ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވަމުންގެންދާ ހެލްތު ކޭމްޕް، މިފަހަރު ދ. ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އެ ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި މަހުގެ 16 އިން 17 އަށް ދ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޭމްޕަކީ ކުޑަހުވަދޫއާއި ކައިރި ރަށްތަކާއި ރިސޯޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބާއްވާ ކޭމްޕެއް ކަމަށެވެ.
އެ ހެލްތު ކޭމްޕްގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެ ކަމަށާއި އެ ހެލްތު ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަށް ކޮންސަލްޓަންޓް ޑޮކްޓަރުން ބައިވެރިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމު:
- ޑރ. ޒާކިޔާ އަހްމަދު - އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. އަލީ މުޒްނީ - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. މެގްނަސް އޮލޮފް އޮޑްކްވިސްޓް - ކަށީގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. ޗަންދްރަޝޭކަރު ރަވާލް - ކަރުން މަތީގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. މެހްމެޓް އޮޑަރ - ކުޑަކަމުދާ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. އަނޫ އަގްރަވާލް - ހަމުގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. އަރްޗަނާ ޝަރްމާ - ލޮލުގެ ބަލިތަކުގެ ކޮންސަލްޓަންޓް
- ޑރ. އުކްތަމް އަބްދުއްލައެވް - ޖެނެރަލް ސާޖަން
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މިއީ އެ ހޮސްޕިޓަލުން މި އަހަރު ކުރިއަށްގެންދާ ފުރަތަމަ ހެލްތު ކޭމްޕް ކަމަށާއި 2024 ވަނަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ބޭއްވުނު ހެލްތު ކޭމްޕްތަކުގައި 1500 އަށްވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދައްކައި ސިއްހީ ހިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި އެ ކޭމްޕްތަކަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ކޭމްޕްގައި ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން، ދާލު އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނަށް ޓްރެއިނިން ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެނުންގެ ބަލިތަކާއި ދަރިމައިވުމާ ބެހޭ މައުލޫމާތު ސެޝަނެއް ޑރ. ޒާކިޔާ އަހްމަދު ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހެލްތު ކޭމްޕް އިންތިޒާމުކޮށް ކުރިއަށްގެންދިއުމުގައި ދ. އަތޮޅު ހޮސްޕިޓަލް، ކުޑަހުވަދޫ ކައުންސިލް، ދ. އަތޮޅު ކައުންސިލް އަދި ދ. ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ދެއްވަމުންގެންދާ އެހީތެރިކަމަށް އެ ހޮސްޕިޓަލުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ ހެލްތު ކޭމްޕްގެ ވައިގެ ދަތުރުތައް އިންތިޒާމްކޮށްދިނުމުގައި މަންޓާ އެއާއިން ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ދޭ އެއްބާރުލުމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ވެސް ބުންޏެވެ.
އެ ހެލްތު ކޭމްޕްތަކަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ، މިފަދަ ހެލްތު ކޭމްޕްތައް ބޭއްވުމަކީ އެ ހޮސްޕިޓަލުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެގޮތް ހަމަޖެއްސުން. މި ކޭމްޕްތަކުގެ ސަބަބުން އެ މަގުސަދު ހާސިލުކުރުމަށް އިތުރު ފިޔަވަޅެއް އެޅިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ވިދާޅުވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ކޭމްޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދ. އަތޮޅު ހޮސްޕިޓަލުގެ ނަންބަރު 6760087 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މައުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް