މި އަހަރު ފުރަތަމަ ހަތަރު މަހު ބީއެމްއެލް އޭޓީއެމްތަކަށް 1.3 ބިލިއަން ރުފިޔާ ޖަމާކުރި ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ނ. ކުޑަފަރީގައި އޭޓީއެމް ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމުކުރުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި ބޭންކުގެ އަމާޒަކީ އެއްވެސް ރައްޔިތެއް އަދި އެއްވެސް ރަށެއް ބާކީ ނުކުރުން ކަމަށެވެ.

އޭޓީއެމް ހިދުމަތް ކޮންމެ ރަށަކަށް ލިބެން ފެށުމާއެކު ދަތުރުކުރަން ނުޖެހި ހިދުމަތް ލިބުމުގެ އިތުރުން ރައްޔިތުން އަތުގައި ހުރި ފައިސާ ބޭންކިން ނިޒާމަށްވެސް ވަންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ބީއެމްއެލް މެދުވެރިކޮށް ކަސްޓަމަރުންކުރާ މުއާމަލާތްތަކުގެ 90 ޕަސެންޓް މުއާމާލާތްތައް ކުރަނީ ޑިޖިޓަލްކޮށް ކަމަށާއި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕަށް ދުވާލަކު 1,000,000 ފަހަރު ކަސްޓަމަރުން ލޮގް ކުރާ ކަމަށެވެ.

އަދި އިންޓަނެޓް މެދުވެރިކޮށް ކުރާ މުއާމަލާތުގެ އަދަދު ބޮޑު ޕަސެންޓެއް ހިއްސާކުރި ނަމަވެސް އޭޓީއެމްތަކުން ކުރާ މުއާމަލާތްތައްވެސް އިތުރުވަމުން އަންނަ ކަމަށާއި އެގޮތުން ބީއެމްއެލް އޭޓީއެމްތަކުން ދުވާލަކު 38000 މުއާމަލާތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ދެ މަހެއްހާ ދުވަސް ކުރިން ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލްގެ ނިޔަލަށް ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައި. އެއީ 2000 އަށްވުރެ ގިނަ މުއާމަލާތް. އޭޓީއެމް ހިދުމަތް ލިބެން ނެތް ނަމަ އެއީ ހިދުމަތް ހޯދުމަށް ކުރަންޖެހޭ 2000 ދަތުރު. އަދި މިދިޔަ ރޯދަމަސްތެރޭ އަޅުގަނޑުމެން ވާނީ ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށާފައި. ހއ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށް ވަނީ 8000 މުއާމަލާތް ހިންގާފައި. އެއީ 45 މިލިއަން ރުފިޔާގެ މުއާމަލާތްތައް. އެ އަތޮޅުގައި ފައިސާ ނެގުމަށް ވަނީ 27,000 މުއާމަލާތް ކޮށްފައި. އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތް. މިއީ ގާތްގަނޑަކަށް ފަސް ހަފްތާތެރޭ ކޮށްފައިވާ މުއާމަލާތްތައް،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި ރާއްޖެ އިން ވެސް ފެންނަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތަން ކަމަށާއި އެގޮތުން އެޕްރީލްގެ ނިޔަލަށް މާލޭ ފިޔަވައި އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން 240,000 މުއާމަލާތް ކޮށް، ޖުމުލަ 1.3 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާ ކަމަށެވެ.