ރައީސް ޑރ. މުހައްމަދު މުއިއްޒު، މ. މުލި އެއާޕޯޓް ހުޅުވައިދެއްވައިފިއެވެ.

ރައީސް، މުލި އެއާޕޯޓް ހުޅުވައިދެއްވީ އެކަމަށް ހާއްސަ ކޮށްގެން މިއަދު އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި މުލި ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ރަށު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓު ތަރައްގީ ކުރަން ފެށީ 2021 ވަނަ އަހަރެވެ. 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ އެއާޕޯޓަކީ 1.5 ކިލޯމީޓަރުގެ ރަންވޭއަކާއި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މިދިޔަ މަހުގެ 25 ވަނަ ދުވަހު ޓެސްޓް ފުލައިޓު ވެސް ވަނީ ޖައްސައިފައެވެ. މުލީ އެއާޕޯޓަކީ މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓެވެ.

އެއާޕޯޓަށް 36 ހެކްޓަރުގެ ބިން އެ ރަށުން ހިއްކާފައިވެއެވެ.

މުލި އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން މިމަހުގެ އަށްވަނަ ދުވަހު ބުނެފައިވަނީ އެ އެއާޕޯޓް މިހާރު އާންމު ދަތުރުތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ އެއާޕޯޓަށް ދަތުރުތައް ކުރުމުގެ ފުރުސަތު ޑޮމެސްޓިކް އުދުހުންތައް އޮޕަރޭޓު ކުރާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް ހުޅުވާލާފައިވާ ކަމަށެވެ.

ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންއިން މިމަހުގެ ނުވަވަނަ ދުވަހު ބުނެފައިވަނީ މުލި އެއާޕޯޓަށް މިމަހު 17 އިން ފެށިގެން ދަތުރުތައް ބާއްވާނެ ކަމަށެވެ. މުއްޔަށް ކުރާ ދަތުރުގެ ދިގުމިނަކީ 35 މިނެޓު ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

މޯލްޑިވިއަން ބުކިން ސިސްޓަމުން ދައްކާ ގޮތުގައި މާލެއިން، މުއްޔަށް ދަތުރުކުރާ ފުލައިޓުގެ އިކޮނޮމީ ކްލާހުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1،377 ރުފިޔާއެވެ. ޕްރިމިއަމް ކްލާހުގެ އެއްކޮޅު ޓިކެޓަކީ 1،918 ރުފިޔާއެވެ.