އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓުގެ ސީނިއާ ސެކިއުރިޓީ އެސިސްޓެންޓް، މުހައްމަދު ސުފިޔާންއަކީ ސެކުއިރިޓީއެއްގެ ޒިންމާގެ އިތުރުން އެ ޑިޕާޓްމަންޓުގެ ޓްރެއިނިންގް ޑިވަލޮޕްމަންޓުގެ އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފެކެވެ. ސުފިޔާން އެމްޕީއެލްގައި މަސައްކަތް ކުރާތާ ދެ އަހަރާއި ތިން މަސް ވެފައިވީ ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި ސުފިޔާން ވަނީ ފާހަގަކުރެވޭ ގިނަ ހިދުމަތްތަކެއް ކުންފުންޏަށް ފޯރުކޮށްދީފައެވެ. ސުފިޔާން ވަނީީ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ސެކިއުރިޓީއާ ގުޅުންހުރި ތަމްރީނުތައްވެސް ފޯރުކޮށްދީފައެވެ.

އެމްޕީއެލްގެ ސެކިއުރިޓީންގެ ޒިންމާތަކަކީ ކޮބާ؟

މީހުންނަށް ހީވަނީ ސެކުރިޓީންނަކީ ވަރަށް އާދައިގެ މަސައްކަތެއް ކުރާ ބައެއް ކަމަށެވެ. ތަނެއްގައި ހުއްޓިގެން ހުރެ ހަމައެކަނި ވަދެ ނިކުންނަ މީހުންގެ ނަން ނޯޓު ކުރާ ބައެއް ކަމަށެވެ. އެހެން ނަމަވެސް ޕޯޓް ސެކިއުރިޓީންނަކީ އެއާއި ހިލާފަށް ވަރަށް ބައިވަރު މަސްއޫލިއްޔަތުތަކެއް ބޮލުގައި އެޅިފައިވާ ބައެކެވެ. ޕޯޓް ސެކުއިރިޓީން އައިއެސްޕީއެސް ފަދަ އިންޓަނޭޝަނަލް ކޯޑުތައް ފޮލޯކުރަން ޖެހޭނެއެވެ. އަދި ބަނދަރު ސަރަހައްދު ތެރޭގައި އައިއެސްޕީއެސް ކޯޑުން އަންގާ ކަންތައްތަކެއް ތަންފީޒުކުރަން ޖެހެއެވެ. އެގޮތަށް ބަލާއިރު އެމްޕީއެލް ސެކިއުރިޓީއަށް ގުޅުމުން އިނގުނީ މިއީ ކުރިއަށް ދިއުމަށް ވަރަށް ގިނަ މަގުތަކެއް އޮތް ދާއިރާއެއް ކަމަށެވެ.

އެގޮތުން އެމްޕީއެލްގެ ސެކިއުރިޓީންގެ ޒިންމާތަކަށް ބަލާއިރު، އެމްޕީއެލް ސަރަހައްދު ރައްކާތެރިކޮށް ހިންގުމަށް ބޭނުންވާ އެންމެ މުހިންމު އެއް ފަރާތްތަކީ ސެކިއުރިޓީންނެވެ. މި ސަރަހައްދުގެ ތެރޭގައި ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ސެކިއުރިޓީ މުވައްޒަފުންނާއެވެ. އަދި ބަނދަރު ސަރަހައްދުގައި ހާދިސާއެއް ހިނގައިފިނަމަ އެކަން ހިނގި ގޮތުގެ ތަފުސީލުވެސް ސެކިއުރިޓީންނަށް ތަފްސީލުކޮށް އިނގެންޖެހޭނެއެވެ.

ސުފިޔާން އެމްޕީއެލް ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި --- ފޮޓޯ: އެމްޕީއެލް

ސެކިއުރިޓީންނަށް އަމާޒުކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމްތަކުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތަކަކީ ކޮބައިތޯ؟

މި ތަމްރީނު ޕްރޮގްރާމްތަކުގައި ހިމެނޭ ވޮއިސް ޕްރޮސީޖާ، އައިއެސްޕީއެސް އެވެއާނަސް ސެޝަންތައް އަދި އެހެނިހެން އިތުރު ސެޝަންތައް ތައްޔާރުކުރުމުގައި ސުފިޔާން އިސްކޮށް ހަރަކާތްތެރިވެއެވެ. މިހާރު އެމްޕީއެލްގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އައިއެސްޕީއެސްއަށް އަހުލުވެރިވެފައިވާ މުވައްޒަފުންނެވެ. މިކަން ހާމަވަނީ އެމްޕީއެލްގެ ސެކިއުރިޓީ ޗެނަލްގައި މުވާސަލާތުކުރާއިރު ސެކުއިރިޓީން ސީދާ ވޮއިސް ޕްރޮސީޖާ ބޭނުންކުރާތީއެވެ.

ސެކިއުރިޓީންނަށް އަމާޒުކޮށްގެން ކޮންމެ މަހަކުވެސް އެކި ބާވަތުގެ ޑްރިލްތަކާއި ތަމްރީން ޕްރޮގްރާމްްތައް ބާއްވައެވެ. މި ހުރިހާ ކަމަކީވެސް އެމްޕީއެލްގެ ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

ސުފްޔާން ޓްރެއިނިންގެ ދިނުމަށް ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟

އަޅުގަނޑު ސެކިއުރިޓީ ޑިޕާޓްމަންޓަށް ވަދެ މިތާގެ މުވައްޒަފުންނާއެކު މަސައްކަތް ކުރަން ފެށުމުން އަޅުގަނޑުގެ ހިތް ޖެހުނީ މި ދާއިރާ އަށާއި މި މާހައުލަށް. އަދި ކުރާ މަސައްކަތަށްވެސް ވަރަށް ބޮޑަށް ޝައުޤުވެރިކަން އުފެދިގެން ދިޔަ. އެމްޕީއެލްގެ ސެކިއުރިޓީއަށް ގުޅުމުން އެނގުނީ މިއީ ވަރަށް ބޮޑު ޒިންމާއެއް އޮތް ތަނެއްކަން. އަދި މި ދާއިރާގައިވެސް ކިޔެވޭނެ ވަރަށް ގިނަ ރޮނގުތައް ހުރިކަން. މިގޮތަށް އަޅުގަނޑުގެ ޝައުގުވެރިކަން އުފެދުނީ.

ސުފިޔާން ކްލާހަކަށް ކިޔަވައިދެނީ: އޭނާއަކީ ސެކުއިރިޓީއެއްގެ ޒިންމާގެ އިތުރުން އެ ޑިޕާޓްމަންޓުގެ ޓްރެއިނިންގް ޑިވަލޮޕްމަންޓުގެ އިންޗާޖު --- ފޮޓޯ: އެމްޕީއެލް

ސެކިއުރިޓީންނަށް އަމާޒުކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމްތަކުގެ މައިގަނޑު މަގުސަދަކީ ކޮބައިތޯ؟

ދިވެހިރާއްޖޭގެ އެއްވެސް ބަނދަރެއް އައިއެސްޕީއެސް ކޯޑަށް ނުފެތޭނަމަ، އެ ބަނދަރެއް ހިންގުމުގެ ހުއްދަ ނުދޭނެ. އައިއެސްޕީއެސްގައި ބަޔާންކޮށްފައިވަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ވާހަކަ. އަދި އެއާއެކު ސެކިއުރިޓީ މުވައްޒަފުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނުތަކާއި ޑްރިލްސް ބޭއްވުމުގެ މުހިންމުކަން.

ޓެރެއިނިންގް ކުރިއަށް ގެންދަނީ ކިހިނެއް؟

އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލްޑީޑީ) އާ ގުޅިގެންވެސް ބައެއް ޕްރޮގްރާމްތައް އަޅުގަނޑުމެން ހިންގަން. މީގެ އިތުރުން އެމްޕީއެލްގެ ސެކިއުރިޓީގައިވެސް އިންނާނެ ޓްރެއިނިން ޑިވެލޮޕްމަންޓް ކިޔާ ޔުނިޓެއް. އެތަނުގެ ފަރާތުން ސެކިއުރިޓީ މުވައްޒަފުންނަށް ހާއްސަކޮށް ތައްޔާރުކުރާ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ.

ސެކިއުރިޓީންނަށް ދެވުނު މި ތަމްރީނުތަކަށްފަހު މަސައްކަތުގެ މާހައުލުގައި ފާހަގަކުރެވޭ ބަދަލުތަކަކީ ކޮބާ؟

ތަމްރީނުތަކަށް ފަހު އެމްޕީއެލްގެ ސެކިއުރިޓީންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ބަދަލަކީ ޓޯކީތަކުން ވާހަކަދައްކަމުންދާ އުސޫލުތަކަށް އައި ބަދަލު. އެގޮތުން މިހާރު އެމްޕީއެލްގެ ސެކިއުރިޓީ ޗެނަލްތަކުން މުއާމަލާތް ކުރާނީ ވަކި ސްޓެންޑަޑްއެއްގައި ފާހަގަކޮށްލަން. އަދި ޑްރިލްއެއް ހިންގައިފި ނަމަ އެ ޑްރިލްއާ ގުޅޭ ތަފުސީލީ ރިޕޯޓުތައް ލިބުމަށް މިހާރު ފަސޭހަވެގެންދާނެ. އެގޮތަށް މިހާރު ސެކިއުރިޓީގެ ވަރަށް ގިނަ ކަންކަން ޕްރޮފެޝަނަލް ގޮތަކަށް އޮގަނައިޒް ކުރެވިފައިވާ ކަން ފާހަގަކޮށްލެވޭ.

ސުފިޔާން ކްލާހަކަށް ކިޔަވައިދެނީ: އޭނާއަކީ ސެކުއިރިޓީއެއްގެ ޒިންމާގެ އިތުރުން އެ ޑިޕާޓްމަންޓުގެ ޓްރެއިނިންގް ޑިވަލޮޕްމަންޓުގެ އިންޗާޖު --- ފޮޓޯ: އެމްޕީއެލް

ސުފްޔާންގެ މަސައްކަތުގެ ދާއިރާއިން ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ ކޮބާ؟

އަޅުގަނޑު އެމެމްޕީއެލްއަށް ގުޅުނުތާ 8 މަސް ދުވަހުގެ ތެރޭގައި ތަމްރީނު ދޭން ފަށައިފިން. އެމްޕީއެލްއަށް އައި ފަހުން މިދިޔަ ދެ އަހަރު ތެރޭގައި ސެކިއުރިޓީ ޑިޕާޓްމަންޓުގެ ޓްރެއިނިން ޑިވަލޮޕްމަންޓުގެ އިންޗާޖަކަށް ވުމުގެ ފުރުސަތު ލިބިގެން ދިޔަ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އަދި އަޅުގަނޑަށް އިތުބާރުކޮށް އެހާ ބޮޑު ޒިންމާއެއް ހަވާލުކުރީތީ އެކަމާ ވަރަށް އުފާކުރަން. އަޅުގަނޑުގެ އުންމީދަކީ އެމްޕީއެލްގެ ސެކިއުރިޓީ ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަށް ދިއުން.

ސުފިޔާންގެ އިތުރުން އެހެން މުވައްޒަފުންވެސް މި މަސައްކަތަށް ތަމްރީނު ކުރެވެމުންދޭތޯ؟

މިހާރު އަޅުގަނޑުގެ އިތުރަށް ތިން މުވައްޒަފަކު މި މަސައްކަތަށް ތަމްރީނު ކުރަމުން އެބަ ދެން. ހަމަ އަޅުގަނޑެކޭ އެއް ފެންވަރަށް އަދި އެއަށްވުރެ ރަނގަޅަށްވެސް ތަމްރީނު ދެވޭނެ އެ މުވައްޒަފުންނަށް. އެގޮތުން އިންޑަކްޝަން ޕްރޮގްރާމްތަކުގެ އިތުރުން ބައެއް ކަހަލަ ހޭލުންތެރިކަމުގެ ސެޝަންތައްވެސް އެ މުވައްޒަފުން ނަގައިދެމުން ދޭ. އަޅުގަނޑުމެންގެ ޓީމު މިހާރު ވަނީ ފުޅާވެ، އިތުރު ގާބިލު މުވައްޒަފުން ބިނާކުރެވިފައި

ސުފިޔާން ކްލާހަކަށް ކިޔަވައިދެނީ: އޭނާއަކީ ސެކުއިރިޓީއެއްގެ ޒިންމާގެ އިތުރުން އެ ޑިޕާޓްމަންޓުގެ ޓްރެއިނިންގް ޑިވަލޮޕްމަންޓުގެ އިންޗާޖު --- ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ ސެކިއުރިޓީއާއި ގުޅެން ބޭނުނުވާ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

އެމްޕީއެލްގެ ސެކިއުރިޓީއަށް ތައުލީމީ ޒުވާނުން ވަރަށް ބޮޑަށް ބޭނުންވޭ. މި ޒަމާނަކީ ސެކިއުރިޓީގެ މަސައްކަތްވެސް މޮޑަނައިޒް ވެގެން އަންނަ ދުވަސްވަރު ކަމަށްވެފައި، މިތަނަށް ތައުލީމީ ޒުވާނުން ވަރަށް ބޮޑަށް ބޭނުންވޭ. އެހެންކަމުން ވީހާވެސް ގިނަ ކިޔަވައިގެން ތިބި ކުދިން މި ދާއިރާއަށް ވަނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް.