މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން، އެ ހިޔާނާތުގެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައި އެކައުންޓް ނިސްބަތްވާ އެސްއޯއެފުން ދައުލަތަށް ދައްކަން އެންގި ފައިސާ ދައްކާފައިނުވާތީ، އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ކުންފުނީގެ މާލީ ހާލަތާ ބެހޭ ލިއުންތަކާއެކު މައްސަލަ ހުށަހެޅުމަށް އެމްއެމްޕިއާރުސީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުން ދައުލަތަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު (165 މިލިޔަން ރުފިޔާ) ދައުލަތަށް ދެއްކުމަށް އެސްއޯއެފްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ 17 ސެޕްޓެމްބަރު 2017ގައެވެ.

އެ ހުކުމާ އެއްގޮތަށް އެސްއޯއެފުން ފައިސާ ނުދައްކާތީ ސިވިލް ކޯޓުންގެ އަމިއްލަ އިސްނެގުމަށް އެ މައްސަލަ ބެލިއެވެ. ނަމަވެސް އެކަމުގެ އަޑުއެހުންތަކަށް އެމްއެމްޕީއާރުސީން ހާޒިރުނުވާތީ 11 އޮކްޓުބަރު 2023ގައި އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަމަށް ކަނޑައަޅައި މައްސަލަ ކޯޓުން ބޭރުކޮށްލިއެވެ.

ނަމަވެސް 10.7 މިލިޔަން ޑޮލަރު އެމްއެމްޕީއާރުސީއަށް ދެއްކުމަށް އެސްއޯއެފްގެ މައްޗަށް ކުރި ހުކުމް، ތަންފީޒުކޮށްދިނުމަށް އެދި 31 އޮކްޓޫބަރު 2023 ގައި އެމްއެމްޕީއާރްސީގެ ފަރާތުން އަނެއްކާ ސިވިލް ކޯޓަށް މައްސަަލަ ހުށަހެޅިއެެވެ.

މި މައްސަލައާ ގުޅިގެން ސިވިލްކޯޓުން ބުނެފައިވަނީ، އެސްއޯއެފްއާ ބެހޭ އެޑްރެހެއް ނޭނގޭތީ ދައުވާފޯމާއި މައްސަލައިގެ ނޯޓިސް އެފަރާތައް ރައްދު ކުރެވިފައިނުވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން، މަދަނީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް އެ ފަރާތުގެ އާމްދަނީ އާއި މުދަލާ ގުޅޭ މައުލޫމާތު ކޯޓުން ސާފުކުރި އިރު، އެ ފަރާތުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައި އެއްވެސް ފައިސާއެއް ނެތް ކަމަށާއި އެ ފަރާތުގެ ނަމުގައި އެއްވެސް ކުންފުންޏެއްގައި ހިއްސާއެއްް، އުޅަނދެއް ގޯއްޗެއް، އިމާރާތެއް ވިޔަސް ރަޖިސްޓްރީކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން އެސްއޯއެފްއިން އެމްއެމްޕީއާރުސީއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާ ކަމަށް ކަނޑައަޅައި، އެސްއޯއެފްގެ މާލީ ތަނަވަސްކަމެއް ނުވަތަ އެތަނުގެ ނަމުގައި އެއްވެސް މުދަލެއް ހުރިކަން، އެނގޭނަމަ އެ ލިއުމެއް ނުވަތަ އެ މައުލޫމާތަކާއެކު، ހުކުމް ތަންފީޒުކޮށްދިނުމަށް އެދި މި މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު އެމްއެމްޕީއާރުސީއަށް ލިބިގެންވާ ކަމަށް ސިވިލްކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.