މިއަހަރުގެ ތެރޭގައި ތަރައްގީގެ 800 ވަރަކަށް މަޝްރޫއުގެ މަސައްކަތުގައި ސޮއިކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ މ. މުލި އެއާޕޯޓް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ކުރީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށެވެ. އޭގެ ތެރެއިން ވަރަށް ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އަލުން ފެށުމަށް ހުރިހާ ކަމެއް ވަނީ ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިއަހަރުގެ މިހާތަނަށް ވަނީ 390 މަޝްރޫއެއްގެ މަސައްކަތުގައި ސޮއިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ދެންނެވި 390 މަޝްރޫއު އަދި އިތުރު ވިއްސަކަށް މަޝްރޫއު އޭގެ ތެރެއިން ވަރަށް އަވަހަށް ސޮއިކުރާނެ. އަދި މި ހަފުތާ ތެރޭގައި އަދި ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭ އެކީގައި އަދި އިތުރު ގާތްގަނޑަކަށް 300 އެއްހާ މަޝްރޫއުގައި ސޮއިކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
އަދި "700 ނޫނިއްޔާ 800 އެއްހާ މަޝްރޫއު މިދިޔަ ފެބްރުއަރީން ފެށިގެން ކުރިއަށް ދެ މަހަކާ އެއްކޮށްލައިފިއްޔާ މި ގާތްގަނޑަކަށް ހަތަރު ފަސްމަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ހަވާލުކުރަނީ އެކި ކުންފުނިތަކާ،" ރައީސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ޕްރައިވެޓް ސެކްޓާއަށް ހުޅުވާލާ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަޝްރޫއުތަކުގެ މަސައްކަތްތައް ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުތަކުގެ މަސައްކަތް ކުރެވޭނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތަށް ކަންތައް ރާވައިގެން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މ. އަތޮޅާއި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރައްޔިތުންނަށް އެ މަނިކުފާނު ދެއްވަން ބޭނުންވާ ޔަގީންކަމަކީ ވައުދުފުޅުތައް ފުއްދުމަށް ސަމާލުކަން ދެމުންދާކަމާއި މިއަހަރުގެ ތެރޭގައި ބައެއްކަންކަން ފަށައި މިއަންނަ އަހަރަށް ތާވަލްކޮށްފައިވާ ކަންކަން ތަވާލާ އެއްގޮތަށް ކުރިއަށްދާނެކަން ކަމަށެވެ.
"ޓީމެއްގެ ގޮތުގަ، ވަރުގަދަ ޓީމެއްގެ ގޮތުގަ ހުރިހާ ވަޒީރުންނާ، އެމްޑީސް ގުޅިގެން އެކަންކަން އެ ދަނީ" ރައީސް ވިދާޅުވިއެވެ
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު