ކާސްޓްރޯލްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރުކަން އެމްޓީސީސީއަށް ލިބިއްޖެއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކާސްޓްރޯލް ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ އެއްވެސް ފަރާތަކުން ކާސްޓްރޯލް މަރުކާގެ އެއްވެސް މުދަލެއް ރާއްޖެ އެތެރެކޮށް، ވިއްކައި މާކެޓްކޮށް ހެދުމަކީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 51 ވަނަ މާއްދާ އަދި 52 ވަނަ މާއްދާއާ ހިލާފުކަމެއް ކަމަށެވެ.

"އެހެންކަމުން ކަސްޓަމަރުންނަށް އޮޅޭފަދައިން އެއްވެސް ފަރާތަކުން ކާސްޓްރޯލް އެތެރެކޮށް ވިއްކާކަމުގެ ދޮގު މައުލޫމާތު ހިއްސާނުކުރެއްވުމަށް އެދެމެވެ..،" އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެއްވެސް ފަރާތަކުން އެ ކުންފުނީގެ ވިޔަފާރިއަށް ގެއްލުންވާނެ ކަމެއް ކުރިކަން އެ ކުންފުނީގެ ސަމާލުކަމަށް އައިސްފިނަމަ އެކަން ކުށްވެރިކުރާ ހާލު، އެ ފަރާތަކާ ދެކޮޅަށް ގާނޫނީ ތަރަހައިގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.