ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމެއްގައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ސާ ކީ ސްޓާމާ ސޮއި ކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ބޮޑުވަޒީރު ސްޓާމާ ސޮއި ކުރައްވާފައި މިވަނީ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓުވަން އިނގިރޭސި ވިލާތުގެ ހައިކޯޓުން ރޭ މެންދަމު ނެރެފައި އޮތް އަމުރު މިއަދު ބާތިލު ކުރުމުންނެވެ.
ޗާގޯސް ރަށްތަކުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2،100 ކިލޯމީޓަރު (1،300 މޭލު) ދުރުގައި އޮންނަ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޝަސް އޮންނަނީ އިންޑިއާ ކަނޑުގެ މަޑަގަސްކަރައިގެ އިރުމަތީ އައްސޭރީގައެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އިނގިރޭސި ވިލާތުން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސްއަށް ދޫކޮށްލުމަށްފަހު، ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ކުލީގެ ގޮތުގައި އަހަރަކު 101 މިލިއަން ޕައުންޑް، 99 އަހަރު ވަންދެން ދައްކަން ޖެހޭނެއެވެ.
އިނގިރޭސި ވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސްވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރު ކޮށްގެން ތިބުމަށްފަހު މޮރިޝަސް އަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ބަދަލު ކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ.
މޮރިޝަސް އިން ރާއްޖެއާއި ޗާގޯސް ކަނޑުގެ ފުށޫ އަރާ ސަރަހައްދާ މެދު ގޮތެއް ނިންމައި ދޭން ނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް ހުށަހެޅިއެވެ. އެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ.
ޗާގޯސް އައިލެންޑްސް
ޗާގޯސް އައިލެންޑްސް
ޗާގޯސް އައިލެންޑްސް
ޗާގޯސް އައިލެންޑްސް