ޓެރަސްމަތި ވަނީ ކުލަ ބޮކިތަކުން ދިއްލާލާފައެވެ. ލުއި މިޔުޒިކެއް ފަދައިން އިވެމުންދިޔަ އަޑަށް ތަނަށް ވެރިވެފައި ތިބި ހުރިހާ މެހްމާނުންގެ ހިތް ދޫކޮށްލައިގެން ތިއްބެވެ. ކައިވެނި ކުރުމަށް ހާއްސަކޮށްފައިވާ މީހުން ތިބުމަށް ހަމަޖެހިފައިވާ ގޮނޑިތަކުގައި ކޯޓުގެ ބޭފުޅުން އިށީނދެއްޖެއެވެ. މާގިނަ އިރެއްނުވެ ކައިވެނި ވެވޭ ޒުވާނާ އިށީނެވެ. ޒުވާނާގެ ތުންފަތްމަތީގައިވީ ފޮނި ހިނިތުންވުމެކެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ އޭނާގެ ހިތުގެ މަލިކާ ފެންނާނެ ވަގުތަކަށެވެ. މެހެމާނުންވެސް ކެތްތެރިކަމެއްނެތި އެކި ދިމާ ހޯދަމުން ދިޔައެވެ. އެންމެން އިންތިޒާރުކުރީ އަންހެންކުއްޖާ ފެންނާނެ އިރަކަށެވެ. ކައިވެނި ޕާޓީއެއް ވިއްޔާ ހުރިހާމީހުންވެސް އިންތިޒާރުކުރާނީ ކައިވެނިކުރާ އަންހެންކުއްޖާ ފެންނާނެ ވަގުތަކަށެވެ. އަންހެންކުއްޖާ ތައްޔާރުވެގެން ހުރި މިންވަރާއި ފާޑުކިޔާނެ ކިތަންމެ ބަޔަކު ތިބޭނެއެވެ.
"ޒުނީނު.." މެހްމާނުންތަކަށް ޕާޓީ ކުރިއަށް ރޭވިފައިވާ ގޮތް ކިޔައިދޭން ހުރި ޒުނީނަށް އޭނާގެ ފިރިމީހާ ސާލިމް ގޮވާލިއެވެ. ޒުނީނު އައިސް ސާލިމް ކައިރީގައި ހުއްޓުނެވެ. އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ.
"ހެލީން ގޮވައިގެން އާދޭ. ވަރަށް ވަގުތު ކުޑަތަންވެއްޖެ. އަވަސް" އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ސާލިމް ބުންޏެވެ.
ބޯޖަހާލާފައި ޒުނީނު ހިނގައިގަތީ ސިޑި އާ ދިމާލަށެވެ.
މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިޔާ ހަންނާން ފާރޫގް ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޒަމްރު ހަންނާން ފާރޫގް ގެ ކައިވެނި އޭނާ ދަރިއެއް ފަދައިން ދެކޭ ހެލީން އާއި ހަމަޖެހުނުކަން އެއީ ސާލިމް ދެކޭގޮތުގައި އޭނާ ނަސީބެވެ. ކައިވެންޏަށް އެދުނީ ހުދު ހަންނާން ފާރޫގެވެ. ކައިވެންޏަށް އެދިގެން އެގެއަށް އައީވެސް ހަންނާން ފާރޫގާއި އޭނާގެ އަނބިމީހާ މާޔޫންއެވެ. ފުރަތަމަ ސާލިމަށް ގަބޫލުވެސް ނުކުރެވުނެވެ. ހަންނާންގެ މުވައްޒަފެއްގެ ގޮތުގައި މާލޭގައި ހިންގާ އެންމެ ބޮޑު ގެސްޓްހައުސްގެ ހިންގަން ހަވާލުކޮށްފައި ހުންނަނީ ސާލިމާ އާއެވެ.
"އެމަންޖެދެކެ ޒަމްރު ވަރަށް ލޯބިވޭ. ކައިވެންޏަށްފަހު އެމަންޖެ އަށް މަދުވާނެ އެއްވެސް އެއްޗެއް ނޯންނާނެ. މުޅި އުމުރަށް ރާނީއެއް ފަދައިން އުޅޭނެކަން ޔަގީން. އެމަންޖެއަށް އެއްވެސް ދެރައެއް ނުދޭނެކަމަށް އަހަރެން ވައުދުވަން"
އަދިވެސް އެދުވަހު ހަންނާން ފާރޫގް ދެއްކި ވާހަކަތައް ސާލިމް ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ސާލިމްގެ ތުންފަތް އަނެއްކާވެސް ހިނިތުންވުމަކުން ދެމިލައިފިއެވެ.
މާލޭގައި ދިހަ ބުރިއަށް ހިއްލާލާފައިވާ ޒަމާނީހިޔާ ގެ އެންމެ މަތީ ޓެރަހުގައި ކުރިއަށްދާ އެ ހަފްލާގައި ސަލާމަތީ ކަންކަން ބަލަހައްޓަން ދިހަ ވަރަކަށް ގާޑުން ސިޑި ކައިރީގަ އާއި އަދި ގެއަށް ވަންނަ ގޭޓު ކައިރީގައި ހަރަކާތްތެރިވަމުންދާއިރު ވަންނަން އެތެރެއަށް ވަންނަ ކޮންމެ މީހަކު އަތުގައި ޕާޓީއަށް ހާއްސަކޮށް ފޮނުވާފައިވާ ކާޑު އޮތްތޯ ޗެކްކުރުމާއި އެމީހުންގެ ދަބަސްތަކާއި އަތުގައި ހުރި އެހެނިހެން އެއްޗެހިތައްވެސް ބަލާފާސްކުރަމުން ދިޔައެވެ. ކުއްލިއަކަށް އެންމެންގެ ނަޒަރު ހުއްޓުނީ ޒުނީނާއެކު އެދިމާލަށް އައި އަންހެންކުއްޖާއެވެ. ހުދުކުލައިގެ ކައިވެނީގެ ބޮޑު ހެދުމުގައި ހުރި އަންހެންކުއްޖާގެ އަތްތިލައިގައި ހިފަހައްޓާލައިގެން ހުރި ޒުނީނުގެ މޫނުމަތި ވަނީ ފިނިފެންމަލެއްހެން ފޮޅިފައެވެ. ޒުނީނަށް ވުރެ އިސްކޮޅުން ދިގު ހެލީންގެ އަޅައިގެން ހުރި ހުދުކުލައިގެ ބުރުގަލާއި އިންވެގެން ފަހަތަށް ދޫކޮށްލާފައިވާ ހުދުކުލައިގެ ލޭސްފޮތީގެ ބޮޑު ބައި ހެލީން ފައިބަމުންދާ ވަރަކަށް ސިޑީގެ ހަރުފަތްތަކުގައި ބޮސްދެމުން ފައިބަމުން ދިޔައެވެ. އެހެންނަމަވެސް އެ ބޮޑު ޝާހީ ޕާޓީގެ ތެރެއިން ޕާޓީއަކާ އެންމެ ވައްތަރުނޫން ކަމަކަށް ފެނުނީ ހިނިތުންވުމެއް ނެތް ހެލީންގެ ތުންފަތެވެ. ކުރެވެން އުޅޭ އަލަތު ކައިވެނީގެ އުފާވެރިކަމެއް ހެލީންގެ ހަނދެއްފަދަ މޫނުމަތިން ފާޅުވާން ނެތުމުން ގިނަބަޔަކު އެކަން ފާހަގަކުރިއެވެ. އިޝާރާތުން ކިތަންމެ ފަހަރަކު ހެލީން ގާތުގަ ހިނިތުންވާން ޒުނީނު ބުނެފިއެވެ. އެހެންނަމަވެސް އެކަން ހެލީންއަށް ނުވިއެވެ.
"ހެލީން ދެރަވެފަ އެހެރީ ދަރިފުޅު ފެންނަން ނެތީމަ. ދޭ ގޮވައިގެން އަންނަން" ގޮނޑީގައި އިން ޒަމްރުގެ ފުރަގަހުން ހުއްޓި ދެކޮނޑުގައި ހިފަހައްޓާލަމުން މާޔޫން ބުންޏެވެ. ޒަމްރު އެދިމާ ބަލައިލިއެވެ. ހޫރު ޕަރީއެއް ފަދައިން އޭނާ އާ ދިމާލަށް ބަލަން ހުރި ހެލީން ފެނި ޒަމްރުގެ ހުރިހާ ހިއްސެއް ހޭލައިގަތް ކަހަލައެވެ. ކައިވެނިވެވޭނެ ވަގުތަކަށް އޭނާގެ ކެތްތެރިކަން ކުޑަވެއްޖެއެވެ. ގޮނޑިން ތެދުވެ ލައިގެން ހުރި ކޯޓުގެ ދެފަރާތުގައި ހިފާލާފައި ގާތްކޮށްލަމުން ހެލީން އާ ދިމާލަށް އޭނާ ހިނގައިގަތެވެ. އެއާއެކު މަޑުމަޑުން ކުރިއަށް ހިނގަމުން އައި ހެލީން ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ޒަމްރު އަންނަތަން ފެނުމުން ހެލީން އަތުން ދޫކޮށްލާފައި ޒުނީނު އުޅުނީ ދުރަށްޖެހޭށެވެ. އެހިނދު ޒުނީނުގެ އަތަށް ހެލީން ބާރުކޮށްލިއެވެ. އޭނާގެ އަތުން ދޫކޮށްލާފައި ޒުނީނު ގާތުގައި ނުދާށޭ ބުނި ކަހަލައެވެ.
"ކިހިނެއް ތިއުޅެނީ؟" ޒުނީނު ވާހަކަދެއްކީ ހިނިތުންވުމަކާއެކު މަޑުން ނަމަވެސް އޭނާގެ އަޑުގައި އެކުލެވިގެންވި ހަރުކަށިކަން ހެލީން އަށް ފާހަގަވިއެވެ.
ގަދަކަމުން ހެލީންގެ އަތް ވަކިކޮށްލާފައި ޒުނީނު ދުރަށްޖެހުނެވެ. ކައިރީގައި އައިސް ހުއްޓުނު ޒަމްރުއަށް ހިނިތުންވުމެއް ދީފައި އޭނާ ގޮސް ހުއްޓުނީ އެއްފަރާތުގައި މަޑުކޮށްގެން ހުރި ސާލިމް ކައިރީގައެވެ.
"މާޝާﷲ. ވަރަށް ގުޅޭ ދެކުދިން" ސާލިމް އަށް ބަލައިލަމުން ޒުނީނު ބުންޏެވެ.
ޒަމްރު ދިއްކޮށްލި އަތްތިލައިގައި ނުހިފަން އެތައް އިރަކު ހެލީން ހުއްޓެވެ. ވަށައިގެން ތިބި މީހުންގެ ތެރެއިން ދުރުގައި ތިބި އޭނާގެ ބަލަދުވެރިންނަށް އޭނާއަށް ބަލައިލެވުނީ ނޭނގުމުގެ ތެރެއިންނެވެ. އެހިނދު ޒުނީނު ބަލައިލި ނަފްރަތުގެ ބެލުމާއި ދެލޮލުން ކުރި އިޝާރާތުން ހެލީންއަށް މަޖުބޫރުވީ ޒަމްރު ދިއްކޮށްލި އަތުގައި ހިފާށެވެ. ޒަމްރުގެ އަތުގައި ހިފާލައިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ދެމަފިރިންނަށް ވާންތިބި ދެ ޒުވާނުން ކުރިއަށް ހިނގާފައި އައި މަންޒަރުތައް އެތައް ކެމެރާއެއްގެ ލެންސަށް އަރަމުން ދިޔައެވެ.
"މަންމައަށް އެބަފެނޭތަ؟" ޒުނީނު ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. ކައިރީގައި ހުރި އޭނާގެ ދަރިފުޅު ވިޝާލްއަށް ނަޒަރެއްދީފައި ހިމޭނުން ހުންނަން އެންގިއެވެ.
"ކީއްވެ ހެލީ އާ މެދު މަންމަ ތިހާ ހިތް ހަރުވެގެން ތިއުޅެނީ؟" ވިޝާލް ބުންޏެވެ. އޭނާ ވާހަކަދައްކަނީ އެއްވެސް މީހަކަށް ނީވޭނެހެން ޒުނީނު ކަންފަތާ އަނގަ ކައިރިކޮށްގެން ހުރެއެވެ.
"ވިޝާލް އާ ނުބެހޭ ކަންތަކާ ނުބެހި ހުރޭ" ޒުނީނު ބުންޏެވެ.
"އަދިވެސް ވަގުތު ފާއިތެއްނުވޭ. ހެލީ އެތަނުން ދުރަށްގެންދޭ" ވިޝާލް ބުންޏެވެ.
"އަހަންނަށް ހީވަނީ ހެލީނުގެ ކައިވެނި ކުރެވޭތީ ވިޝާލުގެ ހިތަށް ތަދުވަނީހެން. ކިތައްދުވަހު ބުނެފިން ހެލީނުގެ ވާހަކަ ވިޝާލު ކައިރީގައި ނުދައްކާށޭ" ޒުނީނު ހިތްހަމަނުޖެހިފައި ބުންޏެވެ.
"މަންމަގެ އޮންނަ ކަހަލަ ހިތެއްނޫން އަހަރެންގެ އޮންނަނީ. ހެލީގެ ތުންފަތުން ހިނިތުންވުމެއް ނުފެންނަހާ ހިނދެއްގައި މަންމަ ކައިރީގަ ހެލީގެ ވާހަކަ އަހަރެން ދައްކާނަން" ވިޝާލު ބުންޏެވެ.
"ކިހާ ދެރަކަމެއް މިދެން. މިތަނުން ދުރަށްދޭ. ތިއުޅެނީ މި އެންމެން މެދުގަ އަހަރެން ލަދުގަންނުވާނެ ގޮތެއް ނޭނގިގެންތަ؟" މިފަހަރު ޒުނީނަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ. ކައިރީގައި ތިބި މީހުންނަށް އަޑު އިވިގެން ޒުނީނަށް ބަލައިލިއެވެ. އެހިނދު ހިނިތުންވުމަކުން އޭނާގެ ހިތްހަމަނުޖެހުން ފަރުދާކޮށްލިއެވެ.
ކައިވެނީގެ މަޖިލިސް ފެށުމާއެކު ތަން އެއްކޮށް ހިމޭންވެއްޖެއެވެ. ހެދުމުގެ ދެފަރާތުން ދެއަތްތިލައަށް ބޮނޑިކޮށްގެން އިން ހެލީން ދެލޮލަށް ކަރުނަ ޖަމާވުމާއެކު ހިންދާލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެނާގެ ހިތް ބުނާ ކަހަލައެވެ. މިއީ ހުވަފެނަކަށް ވާނެ ނަމައެވެ. މިކަން ހުއްޓުވާނެ މީހަކު އަންނާނެ ނަމައެވެ. ކައިވެނީގެ އެ އުފާވެރި ވަގުތުކޮޅުގައިވެސް އެހެން އަންހެންކުދިންނާ ހިލާފަށް އޭނާ ދިޔައީ އޭނާގެ ނަސީބާ ބަނަ މުސްތަގުބަލާމެދު ފިކުރުކޮށް އެތެރެއިން ރޮމުންނެވެ. އޭނާގެ ހިތް ޒަހަމްވެ ލޭގެ ކޯރެއް ހެދެމުންދާކަށް އެއްވެސް މީހަކަށް ނޭނގެއެވެ. އެއްވެސް މީހަކަށް ނީވުނަސް އޭނާގެ ހިތް ވަރަށް ބާރަށް ހަޅޭއްލަވަމުން އެބަދެއެވެ. އޭނާގެ އެންމެ ގާތް އެކުވެރިން ކޮބާ ހެއްޔެވެ؟ ފެންނަން ހުރީ ވިޝާހު އެކަންޏެވެ. އެ ކައިވެނިވެ ނިމެންދެން ވިޝާހަށް އެތަނަށް އައުމަށް ޒުނީނަށް ވަނީ މަނާކޮށްފައެވެ. ހެލީން އިސްއުފުލާ ހުރިހާ ދިމާލެއް ހޯދާލިއެވެ. އެހިނދު ތަންކޮޅެއް ދުރުގައި ހުރި ވިޝާހު އޭނާގެ ލޮލުގައި އަޅައިގަތެވެ. ދެކުދިންގެ ނަޒަރު ބަދަލުވެގެން ދިޔުމާއެކު ވިޝާހު އިސްޖެހިއެވެ. ހެލީން ދެތުންފަތް ބައްދާލިއެވެ. ވިޝާހަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން އޭނާއަށް އެނގެއެވެ. އެއީ ހަމައެކަނި ހެލީންއަށް ހިޔާލުދީ ހިތްހަމަޖައްސައިދޭން ހުރި އެކުވެރިޔާއެވެ. އޭނާ އާ ލޭގެ ގުޅުމެއް އޮތް ބޮޑުދައްތަގެ ފިރިހެން ދަރިފުޅެވެ.
"ކޮބާ ވިޝާހް؟ ނުއެއްފެނޭ" ސާލިމް ބުންޏެވެ.
"އެހެރީނު. މިކަހަލަ ތަންތަނަކީ އޭނާ އެހާ އަންނަހިއްވާ ތަންތަނެއް ނޫން. އެހެންވެ ފާޑަކަށް އެހުންނަނީ" ޒުނީނު ބުންޏެވެ.
މުޅި އުމުރަށް ޒަމްރުއަށް ހެލީން މިލްކުވާން އުޅުނު ވަގުތު ވީނުވީއެއް ނޭނގުނެވެ. ތަނަށް ހީވީ ނަގޫ ރޯޅިއެއް އެރިހެންނެވެ. ފިރިހެނެއްގެ ބާރު އަޑެއް އިވުނެވެ. ހަމަ ސިކުންތުގައި ތަނެއް މުގުރައިގެން ދިޔަފަދަ އަޑެއް އިވިގެން ދިޔައެވެ. ބައެއް ތަންތަނުން ކަރަންޓްވެސް ކެނޑުނެވެ. އިވެމުންދިޔަ މިޔުޒިކްގެ އަޑު ކެނޑި ކުޑަކުދިންތައް ބިރުން ބެލެނިވެރިންގެ ގައިގައި ބައްދަން ފެށިއެވެ. ހެލީންއަށް ވެސް ވީ އެވަރެވެ. އޭނާ އާ ދާދި ކައިރީގައި އައިސް ހުއްޓުނު ޒުވާނާ ފެނި ހެލީންއަށް ހީވީ އުޑު ބޮލަށް ވެއްޓުނު ހެންނެވެ. ދެލޯ ބޮޑުކޮށް ޒުވާނާ އާ ހަތަރުކަޅި ހަމަވިވަގުތު ހެލީންގެ ބޮޑު ދެލޮލުން ވެއްޓިގެން ދިޔައީ ކަރުނަ ތިއްކެކެވެ. ޒުވާނާގެ ދެލޮލުން ފެނުނު ވޭނާ ހިތާމަ އާއި ރުޅިވެރިކަން ފެނި ހެލީންގެ ދުލުގައި ތަޅެއް ލެވިގެން ދިޔަ ކަހަލައެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ އެއް ފިޔަވަޅު ފަހަތަށް ޖެހިލުމެވެ. ކަރުތާ ފެނާ ހަމައަށް މީހާ ގެނބި ނޭވާ ތާށިވެ ޒަމްރުގެ އަތުގައި ހިފާލެވުނުކަން އޭނާއަށް އެނގުނެވެ. އެމަންޒަރު ފެނުމާއެކު ޒުވާނާ ހަމައިން ނެއްޓިއެވެ. ހަޅޭއްލަވައިގަތް އަޑާއެކު އިވެންފެށީ ތަންތަން މުގުރަން ފެށި އަޑެވެ. ޒުވާނާގެ އަތުގައި އޮތް ލަޓިބުރި އެންމެ ފުރަތަމަވެސް އަމާޒުވީ ކައިވެނީގެ މަޖިލިސް ކުރިއަށްދިޔަ މޭޒަށެވެ. އެއަށްފަހު ދެމަފިރިންނަށް ހާއްސަކޮށް ހުރި ބޮޑު ކޭކަށެވެ. ފަނޑިޔާރުންގެ ދެލޮލުންވެސް ފާޅުވާން ފެށީ ކަންބޮޑުވުމެވެ. އެކަކަށް އެއްބަސްވެސް ކިޔަން ނުކެރިފައި ތިއްބެވެ. އެންމެން ތިބީ ޖެހިލުންވެ ބިރުގެންފައެވެ. ބައެއް މީހުން ތަން ދޫކޮށް ދާން ފެށިއެވެ.
ޒުވާނާގެ ނަޒަރު އަނެއްކާވެސް އަމާޒުވީ ހެލީން އަށެވެ. ހެލީންގެޗ ދެލޮލުން ފެންނަން ހުރި ބިރުވެރިކަމާ ޖެހިލުނވުން ފެނި ޒުވާނާ އަތުން ލަޓިބުރި ދޫވެ ތިރިއަށް ވެއްޓުނެވެ. ހެލީން އަށްޓަކައި ޒުވާނާ ހިތުގައި ރަހުމު އުފެދުނެވެ. ގާތަށް ގެނެސް ލޯބިން ބައްދާލާފައި ބިރު އެއްކޮށް ފިލުވައިލަން ބޭނުންވިއެވެ.
"ކާކު މީނަ މިތަނަށް ވެއްދީ؟" އެންމެންގެ ހަޅޭކުގެ އަޑުގެ ތެރެއިން ސާލިމްގެ އަޑު އިވިގެން ދިޔައެވެ.
ޒުވާނާއަށް އެއްވެސް އަޑެއް ނީވޭ ކަހަލައެވެ. އަނދިރިވެފައިވާ ދުނިޔެއެއްގެ ތެރެއިން ހެލީންގެ ހަނދެއްފަދަ ލޯބި މޫނު ނޫން އެހެން އެއްވެސް ތަނެއް އޭނާއަށް ނުފެނެއެވެ. އޭނާ ޖެހުނީ ހެލީނާ ގާތަށެވެ. އެހިނދު ޒަމްރު ހެލީން އިތުރަށް އޭނާ އާ ގާތްކޮށްލިއެވެ.
"ހެލީ. ހިފާ އަހަރެންގެ އަތުގަ" ހެލީން އާ ދިމާލަށް ޒުވާނާ އަތް ދިއްކޮށްލިއެވެ.
"ހިނގާ އަހަންނާއެކު ދާން. އެކަކުގެ މޫނަކަށްވެސް ބަލާނެކަމެއް ނެތް"
ޒަމްރުގެ އަތުގެ ތެރޭގައި ބިރުން ކުޑަވެފައި ހުރި ހެލީން ފެނިފައި ޒުވާނާ ހީވީ އޭނާގެ އެރެހަށީގައި އަނދަމުންދިޔަ އަލިފާނުގައި ހުޅުހިފި ހެންނެވެ. ހެލީން ހުންނަންޖެހޭ މަގާމަކީ އެއީއެއް ނޫނެވެ. އެހެންނަމަވެސް ޒުވާނާގެ އުޅުނު ގޮތް ފެނުމުން ހެލީން ހުރީ މާބޮޑަށް ބިރުގެންފައެވެ.
"ކާކުހޭ ކަލޭ މިތަނަށް ވެއްދީ؟" ސާލިމްގެ އަޑު ބާރުވިއެވެ.
"އަހަރެން ރިޕޯޓްކޮށްފިން" ހަންނާން ފާރޫގު ބުންޏެވެ.
"މިއީ ކޮންކަމެއް؟" މާޔޫން ބުނެލިއެވެ.
"އެއްވެސް ކަމެއް ނޫން. މާލޭގަ ކުޑަކުރަން އުޅޭ ޕާޓޭއެއް. އޭނަގެ ފިތުނަވެރިކަން އޮތީ ސާލިމް އަށް. އިރުކޮޅަކުން ފުލުހުން އައިސް ގެންގޮސްދާނެ" ޒުނީނު ބުންޏެވެ.
އެއްވެސް އަޑެއް ޒުވާނާއަށް ނީވެއެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ހެލީން ގޮވައިގެން އެތަނުން ދާށެވެ. އެންމެންނާ ދުރަށް ހެލީން ގެންދާށެވެ. ހެލީންގެ އަތުގައި ޒުވާނާއަށް ނުހިފެނީސް ސާލިމާއި އިތުރު ދެތިން މީހަކު ވެގެން ޒުވާނާގެ ގައިގައި ހިފެހެއްޓިއެވެ. ޒުވާނާގެ އަޑު ބާރުވިއެވެ. ހެލީނަށް އޭނާ ގޮވަމުން ދިޔައެވެ. އެކައިވެނި ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ގޮވަމުން ދިޔައެވެ. އެތައް މަސައްކަތަކުން ޒުވާނާ ނެރެން މަސައްކަތް ކުރަމުން ދަނިކޮށް ތަނަށް ފުލުހުން ވަދެއްޖެއެވެ. ހެލީންއަށް ހަމަހޭވެރިކަން ވީ ދެނެވެ. ޒަމްރުގެ އަތުތެރެއިން ދެމިގަނެގެން ހެލީން ސިޑި އާ ދިމާލަށް ދުއްވައިގަތެވެ. އޭނާގެ ފަހަތުން ވިޝާލު ދިޔައެވެ.
****
ދުވަސްތަކެއް ފަސް
ފިހާރައިގަ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ނިގާރު ފައިބައިފިއެވެ. އޭނާ ފިހާރައަށް ވަނީ ފިހާރައިގެ ތެރޭގައި ބޭރަށް ފެންނަ ގޮތަށް ބަހައްޓާފައި ހުރި މާ ގަސްތަކުގައި ބިއްލޫރިގަނޑު މަތިންވެސް އެވަރަށް ފިރުމާފައެވެ. އާންމު ގޮތެއްގައި ހިނިތުންވުމަކީ ނައިޝަމް އާ ބީރައްޓެހި އިހުސާސެކެވެ. އެހެންނަމަވެސް ސައިކަލު މަތީގައި ނައިޝަމް އިނީ މަންމަ އުޅުނު ގޮތް ފެނި ހިނިއައިސްފައެވެ. ފިހާރައިގެ ތެރޭގައި ނިގާރު ގިނައިރު ވާނެކަން އެނގޭތީ ނައިޝަމް ހަމަޖެހިލިއެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލައިލިގޮތަށް ހީލިއެވެ. ގުޅާފައި ހުރި ނަންބަރު ލިސްޓަށް ދިޔަގޮތަށް އޭނާ ގުޅީ 'ލަވް' ޖަހާފައިވާ ނަންބަރަކަށެވެ. ފޯނަށް ޖަވާބެއް ނުދިނުމުން ނައިޝަމް މޫނުމަތިން ނުރުހުން ފާޅުވެލިއެވެ. ފަހަކަށް އައިސް ދުވަސްތައް ދަނީ މިކަހަލަ ގޮތަކަށެވެ. ހެނދުނު ހަތެއް ޖެހިއިރު ނައިޝަމް ހޭލައިފިއެވެ. ފޯނު ހުޅުވާލިގޮތަށް އެންމެ ފުރަތަމަވެސް ގުޅީ ހަމަ އެ ނަންބަރަށެވެ. އެގަޑީގައިވެސް ޖަވާބެއް ނުދިނެވެ. ފާހާނާއަށް ވަދެ ތަށި މަތީގައި އިށީނދެފައިވެސް އޭނާ ގުޅިއެވެ. ފެންވަރައިގެން ނިކުމެ ރީތިވާން ހުރެވެސް ގުޅިއެވެ. ތައްޔާރުވެގެން ނިކުމެ ސައިބޯން އިނދެވެސް ގުޅިއެވެ. އެއްފަހަރުވެސް އޭނާގެ ކޯލަށް އެ ނަންބަރުން ޖަވާބެއްނުދެއެވެ. ބައެއްފަހަރު ކަނއްތައްކުރާ ގޮތުން ނައިޝަމް ދެރަވެއެވެ. އެވާހަކަ ދެރަވެގެން ގޮސް އެންމެ ފުރަތަމަ ހިއްސާކުރެވެނީ ދޮންތަ ނަހުމާ އާއެވެ. ނިގާރުގެ ނަސޭހަތަކީ އެމީހަކު ނޫޅޭވަރަކުން ނޫޅުމެވެ. އެހެންނަމަވެސް ނައިޝަމް ހުރީ އެހާ ފަސޭހައިން ދޫކޮށްލާ ގޮތަކަށް ނޫނެވެ. އެއީ ހަށީގައި ނޭވާ ހުރިހާ ހިނދަކު ނުކުރާނެ ކަމެކެވެ. އޭނާ ލޯބިވާކުއްޖާ ހޯދަން ކޮންމެފަދަ ކަމެއް ކުރަންޖެހުނަސް ނައިޝަމް ހުރީ ތައްޔާރަށެވެ. އޭނާ އާއި އޭނާގެ ލޯތްބާ ދެމެދަށް ވަން ކޮންމެ މީހަކަށް ޖެހޭނީ ދުރަށް ދާށެވެ. އެހެންނޫނީ އޭނާގެ ހަތަރެސްފައިން އެމީހަކު ދުރަށްލާނެއެވެ. އެއީ އޭނާ އާ ހިލާފަށް ވާހަކަދައްކާ ކޮންމެ މީހަކަށް އޭނާ ދޭ އިންޒާރެވެ. އުމުރުން ސައްބީސް އަހަރުވިއިރު ކައިވެންޏެއް ކުރަން މައިންބަފައިން ބާރު އަޅަމުންދާއިރު ކައިވެންޏަކާ މެދު އޭނާ ނުވިސްނަނީ ހެލީން އާ ބައްދަލުނުވާތީއެވެ.
"އޭތް... އޭތް... ބަލަ ނައި..." ސައިކަލުން ފައިބައިގެން މަގު ހުރިގޮތަށް ދުއްވައިގަތް ނައިޝަމް ފެނުމުން ފިހާރައިން ނިކުތް ނިގާރު ގޮވަން ފެށިއެވެ. މީހުން ބަލަހައްޓައިގެން ތިއްބަސް ނިގާރު ނައިޝަމްގެ ފަހަތުން ދުވަމުން ދިޔައެވެ.
"މަގޭ ދަރި..." މަގަށް ނިކުތުމުގެ ކުރިން ނައިޝަމްގެ އަތުގައި ނިގާރަށް ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ނިގާރަށް ބަލައިލިގޮތަށް އަނެއްކާވެސް ނައިޝަމް ބަލައިލީ މަގަށެވެ.
"ދުށިންތަ މަންމަ" ނައިޝަމް އަހާލިއެވެ.
"ތީ ކޮންކަމެއް ދެން. ހިނގާ ދާން. ނައި އަކަށް ނުފެނޭތަ މީހުން މިދިމާލަށް ބަލަން ތިބި ތަނެއް"
ނައިޝަމް ގެ ނަޒަރު ނިގާރުގެ މޫނަށް ހުއްޓުނެވެ. ދެވަނަ ސިކުންތުގައި އަނެއްކާވެސް އޭނާ ބަލައިލީ މަގަށެވެ. ނިގާރު ދައްކާ ވާހަކަތަކަށް އޭނާގެ ސަމާލުކަމެއް ނެތެވެ. އޭނާއަށް ދެންމެ މަގުމަތިން ހެލީން ފެނިއްޖެއެވެ. ޔަގީނެވެ. އެއީ ހަމަ ހެލީންއެވެ. އޭނާއަށް ހެލީން އޮޅޭނެ ހެއްޔެވެ؟ ދެލޯ ފެނުން ނެތަސް އޭނާގެ ހިތުގެ ވިންދުންވެސް ހެލީން ފާހަގަކުރާނެއެވެ.
"އާދޭ ދާން" ނައިޝަމްގެ އަތަށް ނިގާރު ދަމަންފެށިއެވެ.
މަގަށް ބަލަމުން ނައިޝަމް ސައިކަލާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް ނިގާރު ހުރީ ނައިޝަމްގެ އަތުގައި ހިފަހައްޓައިގެންނެވެ.
****
ގޭތެރެއަށް ވަދެވުމާއެކު ނައިޝަމް ދިޔައީ އޭނާގެ ކޮޓަރި އާ ދިމާލަށެވެ. ގަދަކަމުން އޭނާ ގެއަށް ގެނައީތީ އޭނާ ހުރީ ނިގާރުދެކެ ހިތްހަމަނުޖެހިފައެވެ. ނިގާރު ވެއްޓިގަތީ ސޯފާއަށެވެ. ބަދިގެއިން ނިކުތް އޮނަތިރީސް އަހަރުގެ ނަހުމާ އަށް ސޯފާގައި އިން މަންމަ ފެނުމުން ދެ ބުމަ އަރުވާލިއެވެ. ފިހާރައަށް ދިޔަތާ މާގިނައިރެއް ނުވެ އައިސް އިނުމުން ނަހުމާ ހައިރާންވިއެވެ. މަންމަ އަކީ ފިހާރައަށް ގޮސްފިއްޔާ އެހާ އަވަހަށް ގެއަށް އަންނާނެ މީހެއް ނޫނެވެ. އަނެއްކާ އެއްވެސް އެއްޗެއް ނުގަންނަނީ ހެއްޔެވެ؟ ގައިމުން ވިޔަފާރިކުރަން ދިޔައިރު ވެސް ލައްކަ ސާމާނު ގަނެލަން ބުންޏެވެ. ކޮތަޅެއް ފެންނާކަށް ނެތެވެ. ކޮއްކޮ ކަމެއް ހިންގާލީ ހެއްޔެވެ؟ ކޮއްކޮ ކޮބައި ހެއްޔެވެ؟ ނަހުމާ ގޭތެރޭގެ ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލިއެވެ.
(ނުނިމޭ)
އިހުތިޔާރެއް ނެތޭ ހިތަކަށް ހުވާ
މިރޭ ނުކުންނާނެތަ ދެން އޮތް ބައި؟
ދޮނޫ - 1 އަހަރު ކުރިން
ކޮބާ ދެން ގެންނަ ވާހަކަ؟ އެނިވެއިސް މި ވާހަކައިގެ ފެށުން ރީތި. ޢުއްމީދުކުރަން ރެގިއުލަރ ކޮއް ގެންނަނެކަމައް
ދޮންބީ - 1 އަހަރު ކުރިން
ވަރަށް ޝައުގުވެރި ފުރަތަމަ ބައިވެސް. ކުރިއަށް ހުރި ބައިތައް ވަރަށް ކިޔާހިތުން މިހުރީ. ކަވަރ ފޮޓޯ ތަންކޮޅެއް ސާފުކޮށް އިންނަމަ....
ނަންނަ - 1 އަހަރު ކުރިން