ގައުމީ އެއާލާއިން މޯލްޑިވިއަނުން ހދ. ހަނިމާދޫ އާއި އިންޑިއާގެ ބެންގަލޫރާ ދެމެދު ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވިއަނުން ހަނިމާދޫ އާއި ބެންގަލޫރާ ދެމެދު މިއަދު ދަތުރުތައް ފަށާފައިވާ އިރު، ފުރަތަމަ ފުލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ހަނިމާދޫން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ރާއްޖޭގެ އުތުރު ސަރަހައްދާއި މުހިންމު ސަރަހައްދީ މަންޒިލުތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް މޯލްޑިވިއަނުން ކުރާ މަސައްކަތުގެ ދަށުން ފެށުނު އެ ދަތުރުތަކުގެ ތެރެއިން ހަފުތާއަކު ދެ ފްލައިޓު ހަނިމާދޫން ބެންގަލޫރަށް ބާއްވާނެއެވެ.

15 މެެއި 2025، މޯލްޑިވިއަނުން ހަނިމާދޫ އާއި އިންޑިއާގެ ބަންގަލޫރާ ދެމެދު ދަތުރުތައް ފެށުން -- ފޮޓޯ/ މޯލްޑިވިއަން

މޯލްޑިވިއަނުން ހަނިމާދޫ-ބެންގަލޫރު ރޫޓަށް ޓިކެޓް ބުކް ކުރުމަށް ހުޅުވާލާފައިވަނީ މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ. މޯލްޑިވިއަނުން ހަނިމާދޫ އާއި އިންޑިއާގެ ބެންގަލޫރާ ކުރާ ދަތުރުގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 399 ޑޮލަރު (6152.58 ރުފިޔާ) އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް އިލްޔާސް މީގެ ކުރިން ވިދާޅުވެފައިވަނީ، ހަނިމާދޫ-ބެންގަލޫރު ރޫޓު ތައާރަފު ކުރުމުގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ސަގާފީ އަދި އިގުތިސޯދީ ގުޅުން ބަދަހިވެގެންދާނެ،" އިލްޔާސް ވިދާޅުވެފައިވެއެވެ.

މޯލްޑިވިއަނުން އަންނަނީ އިންޑިއާގެ ތިރުވަނަންތަޕޫރަމާއި ހަނިމާދޫއާ ދެމެދު ދަތުރުތައް ވެސް ކުރަމުންނެވެ.