ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އެޅުވުމަށް ފަހު، ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، މިއަދުން ފެށިގެން އެކަން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން އެ ގޮތަށް ނިންމިއިރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މޮނީޓާކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މި މަހުގެ ހަތްވަނަ ދުވަހު ވަނީ އެދިފަ އެވެ. ރައީސް ވަނީ ބަންޑާރަ ނައިބާއި ޕީޖީ އޮފީހާއެކު މަޝްވަރާކުރައްވައި އެކަން ކުރެވިދާނެތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ކުށްވެރިން މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން ފުލުހުންނާއި ކަރެކްޝަންސް އިން އެސެސްމަންޓެއް ހަދާނެއެވެ.
"މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނީޓާ ކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާން ކުރާނެ އެވެ. މި އެސެސްމަންޓަކީ މި އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރު ކުރާނެ އެސެސްމަންޓެކެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، އެ އެސެސްމަންޓުގެ ރިޕޯޓު ލިބުމުން ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ ނަމަ ކޯޓަށް ހުށަހަޅައިގެން އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަނޑައަޅާ ޝަރުތުތަކުގެ މަތީން ބަންދަށް ލުއި ދޭނީ ގިނަ ވެގެން 100 ދުވަހަށް ކަމަށާއި ކޮންމެ 100 ދުވަހަކުން އެއްފަހަރު ކޯޓަށް ހުށަހަޅައިގެން ބަންދު މުރާޖައާ ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އެ މީހަކު އަލުން ބަންދު ކުރުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.
ރިޕޯޓް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު