އެޕަލްއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އާ އެކްސެސިބިލިޓީ ފީޗާތަކެއް ތައާރަފުކުރާނެ ކަމަށް އިއުލާނުކޮށްފިއެވެ. މި ފީޗާތައް ތައާރަފުކުރަނީ އެޕަލްގެ އެކްސެސިބިލިޓީ އިނޮވޭޝަންގެ 40 އަހަރު ފާހަގަކުރުމާ ގުޅިގެންނެވެ.

އާ ފީޗާތައް ތައާރަފުކުރާނީ އައިއޯއެސް 19 އަދި މެކްއޯއެސް 16 އަޕްޑޭޓްގަ އެވެ. މި އަޕްޑޭޓްތައް ޕްރިވިއުކުރާނީ ޖޫން މަހު ބާއްވާ ޑަބްލިއުޑަބްލިއުޑީސީ 2025 ގަި ކަމަށް ޓެކް ހަބަރުތައް ބުނެއެވެ.

އާ ފީޗާތަކުގެ ތެރޭގައި ހިމެނެނީ އެޕް ސްޓޯގައި އެކްސެސިބިލިޓީ ނިއުޓްރިޝަން ލޭބަލްތަކާއި، މެކް ކޮމްޕިއުޓަރުތަކަށް މެގްނިފަޔަރ އެޕާއި، ބްރެއިލް އެކްސްޕީރިއަންސް އެވެ. މީގެ އިތުރުން އެޕަލް ވޮޗްގައި ލައިވް ކެޕްޝަންސް އަދި އެކްސެސިބިލިޓީ ރީޑާ ހިމެނެ އެވެ.

މި ފީޗާތައް ތައާރަފުކުރާނީ އައިފޯން، އައިޕެޑް، މެކް، އެޕަލް ވޮޗް އަދި އެޕަލް ވިޝަން ޕްރޯގައެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ބުނެފައިވަނީ އެންމެންނަށް ބޭނުންކުރެވޭ ޓެކްނޮލޮޖީ އުފެއްދުމަކީ އެޕަލް އިން އަބަދުވެސް ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ.