އދ. ހަންޏާމީދޫ އަދި ލ. މާވަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހުމަދު ސައުދީއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމެވެ.

މި ދެ ރަށުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށް ފަހުއެވެ.

މާވަށު މަޝްރޫގެ އަގަކީ 89.13 މިލިއަން ރުފިޔާއެވެ. އެ މަސައްކަތް ނިންމަންދީފައިވަނީ 540 ދުވަސް ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. ހަންޏާމީދޫ މަޝްރޫއުގެ އަގަކީ 46.20 މިލިއަން ރުފިޔާ ކަމަށާއި އެ މަސައްކަތް 240 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ލ. މާވަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • 166,400 ކިއުބިކް މީޓަރުގެ ރާޅު ވެލި، ގޮނޑުދޮށަށް އެޅުން.
  • 55,500 ކިއުބިކް މީޓަރުގެ ހިމުންވެލި ގޮނޑުދޮށަށް އެޅުން.
  • 7500 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުންކުރުން.
  • 524 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުން.
  • 2024 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން.
  • 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން.
  • 260 މީޓަރުގެޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް.

އދ. ހަންޏާމީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • ރަށު ގޮނޑުދޮށަށް 14,322.75 ކިއުބިކް މީޓަރުގެ ރާޅު ވެލިއެޅުން.
  • 14,322.75 ކިއުބިކްމީޓަރުގެ ހިމުން ވެލި ގޮނޑުދޮށަށް އެޅުން.
  • 455 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުން.
  • 440 މީޓަރުގެ ބޮޑުހިލައިގެގްރޮއިން ޖެހުމުގެ މަސައްކަތް.