އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ގާއިމްކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

ހަތްދިހަ ފަސް އެނދުގެ މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް ގައި ޖެނެރަލް ސާޖަރީތަކާއި ނިއުރޯ ސާޖަރީތަކާއި ޕްލާސްޓިކް ސަރޖަރީތަކާއި އޯތޯ ސާޖަރީތަކާއި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލި މީހުން އެޑްމިޓްކުރެވޭނެއެވެ

މި ވިންގާ އެކު އައިޖީއެމްއެޗުގެ އެނދުގެ ޖުމުލަ އަދަދު މިވަނީ 510 އަކަށް އަރާފައެވެ.

މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް އިފްތިހާހުކުރުމުގެ ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވަނީ، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާގެ ކުރިއެރުމަށް ރައީސް ދެއްވާފައިވާ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މާލެ ސަރަހައްދުގެ ސިއްހީ ބިނާރު ކުރިއެރުވުމުގެ ގޮތުން، ފާއިތުވެ ދިޔަ ދޮޅު އަހަރު ދުވަހު އައިޖީއެމްއެޗަށް 194 އެނދު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ.

އަބްދުއްރައްޒާގު ވަނީ، އިންސާނީ ވަސީލަތްތައް ތަރައްގީކުރެއްވުމަށްވެސް ރައީސް އިސްކަން ދެއްވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ދާއިރާއިން ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާކަމުގައި އޭނާ ފާހަގަކުރެއްވިއެވެ،

މަލްޓި-ސްޕެޝަލިޓީ ސާޖިކަލް ވިންގް އިފްތިތާހުކުރެއްވުމަށް ފަހު ރައީސް ވަނީ އެ ވިންގު ބައްލަވާލައްވައިފައެވެ.