ހ. ފެންޓެނޯއީން ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުރި ރައުދު އަހުމަދު ޒިލާލް (21އ)އާ ރިޔާސީ ކޮމިޝަނުން ބައްދަލުކޮށް ސުވާލުކޮށްފިއެވެ.
ރައީސް މުއިއްޒު އެ ކޮމިޝަން އުފެއްދެވީ މިދިޔަ މަހުގެ 27 ގައެވެ. އެ ކޮމިޝަނުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ޕޯޓަލްއެއް ތައާރަފުކުރާނެ ކަމަށެވެ. އަދި ހާދިސާއާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކޮށް ތަހުގީގަށް މައުލޫމާތު ހޯދައި ކޮމިޝަނުން މި މައްސަލައިގައި ކުރަމުންދާ މަސައްކަތް އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮމިޝަނުން މިއަދު ރައުދުއާ ބައްދަލުކޮށް، ހާދިސާއާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ.
ޔުމްނު، ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނުއިރު އޭނާ އާއެކު އުޅުނީ ރައުދުއެވެ. އެ މައްސަލައިގައި ފުލުހުން ރައުދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ގައެވެ. ރައުދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރި އިރު، އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު 10 ދުވަސް ޖަހައިފައެވެ. އެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ރައުދުގެ ބަންދު އިތުރު 10 ދުވަހަށް އިތުރުކޮށްފައެވެ.
ޔުމްނުއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނައިރު، މި މަހު ހަތަރު ވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފައެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ، މި މަހު އަށްވަނަ ދުވަހުގެ ރޭ ޗެނަލް 13 އަށް ދިން ވީޑިއޯ އިންޓަވިއެއްގައި ބުނެފައިވަނީ އިމާރާތުގެ މަތިން ޔުމްނު ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް ޔުމްނު ކިޔައިދީފައިވާ ކަމަށެވެ.
ޔުމްނުގެ ދައްތަ ބުނެފައިވަނީ ހާދިސާ ހިނގި ރޭ ޔުމްނު ފެންޓެނޯއީއަށް ދިޔައީ އެ މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒު/ ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށެވެ.
މުހައްމަދު އިޝާން
ޚަބަރު
ޚަބަރު
ޚަބަރު