އެކްޓްރެސް އާލިޔާ ބަޓް ވަނީ ކޭންސް ފިލްމް ފެސްޓިވަލްގެ ނިންމުމުގެ ރަސްމިއްޔާތުގައި ސްވަރޮވްސްކީ ކްރިސްޓަލްތައް ހަރުކޮށްފައިއޮތް ގޫޗީ ސާޅިއެއްގައި ފެނިފައެވެ. އޭނާ މި ފެސްޓިވަލްގައި ބައިވެރިވީ ލޯރިއަލްގެ އެމްބެސެޑަރެއްގެ ގޮތުގައެވެ.

އާލިޔާ ސާޅީގައި ފެނިލުމަކީ ޓްރެޑިޝަނަލް އަދި މޮޑަން ފެނިލުމެކެވެ.

އެ ސާޅިއަކީ ޕްލީޓް ނުލައި ފަރުމާކޮށްފައިވާ ސާޅިއެކެވެ. ބްލައުޒްގައި ހިމެނެނީ ޕްލަންޖިންގ ނެކްލައިނެކެވެ. އާލިޔާ ވަނީ ކުޑަ ނެކްޕީސެއް އަޅައިފައެވެ. އަދި އިސްތަށިގަނޑު ވަނީ މެދުން ވަކިކޮށް، ސޮފްޓް ވޭވްސްއަށް ހަދާފައެވެ. އާލިޔާގެ ފެނިލުން ސްޓައިލްކޮށްފައިވަނީ ރިއާ ކަޕޫރެވެ.

https://www.instagram.com/reel/DKCstyqhQc0/?igsh=MTl2YzVuMHN1N3FrYg==

އާލިޔާގެ ފުރަތަމަ ފެނިލުމުގައި އޭނާ ލައިގެން ހުރީ ސްކިއަޕަރެލީގެ ގައުނެކެވެ. އޭނާ ވަނީ "ދަ މާސްޓަރމައިންޑް" ގެ ޕްރިމިއަގައި ބައިވެރިވެފައެވެ. އަދި ލޯރިއަލްގެ ޕާޓީއެއްގައިވެސް ބައިވެރިވެފައެވެ.

މި އަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގައި ފެނުނީ އިންޑިއާގެ އެންމެ ފިލްމެކެވެ. ނީރަޖް ގައްވާންގެ "ހޯމްބައުންޑް" ކިޔާ އެ ފިލްމަށް 9 މިނެޓުގެ ސްޓޭންޑިން އޮވޭޝަނެއް ލިބުނެވެ. އިންޑިއާގެ ޑައިރެކްޓަރު ޕާޔަލް ކަޕާޑިއާ މި އަހަރުގެ ޖޫރީގައި ވެސް ވަނީ ބައިވެރިވެފައެވެ.

އާލިޔާ ބަޓް ކޭންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމެކެވެ. އާލިޔާގެ ފެނިލުމަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެއެވެ.