ޓު ބީ އޮނެސްޓް، މިހާރު ޤައިލާގެ ފަރާތުން ކުރިން ނުފެންނަ ވަރަށް ގިނަ ކަންތައް ފެނޭ، ހިތަށް އަރާ ކުރިން އެސިފަތައް ނުފެނުނީ ކީއްވެގެން ބާވައޭ..''

''އަޒް...'' ދާމިން ގޮވާލިއެވެ. ''ލޯބިވުމުން އުނިސިފަތަކާއެކުގައި ވެސް ބަލައިގަނެވޭނެ، އެކަމުގައި އަޒްގެ ކުށެއް ނެތް، ކައިވެނި ދަމަހައްޓަން އަޒް ކުރާ މަސައްކަތްތައް އަހަންނަށް ފެނޭ، އެކަމަކު އެއީ ހަމައެކަނި އަޒްގެ ޒިންމާއަކަށް ވެގެން ނުވާނެ، ފިރިމީހާއަށް އަދާކޮށްދޭން ޖެހޭ ހައްޤުތަކެއް ވާކަން ޤައިލާއަށް އެނގެން ޖެހޭނެ... ޤައިލާއަކީ މީހަކު ދޭ ނަސޭހަތަކަށް ބޯލަނބާނެ މީހެއް ނޫން... އަޒްގެ ދިރިއުޅުމަށް އޭނަ ނުފޫޒު ފޯރުވާފައިވާ މިންވަރު އަޒްގެ ވާހަކަތަކުން ވަރަށް ސާފު...... ރަށުން މާލެ ބަދަލުވީ ޤައިލާގެ އެދުމަށް، ޗުއްޓީއަށް ރަށަށް ދާން ޤައިލާ ބޭނުމެއް ނުވޭ، ޤައިލާގެ އަމަލުތަކުން ޢާއިލާއާއި ދުރުވުން ނޫންކަމެއް ނުވާނެ، ކުރިން މިކަމާ އެއްޗެއް ނުބުނެ ހުރީ އަޒް ހިތްހަމަނުޖެހިދާނެތީ، އެކަމަކު މިއީ ހަޤީޤަތް، ޝީ އިޒް ޓޮކްސިކް އެންޑް މެނިޕިއުލޭޓިވް...''

އަސަލް އިނީ ހިމޭނުންނެވެ. ދާމިންގެ ވާހަކަތަކުގައި އެކުލެވިގެންވި ހަޤީޤަތް އަސަލްއަށް ނޭނގެނީއެއް ނޫނެވެ. ޚުދު އޭނަގެ ދެލޮލުން ވަނީ ޤައިލާގެ މިޒާޖު ފާހަގަ ވެފައެވެ. ހާއްސަކޮށް މައިހާ ދެކެ ޤައިލާގެ ހިތުގައިވާ ދެކޮޅުވެރިކަމާއި ނަފުރަތެވެ. ނޭނގެނީ އެކަމުގެ ހަޤީޤަތެވެ. ޤައިލާގެ އަމަލުތަކުން އޭނަ ދެކެ ޤައިލާ ލޯބި ނުވާކަން ހާމަކޮށްދެއެވެ. އެއާއެކު އޭނަގެ ޒަމީރާއި އަސަލްއަށް ސުވާލުކޮށްލެވުނެވެ. އެއްއިރެއްގައި ވެސް ޤައިލާ އޭނަ ދެކެ ލޯބިވީ ހެއްޔެވެ؟ ކައިވެނި ކުރީ ދިރިއުޅުމެއް ބިނާކުރުމުގެ ފޮނި އުއްމީދުގައި ހެއްޔެވެ؟ އެސުވާލުތަކުގެ ޖަވާބު އޭނަ ޖެހޭނީ ޤައިލާގެ އަނގައިން ބުނުވާށެވެ. އެކަމާ ވިސްނާލިޔަސް ސިކުނޑީގެ ކަނެއްގައި ރިއްސާލައެވެ. ޒުވާބަކުން ނޫނީ ނުނިމޭނެތީއެވެ.

''ކޮންއިރަކުންތަ މަންމައަށް ކުރިހާ ކަމެއް ކިޔައިދޭނީ؟...'' ދާމިން އެހިއެވެ. އަސަލް ފަސްޖެހިދާނެހެން ދާމިންއަށް ހީވަނީއެވެ. މުސްތަޤުބަލެއް ނެތް ކައިވެންޏެއްގައި އެކުވެރިޔާ ދެމި ހުންނާކަށް ދާމިން ބޭނުމެއް ނުވެއެވެ. އޭނައާއި އަސަލް ފުރަތަމަ ބައްދަލުވިއިރު އަސަލްއަކީ އަބަދު ހެވިފައި ހުންނަ ޒުވާނެކެވެ. ސަކާ މިޒާޖެއްގެ ވެރިއެކެވެ. ނަމަވެސް މިހާރު އޭނަގެ ކުރިމަތީ ހުރި އަސަލްގެ ފަރާތުން ފެންނަނީ ހާސްކަމާއި އުދާސްކަމެވެ. އުފާވެރިކަމުގެ ލިސާނެއްގެ މިންވަރު ވެސް ނުފެނެއެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ނަފުސާނީ ގޮތުން މީހާ ބަލިކަށިވާއިރު ގިނަ ފަހަރު އަމިއްލަ މީހާއަށް އެކަން ރޭކާނުލާ ހިނގައިދާނެއެވެ. އެހެނަސް ގާތުގައި އުޅޭ މީހުންނަށް ކުދިކުދި ބަދަލުތައް ފެންނާނެއެވެ. އެކަމަށް އަލިއަޅުވާލަން ޖެހެނީ އެހެންވެގެންނެވެ.

''މަންމަ އަހަރެންގެ ކޮންމެ ނިންމުމަކަށް އެއްބާރުލުން ދޭނެ... އަހަރެން މިހާރު ނިންމައިފިން ޤާއިލާއާއި ވަކިވާން، މަންމަ ގާތު ސީދަލަށް ނުބުނެވުނަސް މަންމައަށް މިހާރު އެނގޭނެހެން ހީވަނީ... ވަބް އައި ވިލް ޓެލް ހާ...'' އަސަލްގެ އަޑުގައި ވަނީ ޔަޤީންކަމެވެ.

''ގުޑް...'' ދާމިން ބުންޏެވެ.

''ދާމިންގެ ނަސޭހަތުން ދިރިއުޅުމުގެ ހާލަތާ މެދު ވިސްނާލެވުނީ، ޔޫ އާރ އަ ގުޑް ފްރެންޑް، މިހާރު އަހަންނަށް ބޭނުންވަނީ ރަނގަޅު އެކުވެރިން...'' އަސަލް ބުންޏެވެ. އެވަގުތު އޭނަގެ ހަނދާނަށް އައީ މައިހާ އެވެ. ފަނޑު ހިނިތުންވުމެއް އަސަލްގެ ތުންފަތުގައި ދުވެލިއެވެ.

*****

ހަވީރު ފަހެއްޖެހި ފަހުން ރަމީޒާ ޑޮކްޓަރަށް ދައްކައި ޓެސްޓާއި ސްކޭންތައް ވެސް ހަދާ ނިމިއްޖެއެވެ. ނަތީޖާތަކުން މައްސަލައެއް ހުރިކަމަކަށް ނުދެއްކިއެވެ. ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ބޭސް ނެގުމަށާއި އެތަނުން އެއް ބޭސް އުނިކުރުން ފިޔަވައި އިތުރު އިރުޝާދެއް ޑޮކްޓަރު ނުދެއެވެ. މައިހާއަށް އެކަމުން ހަމަޖެހުން ގެނެސްދިނެވެ. މަންމަ ދުޅަހެޔޮ ސިއްހައިތެއްގައި ހުރުން އެއީ އޭނަގެ ދުޢާ އެކެވެ.

ޑޮކްޓަރަށް ދައްކައި ނިމުމުން، ހޮޓެލަށް ދިއުމުގެ ބަދަލުގައި އެންމެން ދިޔައީ ރަސްފަންނަށެވެ. އިރުއޮއްސޭ މަންޒަރު ބަލައިލާށެވެ.

ހުސް ޖޯއްޔެއްގައި ރަމީޒާއާއި ޖާހަތު އިށީނެވެ. މައިހާ ދިޔައީ އެތާ ހުރި ގާޑިޔަލަކުން ފެނާއި ބޯލާނެ އެއްޗެއް ގަނެލާށެވެ. ޖާހަތާއެކު އެކަނިވުމާއެކުގައި ޖާހަތަށް ރަމީޒާ ގޮވާލިއެވެ. ޖޯލީގައި ހަމަޖެހިލި ޖާހަތު ރަމީޒާއަށް އަވަސް ނަޒަރެއް ދިނެވެ.

''ކޮންމެވެސް ކަމެއް ވެއްޖެ...'' ރަމީޒާ ޔަޤީންކަމާއެކު ބުންޏެވެ. ހެނދުނު ޖާހަތުގެ މޫނު ފެނުމުން ވެސް އޭނަގެ ހިތަށް އެހެން އެރިއެވެ. ނަމަވެސް ސުވާލުކޮށްލާނެ ފުރުސަތެއް އޭނައަށް ނުލިބުނީއެވެ. ދުވަހުގެ ބޮޑުބައި ހޮސްޕިޓަލުގައި ހޭދަކުރަން ޖެހުނީތީއެވެ. މައިހާ ވެސް ގާތުގައި ހުރުމުން ވަކިން ވާހަކަދައްކާލެވޭ ގޮތެއް ނުވިއެވެ.

''ރޭގަ ރަމީމެން ފޮނުވާލާފައި މައްޗަށް އެރި ވަގުތު ކޮންމެވެސް ކަމަކާ އަސަލްއާއި ޤައިލާ ދެބަސްވަނީ، އަހަންނަށް ދެވުނު އިރު ޤައިލާ ކޮޓަރިއަށް ވަންނަމުން ބާރަށް ދޮރު ޖަހަނީ، އަސަލްއަށް އަހަރެން ފެނުމުން އިސްއޮބާލައިގެން ހުރެ ވަނީ ކޮޓަރިއަށް، ފަތިހު އަސަލްއާއި ސުވާލުކުރުމުން ވީ ކިހިނެއްކަމެއް ނުބުނޭ، އެކަމަކު މައްސަލަޖެހިގެން އުޅޭކަމަށް ބުނީ...'' ފުން ނޭވާއެއް ދޫކޮށްލަމުން ރަމީޒާ ބުންޏެވެ. ''އަހަންނަށް ހީވަނީ އަސަލް ބޭނުންވަނީ ވަރިވާންހެން...''

''ކީއްވެ ތިހެން ތިބުނީ؟...'' ރަމީޒާއަށް ލިބުނު ހައިރާންކަމުގައި ބުނެވުނެވެ. ދެލޮލުން ފާޅުވީ ސިހުމުގެ އަސަރެވެ.

''އަސަލް އެހީ އޭނަގެ ކޮންމެ ނިންމުމަކަށް އަހަރެން އެއްބާރުލުން ދޭނަންހޭ، އަހަރެން ބުނިން އާނއެކޭ...'' ޖާހަތު ބުނެދިނެވެ.

''ޖާތު...'' ރަމީޒާއަށް ގޮވާލެވުނެވެ. އޭނައަށް އިނދެވުނީ ހުއްޓުން އަރާފައެވެ. އަސަލްއާއި މެދު ޖާހަތު ވިސްނާވަރު ފެނިފައިވާތީއެވެ.

''އަހަންނަށް ތިކަމާއި ބުނާނެ އެއްޗެއް ނޭނގިފައި މިހުންނަނީ... އަސަލްގެ ނިންމުން ގޯހެއް ނުވާނެކަން ޔަޤީން، އެއީ ދުރު ވިސްނޭ ކުއްޖެއް، ހުރިހާ ގޮތަކުން ވިސްނާފައި ނޫނީ އެކަހަލަ ފިޔަވަޅެއް ނާޅާނެކަން އަހަންނަށް ޔަޤީން، ޤައިލާގެ ފަރާތުން އަހަރުމެންނަށް ނުފެންނަ ކަންތައްތައް އެސޮރަށް ނޫނީ ނުފެންނާނެއެއްނު، ޖާތު، މިކަމުގައި އަސަލްއަށް އެއްބާރުލުން ދިނުން އެއީ އެންމެ ބުއްދިވެރި ގޮތް، އެސޮރު ޖާތުގެ އެހީއަކަށް އެދެފިނަމަ އެސޮރާއި ސުވާލުކުރުމުގެ ބަދަލުގައި އެހީތެރިކަން ފޯރުކޮއްދީ، މަންމައާއި އެކަހަލަ ކަންތައް ހިއްސާކުރަން ފިރިހެން ދަރިފުޅަށް ފަސޭހައެއް ނުވާނެ، ޖާތުގެ އެހީ ބޭނުންވެފަ ހުރިލެއް ބޮޑުކަމުން އެބުނީ ވެސް...'' ރަމީޒާ ބުންޏެވެ. އޭނަ ބޭނުންވީ ޖާހަތަށް ހިތްވަރުދޭށެވެ.

''އެކަމަކު އެހާ ޅައުމުރުގަ ކައިވެނި ރޫޅިއްޖެއްޔާ ވާނީ ކިހިނެއްތަ؟، ކައިވެންޏަށް އެހާ ގިނަ ދުވަހެއް ވެސް ނުވޭ...'' ޖާހަތުގެ ހާސްކަން ފިލާދާ ގޮތެއް ނުވިއެވެ. ''ރަށު މީހުން ވެސް ފާޑުފާޑު ވާހަކަދައްކާވެ...''

''ޖާތު!... ކުރިން އަބަދު ބުނާނެ އަހަރެންމީ އެންމެ ޓެންޝަން ބޮޑު މީހާއޭ، މޭއި ކައިވެނިނުކޮށްގެން ރަށު ތެރޭ މީހުން ކިޔާ އެއްޗިއްސަށް އަޅާނުލާށޭ، އެމީހުން ދުލުކުރީގައި ނުހިފެހެއްޓޭނޭ... އަހަރެން ޖާތުގެ ނަސޭހަތުގައި ހިފީމެއްނު، މިހާރު މީ ޖާތުގެ ފަހަރު... އަސަލްއަށް ޤައިލާއާއެކު މުސްތަޤުބަލެއް ނުފެންނަނަމަ އެކައިވެނީގައި ދެމިހުރުމަށް އެސޮރަށް ބާރު ނާޅާތި، އެމިނިވަންކަން އެސޮރަށް ލިބެންވާނެ... ޒުވާން އުމުރުގައި ކައިވެނި ރޫޅުނަސް އަދި އެނިމުނީއެއް ނޫނޭ، ވެދާނެއެއްނު ޤައިލާއަށް ވުރެން ރަނގަޅު ބައިވެރިޔަކު އަސަލްގެ ނަސީބުގައި ލިޔެވިފައިވަނީކަމަށް ވެސް...'' ރަމީޒާ ބުންޏެވެ.

''އަހަރެން ދުވަހަކުވެސް އަސަލްގެ ނިންމުމަކަށް ފާޑެއް ނުކިޔާނަން...'' ޖާހަތު ބުންޏެވެ.

''އެހެންވީމަ އެސޮރަށް ވަގުތުދީ، ފަހަރެއްގަ ތިހީކުރާހެން ނުވެވެސް ހިނގައިދާނެއެއްނު، ދެން އެވަރަށް ވިސްނައިގެން ނުވާނެ...'' ރަމީޒާ ބުންޏެވެ. މައިހާ އަންނަތަން ފެނިގެން ޖާހަތުގެ އަތުގައި ރަމީޒާ ކޮއްޓާލިއެވެ. އިތުރަށް ޖާހަތު ވެސް އެމައުޟޫޢު ކުރިއަކަށް ނުގެއްދިއައެވެ. އޭނައަށް އަސަލްގެ ފޯނުކޯލް އައީ އެދަނޑިވަޅުގައެވެ.

''ރަސްފަންނުގަ، ދަރިފުޅަ ތި އަންނަނީދޯ...'' އަސަލްގެ ފޯނުކޯލް ނަގަމުން، އަސަލް ކުރި ސުވާލަށް ޖާހަތު ޖަވާބު ދިނެވެ. ޖޯލި ކައިރިއަށް ހުއްޓުނު މައިހާއަށް އަޑުއިވުނެވެ. އޭނަގެ ސަމާލުކަން ޖާހަތު ދައްކަމުން ދިޔަ ވާހަކައަށް ހުއްޓުނެވެ. ހެނދުނު އަސަލްއާއި ބައްދަލުވީއްސުރެން މައިހާ ހުންނަނީ ހިތް ނުތަނަވަސްވެފައެވެ. އަސަލް އޭނައާއި ވާހަކަދައްކަން ބޭނުންވެފައި ހުރިކަން އެނގޭތީއެވެ. އެބައްދަލުވުން ގޮސްދާނެ ރަސްތާއެއް ލަފާކޮށްލަން އޭނަގެ ޒަމީރު ނުކުޅެދުނެވެ.

*****

ދުއްވާއެއްޗެހިން މަގު ތޮއްޖެހިފައިވުމުން، ކާރުގެ ދުވެލި މަޑުކޮށްލައި ހުންގާނުގައި އިނގިލިތަކުގެ ކުރިން މަޑުމަޑުން ތަޅަން އަސަލް ފެށިއެވެ. މައިހާއާއި ބައްދަވުމުން ކަންތައް ކުރާނެ ގޮތަކާމެދުގައި އޭނަ ވިސްނިއެވެ. އެވިސްނުމުގައި އިންދާ އޭނަގެ ލޮލުގައި އަޅައިގަތީ އާޓް ޝޮކެޕެވެ. އެއާއެކު އަސަލްއަށް ކާރުގެ މިސްރާބު ބަދަލުކޮށްލެވުނެވެ. އާޓްޝޮޕް ކައިރި ކާރު ޕާކު ކުރާނެ ޖާގައެއް ހޯދާލެވުނެވެ. އެއަށްފަހު ކާރު ޕާކުކޮށްލާފައި އޭނަ ހިނގައިގަތީ އާޓްޝޮޕަށް ވަންނާށެވެ. ލުއި ހިނިތުންވުމެއް އަސަލްގެ ތުންފަތުގައި ވިއެވެ. އޭނަ އުޅުނީ މައިހާއަށް ދޭން ހަދިޔާއެއް ގަންނާށެވެ.

*****

އޮއްސެން ފެށި އިރުގެ ދަޅަތަކުން ހުޅުދާން ވަމުން ދިޔަ އުދަރެހުން މައިހާގެ މޫނަށް އުފަވެރިކަން ގެނެސްދިނެވެ. އިރުއޮއްސޭ ވަގުތަކީ އޭނަގެ ހިތުން ހާއްސަ މަޤާމެއް ދެވިފައިވާ ވަގުތެކެވެ. އެމަންޒަރުތަކުން އުފާވެރި ހަނދާންތަކެއް އާލާކޮށްލަދޭތީއެވެ. މައިހާ ހުއްޓިލައިގެން ހުރީ ރާޅުފަށާއި ކައިރީގައެވެ. ޖެހެމުން ދިޔަ ތާޒާ ރޯޅިތަކުގެ ފިނިކަން މައިހާއަށް އިހުސާސްކުރެވުނެވެ. އަބަޔާގެ ފަސްބައި ރޯޅިތަކުގެ ސަމާސާތަކާއެކު ދޭތެރެއަކުން ވިހުރިލައެވެ. އަތުގައި އޮތް ފޯނު ކަނޑުގެ ސަތަހައިގެ ނިވަލަށް ވަން އިރުގެ މަންޒަރަށް އަމާޒުކޮށްލެވުނެވެ. ފަހުން އެމަންޒަރު އޭނަގެ ފިހިތަކާއި ކުލަތަކުން ދިރުން ގެނެސްދޭން ހިތު ލަމުންނެވެ. ފޯނުން ފޮޓޯ ނަގައި، ފޯނު ތިރިކޮށްލިތަނާހެން ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ. މައިހާއަށް ފަސްއެނބުރިލެވުނެވެ.

މައިހާގެ ނަޒަރު ހުއްޓުނީ ލަސް ހިނގުމެއްގައި އެދިމާއަށް އަންނަމުން ދިޔަ އަސަލް އަށެވެ. އެއާއެކު މައިހާގެ މެޔަށް ފިނިވެލިއެވެ. އަސަލްއަށް ބަލަން މައިހާއަށް ހުރެވުނެވެ. ހުދުކުލައިގެ ގަމީހަކާއި، އަޅިކުލައިގެ ފަޓުލޫނާއި ކަޅު ބޫޓެއްގައި ހުރި އަސަލްގެ ޝަހުސިއްޔަތުގެ ވަރުގަދަކަން ހާމަކޮށްދެއެވެ. މައިހާ ފެނި ލޮލުގައި އޮތް އަވިއައިނު ނަގައި ހަދިޔާކޮށްލި ލުއި ހިނިތުންވުމުން ފާޅުކޮށްދިނީ އުފާވެރިކަމެވެ. މައިހާއަށް ހުރެވުނީ ގެއްލިފައެވެ. ހޭވެރިކަންވީ ރާޅުފަށްކައިރީގައި އުޅުނު ކުޑަކުއްޖެއްގެ ހުނުމުގެ އަޑުންނެވެ. އޭރު އަސަލް މައިހާއާއި އަރާހަމަކުރަނީއެވެ. މައިހާއަށް އޭނަގެ ނަޒަރު ތިރިކޮށްލެވުނެވެ.

''ހާއި...'' މައިހާގެ ކުރިމައްޗަށް އަސަލް ހުއްޓުނެވެ. އޭނައަށް މައިހާގެ މޫނުގައިވި ކުލަވަރުތައް ދޭހަކުރަން އުނދަގޫވިޔަސް، އެދެމެދުގައި އޮތް ހިމޭންކަމަށް ނިމުމެއް ގެންނަން އިސްވެ ވާހަކަދެއްކަން ފެށިއެވެ. އަތުގައި އޮތް ޖޫޓް ބޭގް މައިހާއަށް ދިއްކޮށްލަމުންނެވެ.

''ކޯޗެއްތަ؟...'' މައިހާއަށް އަހާލެވުނެވެ. އަސަލްގެ ފަރާތުން ފެނުނު އެކުވެރިކަމަށް ދެކޮޅުހަދާނެ ހިތްވަރެއް މައިހާއަކަށް ނުލިބުނެވެ. ތެދަށް ބުނާނަމަ އަސަލްގެ ގާތްކަމުން އޭނައަށް ހަމަޖެހުން ގެނެސްދިނެވެ.

''ހުޅުވީމައެއްނު އެނގޭނީ...'' އަސަލް ބުންޏެވެ. ސަމާސާ ރާގަކަށެވެ. އޭނަ ހުރީ މައިހާ ޖޫޓް ބޭގްގައި ހިފާނެ އިރެއްގެ އިންތިޒާރުގައެވެ. ހަދިޔާ ފެނުމުން މައިހާއަށް ވާނެ ގޮތަކާމެދު އަސަލް ހުރީ ޝައުޤުވެރިކަން އުފެދިފައެވެ.

މައިހާ ޖޫޓް ބޭގްގައި ހޯދަމުން އެތެރެ ބަލައިލިއެވެ. އެތެރޭގައި ހުރި ފެންކުލައާއި ފިހިގަނޑުތައް ފެނުމުމާއެކު އިސްއުފުލައި އަސަލްގެ މޫނަށް މައިހާއަށް ބަލައިލެވުނެވެ. އަސަލްގެ ތުންފަތުގައި ކުޅެލަނީ ފުޅާ ހިނިތުންތުވެމެވެ. ތޫނުފިލި ދެލޮލުގައިވަނީ އުފާވެރިކަމުގެ ނޫރެވެ.

މައިހާގެ މޭގައި އުފެދުނީ ތޫނު ރިހުމެކެވެ. ނޭވާލާން ވެސް މައިހާ ހުރީ އުނދަގޫވެފައެވެ. އަހަދިޔާއިން އަލާކޮށްދިނީ އޭނައާއި އަސަލްގެ މާޒީއެވެ. އަސަލް އަބަދު އޭނައަށް ފެންކުލަ ހަދިޔާކުރާނެއެވެ. ކުރެހުމަށް އޭނަ ލޯބިކުރާ މިންވަރު އެނގޭތީއެވެ. ރަށުގެ ފުށްޓަރުގައި ހުންނަ ހޮޅިއަށީގައި އިރުއޮއްސޭ މަންޒަރު ކުރަހާއިރުގައި އޭނަގެ ގާތުގައި އަސަލް ހުންނާނެއެވެ. އޭނަގެ މަސައްކަތަށް ތައުރީފުކުރުމުގައެވެ. އެކަމުން ނަފުސަށް ގެނެސްދިން ރާހަތުގެ އަސަރު ނުފިލާ ވެއެވެ. ވަގުތާއި ހާލަތުގެ ސަބަބުން އެރާހަތު ބަދަލުވެފައިވަނީ ގަދަފަދަ ވޭނަކަށެވެ.

''ކަމުނުދަނީތަ؟...'' މައިހާ ހުއްޓުން އަރާފައި ހުންނަން ފެށުމުން އަސަލްއަށް އަހާލެވުނެވެ.

''ނޫން...'' ގަދަކަމުން މައިހާ ހިނިތުންވެލިއެވެ. ''ކަމުދޭ...''

''އެހެންވިއްޔާ ނިމުނީ...'' އަސަލް އަނެއްކާ ވެސް ހިނިތުންވެލިއެވެ. މައިހާގެ ހިތް ރޯލިއެވެ. އެހިނިތުންވުންތަކުން އޭނައަށް ކުރާ އަސަރު އަސަލްއަށް އިހުސާސްވާނެ ނަމައެވެ. އެޚިޔާލާއެކު މައިހާގެ ޒަމީރު އޭނައާއި ދިމާއަށް އަޑުލައިގަތެވެ. އޭނަގެ މަޤާމު ހަނދާންކޮށްދެމުންނެވެ. ކުށްވެރިކަން އޭނަ ވަށާލީ ދެނެވެ.

''މަންމަމެން ދިޔައީތަ؟...'' އަސަލްއަށް ނުބަލަން މައިހާ އޭނަގެ ނަޒަރު ހުއްޓާލީ ޖޯލިތަކާއި ދިމާއަށެވެ. މަންމައާއި ޖާހަތު ނުފެނުމުން އަސަލްއާއި ސުވާލުކޮށްލެވުނީ އެހެންވެގެންނެވެ.

''ހޫމްމް، ހޮޓެލަށް ދަނީޔޭ ބުނީ...'' އަސަލް ބުނެލީ ދޮންވެލިގަނޑު މަތީގައި އިށީންނަމުންނެވެ. މައިހާގެ ގާތުގައި ވެސް އިށީނުމަށް އަސަލް އެދުނެވެ. މައިހާ އިށީނީ ވަރަށް ބޮޑު ހުސްޖާގައެއް ބާއްވަމުންނެވެ. ފަޅުކަން ފިލުވަން އަތުގައި އޮތް ޖޫޓް ބޭގު ހުސްޖާގައިގެ ދެމެދުގައި ބަހައްޓައިފިއެވެ.

(ނުނިމޭ)