މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހުޅުމާލެ ފޭސް އެކެއްގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"މި އޮޕަރޭޝަންގައި އޮފިސަރުން ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައި." އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މިހާތަނަށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 6700 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުން ވަނީ ޑީޕޯޓް ކޮށްލައިފަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުންވެސް ވަނީ 2022 ވަނަ އަހަރު ބޯޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފައެވެ. މުޒާހަރާތަކާއި ބޮޑެތި އޮޕަރޭޝަންސް ތަކުގައި ފުލުހުން ދަނީ އެ ކެމެރާތައް ބޭނުން ކުރަމުންނެވެ. އަދި 2023ގައި ކަރެކްޝަންގެ ޖަލު އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާފައިވެއެވެ.