ރާއްޖޭގެ އިގްތިސޯދު ރަނގަޅުވަމުން އަންނާތީ މޫޑީސްއިން ރާއްޖެއަށް ކުރިން ދީފައިވާ ރޭޓިން ދަމަހައްޓަައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް 03 ޑިސެމްބަރު 2024 ނެރުނު ބަޔާނުގައި ވަނީ ރާއްޖެއަށް އެންމެ ފަހުން ދިން ސީއޭއޭ2 ރޭޓިން ދަމަހައްޓައިފައެވެ.

މޫޑީސް އިން ރާއްޖެއަށް ދީފައިވާ ރޭޓިން ސީއޭއޭ1 އިން ސީއޭއޭ2 އަށް ދަށްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ސީއޭއޭ-2 ރޭޓިންއަކީ މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިންއެކެވެ.

މޫޑީސްއިން މިއަދު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ގުޅޭ ގޮތުން މި މަހުގެ ތެރޭ ހެދި ރިވިއުއަކަށް ފަހު އޭގެ ހޯދުންތައް އާންމުކޮށްފައެވެ. މިއީ ކްރެޑިޓް ރޭޓިން ކުރުމުގެ ގޮތުން ހެދި ރިވިއުއެއް ނޫނެވެ. މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާނީ މިއަހަރުގެ ފަހުކޮޅުގައެވެ.

މޫޑިސްއިން މިއަދު އާންމުކުރި މައުލޫމާތުގައި ވަނީ ރާއްޖޭގެ ދިގު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލުކަން ލިބިފައިވާތީ ސީއޭއޭ-2 ރޭޓިން ހަމަ އެގޮތަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. ރޭޓިން ދަމަހައްޓަން ނިންމީ ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި ބަދަލުތަކުގެ ސަބަބުން ފޮރިން ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭތީ ކަމަށް މޫޑީސްއިން ބުންޏެވެ.

މޫޑީސްއިން ބުނީ ރާއްޖޭގެ ފޮރިން ރިޒާވް ދަށް މިންވަރެއްގައި ހުރި ނަމަވެސް އެ ގަވާއިދުގެ ސަބަބުން ފޮރިން ރިޒާމް އިތުރުވަމުން އަންނަ ކަމަށެވެ. އެއީ ރަނގަޅު ފާލެއް ނަމަވެސް ކަންބޮޑުވުމަކީ ބޭރުގެ ދަރަނި އަދާކުރުމަށް ފައިނޭންސިން ނުވަތަ ފައިސާ ހޯދުމުގެ ފުރުސަތުތައް ރާއްޖެއަށް ހަނިވެގެން ދިޔުން ކަމަށް މޫޑީސްއިން ބުންޏެވެ.

އަދި ބުނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސޯދުގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ލިބުނު ގެއްލުންތަކުން މިހާރު އަރައިގަނެ އިގުތިސޯދު ދުވެލި ހުރީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.

އިގުތިސޯދު މަޑުމަޑުން ރަނގަޅުވަމުން އައި ނަމަވެސް ބޭރުގެ ދަރަނި ދައްކަން ޖެހުމަކީ އިގުތިސޯދެއް އޮތް ނުރައްކަލެއްކަން މުޑީސްއިން ފާހަގަކޮށްފައިވެއެވެ. އަދި އެމެރިކާގެ އިގުތިސޯދީ ސިޔާސަތުތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުތަކުގެ ހާލަތު ބަދަލުވަމުން ދިއުމުގެ ސަބަބުން ބޭރުގެ ފައިނޭންޝިއަލް އެޖެންސީތަކުން ފައިސާ ހޯދަން ރާއްޖެއަށް ދަތިވާނެ ކަމަށް މޫޑީސްއިން ބުންޏެވެ.

އަދި ބުނީ 2026 ވަނަ އަހަރު އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަށް ނުވަތަ އަލުން ފައިނޭންސް ކުރުމަށް ނުވަތަ ރީފައިނޭންސް ކުރެވޭކަން ރާއްޖެއިން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.