ދިރާގުން "ޑޮނޭޓް އޮން ދިރާގު އެޕް" ޕްރޮގްރާމް މެދުވެރިކޮށް ލިބިފައިވާ 230،380 ރުފިޔާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ހަދިޔާކޮށްފިއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ މި ޑޮނޭޝަން ރަސްމީކޮށް ހަވާލުކޮށްދެއްވައިފައި ވަނީ ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދެވެ.

މީގެ ތެރޭގައި ދިރާގުން ހަދިޔާކުރި 150،000 ރުފިޔާގެ އިތުރުން ރޯދަ މަހު ދިރާގުއެޕް މެދުވެރިކޮށް އާންމުންގެ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާ ހިމެނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ޑޮނޭޝަން ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށެވެ.

ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއެވެ. އަދި، އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.

ދިރާގުން ބުނި ގޮތުގައި އެ ޑޮނޭޝަންގެ އެހީގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދުޅަހެޔޮކަމާއި ތަރައްގީއަށް މިނިސްޓްރީން ކަނޑައަޅާފައިވާ މުހިއްމު ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގުން އަންނަނީ އެ ކުންފުނީގެ ސީއެސްއާރުގެ މުހިންމު ބައެއް ކަމުގައިވާ "އިންކްލޫޝަން"ގެ ދަށުން ކުޑަކުދިންގެ މުސަތަގުބަލަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދެމުންނެވެ.