ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އައްޔަން ކުރައްވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު، ރައީސް މުއިއްޒު ވަނީ ރައީސް ވަހީދުއާއާ ބައްދަލު ކުރައްވައިފައެވެ.
ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ރައީސް ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއްކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ހާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.
އަދި އިގުތިސާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާކުރައްވައި އެ ރޮގުން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، މަގަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވި ކަމަށެވެ.
އަދި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، އެ މަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ރައީސަށް، ރައީސް ވަހީދު އެރުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވަހީދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމު އަދާކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވި އިރު، އެ މަނިކުފާނަކީ ޔުނިސެފުގައިވެސް އިސް މަގާމުތަކެއްގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ވަހީދު ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށް ކަމަށެވެ.
މުހައްމަދު ސިމާއު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު