ހައްޖުވެރިންނަށް ޑެބިޓް ކާޑުގެ ލިމިޓު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޮޑުކޮށްދީފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި އަހަރު ހައްޖަށްދާ މީހުންނަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ހައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓްގެ އިތުރުން 1،750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ބީއެމްއެލްގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ބީއެމްއެލުން މިއަދު ބުނީ މިއަހަރު ހައްޖަށްދާ އެންމެހާ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1750 ޑޮލަރުގެ ލިމިޓުގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށާއި އަދި ކާޑުތަކުގެ ލިމިޓުގެ އިތުރުން، ހުރިހާ ހައްޖުވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ ހައްޖުވެރިންނަށް އެކަން ފަހިކޮށްދިނުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންގެ ލިސްޓު ބޭންކަށް ހުށަހެޅުމުން ބޭންކުން ކާޑު ލިމިޓު އިތުރުކޮށްދޭނެ ކަމަށާއި ކާޑު ލިމިޓު ހަމަޖެހުމުން ބޭންކުން އެސްއެމްއެސް ފޮނުވާނެ ކަމަށެވެ.

މިދިޔަ ރަމަޟާން މަހުގެ އުމްރާވެރިންގެ ޑެބިޓް ކާޑަށް ބޭންކުން 1500 ޑޮލަރު ހަމަޖެއްސުމާއެކު، 1300 އުމްރާވެރިން ކާޑު މެދުވެރިކޮށް ގާތްގަނޑަކަށް 9000 މުއާމަލާތްކޮށްފައިވާ އިރު، އެ މުއާމަލާތްތަކަށް ބީއެމްއެލުން ވަނީ އެއް މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ވިއްކައިފައެވެ.