ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރަން ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅި ބިލު ރޭ ދަންވަރު ބޭއްވި، ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ހޯރަފުށީ ދާއިރާ މެންބަރު އަލީ މޫސާ މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. ބިލުގެ ބަހުސް ނިންމައި ހަމަ އެ ދުވަހު، މަޖިލީހަށް ބިލު ބަލައިގަނެ ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވިއެވެ.
މި ބިލު ކޮމިޓީން ނިންމާފައިވަނީ ރޭ ދަންވަރު 12:30 އިން ފެށިގެން 10 ވަރަކަށް މިނެޓަށް ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ކޮމިޓީން ބިލު ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސްއެވެ.
ކޮމިޓީ ފެށުމަށްފަހު މުގައްރިރު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ސަމީރު ފުރުސަތު ހުޅުވައިލެއްވިއެވެ. ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވީ ބިލު ވަގުތުން ވަގުތަށް ކޮމިޓީން ނިންމުމަށެވެ. ތާއީދުކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދެެވެ.
އެ ހުށަހެޅުން ފާސް ކުރުމަށްފަހު، ބިލުގައި އޮތް އިބާރާތް ކޮމިޓީ ބައްދަލުވުމަށް އިއްވައި ދިނުމަށް މުގައްރިރު އެދިވަޑައިގެންނެވިއެވެ.
އެ ހިސާބުން ބިލު ފާސްކުރަން ހުށަހެޅުއްވީވެސް އައިފާންއެވެ. ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ތާއީދާއެކު ބިލު އޮތް ގޮތަށް ފާސްކުރިއެވެ.
ބިލުގައި ބުނެފައިވާ ގޮތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުން ދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި އިލެކްޝަން ބާއްވަންޖެހޭތީއާއި އޭގެ ސަބަބުން އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދިއުން ކަމަށެވެ.
ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ އުމުރު ހަމަވާން ގާތްވެފައި ވަނިކޮށް ބައި އިލެކްޝަންތައް ގިނަގިނައިން ބާއްވަން ނުޖެހޭ ގޮތަށް ހަމަޖެއްސުންވެސް އެ ބިލު މަޖިލީހަށް ފޮނުވުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން، ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ބޭއްވުން ލާޒިމެއް ނޫނެވެ.
ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބައި އިލެކްޝަން ބާއްވަން ނުޖެހޭ މުއްދަތު 548 ދުވަސް ނުވަތަ ދޮޅު އަހަރު ދުވަހުގެ ގޮތުގައި ހަމަޖައްސަން ހިމަނައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް