އޭޝިއާގެ ބީޗް ހޭންޑްބޯލް މުބާރާތުގެ ރޭންކިން މެޗުގައި ހޮންކޮންގް ބަލިކޮށް، ރާއްޖެއިން ބީޗް ހޭންޑްބޯލްގެ ފުރަތަމަ ބައިނަލްއަގުވާމީ މޮޅެއް ހޯދައިފިއެވެ.
މިފަހަރު ރާއްޖޭގެ ބީޗް ހޭންޑްބޯލް ޓީމު އެކުލަވާލީ ކުޅުދުއްފުށި ސިޓީގައި ޓްރަޔަލްތައް ކުރިއަށް ގެންގޮސްގެންނެވެ. އެ ޓްރަޔަލްތައް ކުޅުދުއްފުށީގައި ކުރިއަށް ގެންދަން އިއުލާނު ކުރުމާއެކު އެކަމަށް އެސޯސިއޭޝަނަށް ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވީ ނަމަވެސް، ހުރިހާ ގޮތަކުންވެސް އެއީ އެސޯސިއޭޝަނަށް ކާމިޔާބީއެއް ކަމަށް ފަހުން ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.
އެންމެ ފުރަތަމަ ގައުމީ ބީޗްހޭންޑްބޯޅަ ޓީމު އެކުލަވާލީ، ފެބްރުއަރީ މަހު ޕާކިސްތާންގައި ކުރިއަށްދިޔަ، ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތަކަށެވެ. ފަހުވަގުތު އެމުބާރާތް ނުކުޅެވޭ ގޮތް ދިމާވުމުން، ބީޗްހޭންޑްބޯޅަ ޓީމުގެ މަސައްކަތްތައް ކުރިއަށްގޮސް، މި މަހު، އޮމާންގެ މަސްކަޓުގައި ބޭއްވި އޭޝިއާގެ ބީޗްހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ނިންމާފައިވާ އިރު، ރާއްޖެއިން މުބާރާތަށް ތައްޔާރުވީ ޕާކިސްތާންގެ ތަޖުރިބާކާރު ކޯޗު، އާސިމް ރަޝީދެވެ.
ކޯޗު އާސިމާއެކު ޓީމުން ކުރި މަސައްކަތުގައި މިފަހަރު އޭޝިއާ މުބާރާތަށް ގޮސް، ފުރަތަމަ މެޗުގައި އޮމާން އަތުން ބަލިވީ 2-0 އިންނެވެ. އެއީ، 22-08، 22-06 އިން ސެޓުތައް ގެއްލިގެންނެވެ. ދެވަނަ މެޗުގައި، ސައުދީ އަރަބިއްޔާ އަތުން 2-0 އިން ބަލިވިއިރު، އެ މެޗުގެ ސެޓުތައް ދިޔައީ، 20-12، 18-08 އިންނެވެ. ގްރޫޕްގެ ތިން ވަނަ މެޗުގައި، ހޮން ކޮންގް އަތުން 2-0 އިން ބަލިިވިއިރު، ސެޓުތައް ނިމިފައިވަނީ، 18-12، 20-14 އިންނެވެ.
ރޭންކިން ކަނޑައެޅިއިރު، ގަދަ އަށް ޓީމުގެ ތެރޭގައި ރާއްޖެ ހިމެނޭތީ، ކުއާޓާ ފައިނަލުގެ ފުރުސަތު ލިބިގެންދިޔަ އެވެ. ކުއާޓާ ފައިނަލުގައި ރާއްޖެ ނުކުތީ، ވަރުގަދަ އީރާނާ ދެކޮޅަށެވެ. އެ މެޗުން، 2-0 އިން ބަލިވިއިރު، ސެޓުތައް ދިޔައީ، 14-08، 32-15 އިންނެވެ.
އޭގެފަހުން ރޭންކިން ބުރުގައި، ސައުދީ އަރަބިއްޔާ އަތުން ރާއްޖެ 2-0 އިން ބަލިވިއިރު، ސައުދީން ސެޓުތައް ގެންދިޔައީ، 21-18، 14-11 އިންނެވެ. ދެން ރާއްޖެއިން ހޮން ކޮންގާ ދެކޮޅަށް ކުޅުނީ އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްވެސް ކުޅުމަށްފަހުއެވެ.
ފަހުން ކުޅުނު މެޗުގައި ރާއްޖެ ހޮން ކޮންގް ބަލިކުރީ ޝޫޓް އައުޓަކަށް ގޮސްގެންނެވެ. ފުރަތަމަ ސެޓު ހޮން ކޮންގުން 22-14 އިން ގެންދިޔަ ނަމަވެސް ރާއްޖެއިން ދެވަނަ ސެޓު ގެންދިޔައީ 17-21 އިންނެވެ. ނަތީޖާ ނެރުނު ޝޫޓްއައުޓްގައި، ރާއްޖެ މޮޅުވީ 9-8 އިންނެވެ.
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް