ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމަށް، މިއަހަރުގެ ތެރޭގައި އެސެޓް ރިކަވަރީ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ މަހު ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވެސް ވަނީ، ކޮރަޕްޝަން ހިންގައިގެން ނުހައްގުން އެކި ފަރާތްތަކުން ހޯދާ ފައިސާ ދައުލަތަށް ނެގުމަށް އެސެޓް ރިކަވަރީ ގާނޫނު އަވަހަށް ވުޖޫދުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން އުޝާމް ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދެން ފެށޭ ދައުރަކަށް އެސެޓް ރިކަވަރީ ބިލު ހުށަހެޅުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
"ހަމަ ޔަގީނުންވެސް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެސެޓް ރިކަވަރީ ބިލު ހުށަހަޅާނަން. ބިލުގެ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތްތައް ވެސް އަޅުގަނޑުމެން މިހާރު ވަރަށް ބާރަށް ކުރިއަށް އެބަގެންދަން. އަޅުގަނޑު މި އުންމީދުކުރަނީ މި ބިލު ނިމިގެން އަންނައިރުގައި، މީގެ ތެރޭގައި ސިވިލް އެސެޓް ރިކަވަރީ ބަޔަކާއި ހަމަ އެއާއެކީގައި ކްރިމިނަލް އެސެޓް ރިކަވަރީގެ ބައެއް ވެސް ހިމެނިގެންދާނެ ކަމަށް،" ބަންޑާރަނައިބު ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ އެ ބިލާއެކު އެސެޓް ރިކަވަރީ ގާނޫނު ވުޖޫދުވުމުން، ކުށް ކޮށްގެން ހޯދާފައި ހުންނަ މުދާތައް ވެސް ހޯދޭނެ ކަމަށާއި އެއާ އެކީގައި އެކިއެކި ގޮތްގޮތުން މީގެ ކުރިން އެކި ފަރާތްތަކުން ދައުލަތުގެ މުދާ ނަހަމަގޮތުގައި ހޯދާފައި ހުރި މައްސަލަތަކުގައި ވެސް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް އެސެޓް ރިކަވަރީ ބިލެއްގެ މަސައްކަތަކީ. އެނގިވަޑައިގަންނަވާނެފަދައިން ވޭތުވެދިޔަ ސަރުކާރުތަކުގައި ދައުލަތުގެ މުދާ ނުއަގުގައި އެކިއެކި ފަރާތްތަކަށް ބަހާފައި އެބަހުރި. ހަމައެއާއެކު ދައުލަތުގެ އެސެޓްތައް ބޭނުންކޮށްގެން އެކިއެކި ފަރާތްތަކުން އޭގެ ބޮޑެތި ފައިދާތަކެއް ނަގަމުންދިޔަ ބޮޑެތި މައްސަލަތަކެއް ވެސް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފި،" ބަންޑާރަނައިބު ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ ގެއްލިފައި ހުރި ދައުލަތުގެ މުދާތަކުގެ ހަމަ އަގު ދައުލަތަށް ހޯދުމަށް މަސައްކަތްތަކެއް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަން ބޭނުންފުޅުވާ މަސައްކަތެއް ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޭރު ބައެއްގެ އެހީތެރިކަމާއެކު ޑްރާފްޓުކޮށްފައިވާ ބިލެއް ރިވިއުކޮށް، އިތުރު ދިރާސާތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް