ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ދީފައިވާ ދ. އުއްދޫ ސަރުކާރަށް ނަގާފައިވާނީ އެއްބަސްވުން ހަމަވެގެން ކަމަށާއި އަދި ނ. މިނާވަރު އަތުލީ އެގްރިމަންޓާ ހިލާފުވެގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ކޮންޓްރެކްޓުގެ މުއްދަތު ހަމަވި އުއްދޫ ސަރުކާރަށް ނެގުމަށްފަހު، ދ. އަތޮޅުގެ ރައްޔިތުންގެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު ވަނީ ހަމަޖައްސައިފައެވެ. އަދި މިނާވަރުގެ އެގްރިމަންޓު ބާތިލުކުރުމަށް ދާދިފަހުން ވަނީ ސިޔާމްގެ ކުންފުންޏަށް ނޯޓިސް ފޮނުވައިފައެވެ.
ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ އަހާ ފޯރަމްގައި ރޭ ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ސިޔާސީ ބޭފުޅަކަށް ނިސްބަތްވާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެއް ކަމަށްވިޔަސް، އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ނުކުރާ ކަމަށްވާ ނަމަ، އަޅަންޖެހޭ ފިޔަވަޅުތައް މި ސަރުކާރުން އަޅާނެ ކަމަށެވެ.
"އުއްދޫ ސަރުކާރަށް ނެގީއެއް ނޫން، އެއީ ރަނގަޅު ވާހަކައެއް ނޫން. އުއްދޫ ކުއްޔަށް ދީފައި އޮތީ 25 އަހަރު ދުވަހުގެ މުއްދަތަކަށް. 25 އަހަރުގެ މުއްދަތު ހަމަވީމަ ސަރުކާރުން ނިންމީ އެ މުއްދަތު އިތުރު ނުކޮށްދޭން. އެއްވެސް ހާލެއްގައި ސަރުކާރުން އެގްރިމަންޓާ ހިލާފަށް އެ ރަށް ނަގައިގެން އުޅެނީއެއް ނޫން. އުއްދޫގެ އެގްރިމަންޓުގެ މުއްދަތު ހަމަވީމަ ސަރުކާރުން ބޭނުން ނުވީ އެ މުއްދަތު އިތުރުކޮށްދޭން. އޭގެ ބަދަލުގައި އުއްދޫ އަކީ ދ. އަތޮޅުގެ ރައްޔިތުން ޕިކްނިކް ދާން ކަނޑައަޅާ ރަށެއްގެ ގޮތުގައި ސަރުކާރުން ބޭނުންވީ،" ބަންޑާރަނައިބު ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މިނާވަރަކީ އެ ކުންފުނިން ޕްރޮޕޯސަލެއް ހުށަހަޅައިގެން ވަކި ކަހަލަ މަސައްކަތްތަކެއް ކުރުމަށްޓަކައި ކުއްޔަށް ނަގާފައި އޮތް ރަށެއް ކަމަށާއި ނަމަވެސް އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ކުރަމުން ގޮސްފައިނުވާ ކަމަށެވެ.
"އެގްރިމަންޓާ އެއްގޮތަށް އެ ރަށުގައި މަސައްކަތްތައް ކުރަމުންނުދާތީ، އެގްރިމަންޓުގައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޯޓިސް ދިނުމަށްފަހު އެގްރިމަންޓް ބާތިލުކުރުމަށް ސަރުކާރުން ނިންމީ. ހަމައެކަނި މިނާވަރު އެކަންޏެއް ނޫން. އަޅުގަނޑުމެންނަށް ދިމާވޭ ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ވަރަށް ގިނަ ރަށްތައްވެސް އެގްރިމަންޓުގައި އެ ބުނާ މަސައްކަތް ނުކޮށް، ހަމައެކަނި އެހެން ކަންކަން ކުރުމަށްޓަކައި އެ ރަށްތައް ބޭނުންކުރަމުންދާ ތަން،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނެތި އެކަހަލަ ހުރިހާ މައްސަލަތަކެއް ބަލައި، އެ ރަށްތައް އަނބުރާ ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށާއި ދަނޑުވެރިކަމުގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެތައް ސަތޭކަ ރަށަކާއި ފަޅުތަކެއްގައި އެއްވެސް ކަހަލަ މަސައްކަތެއް ނުކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެ ހުރިހާ އެގްރިމަންޓުތަކެއް ރިވިއުކުރުމަށްފަހު، އެ ހުރިހާ އެގްރިމަންޓުތަކެއް ބާތިލުކުރުމުގެ މަސައްކަތް ވެސް ފެށިގެން ކުރިއަށްދާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް