ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގުސަދުގައި ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2025ގެ ސަރުކާރު ކުންފުނިތަކުގެ ބައިން އެއްވަނަ ސްޓެލްކޯއަށް ލިބިއްޖެ އެވެ.
މޯލްޑިވްސް އެކްސްޕޯގެ އިނާމު ދިނުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯއަށް އެ އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އިނާމާ ހަވާލުވެވަޑައިގަތީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އެވެ.
މި އެކްސްޕޯގައި ސްޓެލްކޯ އިން ދައްކާލާނީ އެ ކުންފުނިން އަލަށް ތައާރަފުކޮށްފައިވާ 'ރީޖަނަލް ސްކާޑާ' ނިޒާމެވެ. މިއީ ސްޓެލްކޯގެ ދަށުން ހިންގާ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމާ ގުޅޭ އެންމެހައި ކަންކަން މޮނިޓާކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ނިޒާމެކެވެ.
ސްޓެލްކޯއިން ބުނީ، އެ ނިޒާމާއެކު ކަރަންޓު ހިދުމަތުގައި ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެވި އެ މައްސަލަތައް ރަނގަޅުކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި ކުއްލި ކުއްލިއަށް ކަރަންޓު ކެނޑުން މަދުކުރެވި، މުސްތަގުބަލުގައި ކަރަންޓަށް ބޭނުންވާނެ މިންވަރު ލަފާކުރަން ފަސޭހަ ވާނެ ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، އެ ކާމިޔާބީއަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި ވަފާތެރިކަމުގެ ނަތީޖާ ކަމަށާއި އެ ކާމިޔާބީގައި ހުރިހާ މުވައްޒަފުންގެ ދައުރެއްވާ ކަމަށެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާ ކުރުމުގެ މަގުސަދުގައި އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން ބާއްވާ މޯލްޑިވްސް އެކްސްޕޯ ކުރިއަށްދަނީ މިރެެއިން ފެށިގެން މި މަހުގެ ނިޔަަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ 14 ގިންތިއަކުން އަދި 82 ސަބް ގިންތިއަކުން ވަނަތައް ހޮވައިފަ އެވެ. އޭގެ ތެރޭގައި މުޅި މައުރަޒުން އެންމެ މަތީން މާކްސް ހޯދި ފަސް އުފެއްދުމަށް ރަން ވަނަ އާއި އެކި ދާއިރާތަކުން 1 ވަނަ ހާސިލުކުރި ފަރާތްތައް ހިމެނެ އެވެ.
މިދިޔަ އަހަރުގެ މެއި މަހު ކެބިނެޓުން ފާސްކޮށްގެން ބާއްވަން ނިންމި މޯލްޑިވްސް އެކްސްޕޯ 2025 އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މައުރަޒެވެ.
މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މޯލްޑިވްސް އެކްސްޕޯ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ހުޅުމާލޭ ސެންޓަރަލް ޕާކުގަ އެވެ. އެ އެކްސްޕޯ ހުޅުވައިދެއްވާނީ ރައީސް ޑރ. މުއިއްޒެވެ.
މުހައްމަދު ސިމާއު
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ