އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.

ގާޒާގެ ދިފާއުގައި ހަނގުރާމަކުރާ "ހަމާސް" ނައްތާލުމަށް ކަމަށް ބުނެ އިޒްރޭލުން ފާއިތުވި ދެތިން ދުވަހު ގާޒާއަށް ދޭން ފެށި ވަރުގަދަ ހަމަލާތަކުގައި 200 އެއްހާ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

ގާޒާއަށް ދެމުންދާ ހަމަލާތައް ކުށްވެރި ކުރައްވައި ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ރައީސް ވަނީ އިޒްރޭލުގެ އަމަލުތަކަށް އެ ގައުމު ޒިންމާދާރު ކުރުވަންޖެހޭކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް، ގާޒާގެ އާންމުންގެ ފުރާނަ ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވައިފައެވެ.

މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރީން، ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުން ކަމަށާއި މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި ދިވެހި ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.