ގައުމީ ޑިޖިޓަލް އިގުރާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.

ގައުމީ ޑިޖިޓަލް އިގުރާރު ރައީސް މުއިއްޒަށް އެރުވީ، މިރޭ ބޭއްވި މޯލްޑިވްސް 2.0 ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

އެ އިގުރާރަކީ ރައީސް މުއިއްޒުގެ ތަސައްވަރާ އެއްގޮތަށް ރާއްޖެ ޑިޖިޓަލައިޒްކުރުމުގައި އަމަލީ މަސައްކަތަށް ލިބިގެންދާ ބާރެކެވެ.

މިނިސްޓަރު އިހްސާން ވިދާޅުވި ގޮތުގައި "މޯލްޑިވްސް 2.0"ގައި ސަރުކާރުން ގާއިމުކުރާނީ ހާމަކަން ބޮޑު ނިޒާމެއް ކަމަށެވެ. އެގޮތުން އެ ނިޒާމުގެ ދަށުން އެއްވެސް ފަރުދެއް އަދި ރަށެއް ބާކީނުކޮށް، ހިދުމަތްދެވޭ ސިސްޓަމްތަކެއް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ހުރިހާ އިދާރާއެއް އެއް ވިއުގައަކުން ގުޅިފައިވާ އަދި ތަކުރާރުކޮށް އެއް މައުލޫމާތުތަކެއް އިދާރާތަކަށް ހުށަހަޅަން ނުޖެހޭނެ ފަދަ ނިޒާމަކަށް އެ ނިޒާމުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ނިޒާމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސަލާމަތީގޮތުން ވަރުގަދަ ސައިބާ ނުރައްކަލަށް ކުރިމަތިލެވޭ ފަދަ ނިޒާމެއްކަމަށްވެސް ވިދާޅުވިއެވެ.