ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ހާއްސަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކައި ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކަށް ޑަބްލިޔުއެޗްއޯ އިން ކޮންމެ އަހަރަކުވެސް އެކި ފަންތީގެ އެވޯޑްތައް ދެއެވެ. އޭގެ ތެރޭގައި ޑަބްލިއުއެޗުއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ދެއްވާ ހާއްސަ ރިކޮގްނިޝަން އެވޯޑްތަކާއި ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑްތައް ހިމެނެއެވެ.

ރައީސް މުއިއްޒަށް ލިބިވަޑައިގެންފައިވަނީ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ އެވޯޑެވެ. ދެން އެ އެވޯޑް ލިބިވަޑައިގަތީ މޮރިޝަސްގެ ހެލްތު އެންޑް ވެލްނެސް މިނިސްޓްރީއަށެވެ.

ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަަގަކޮށް، ދުނިޔޭގެ އެކި ގައުމުތަކުން 36 ފަރާތަކަށް ޑަބްލިޔުއެޗްއޯ އިން މި އަހަރު ވަނީ އެވޯޑް ދީފައެވެ.

ރައީސް މުއިއްޒު ގެންދަވަނީ ދުންފަތާ ދެކޮޅަށް ރާއްޖޭގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ވޭޕް ބުއިމާއި ވިއްކުން އެއްކޮށް މަނާކޮށްފައިވާއިރު ސިނގިރޭޓުން ނަގާ ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އެ ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން ގާނޫނަކުން މަނާކޮށްފައެެވެ.