އިލެކްޓްރޯނިކް ވޯޓިން (އީ ވޯޓިން) ނިޒާމު ގެންނަން ބޭނުންވީ ކުރީ ސަރުކާރުން ކަމަށާއި މި ސަރުކާރުން އެ ނިޒާމު ގެނައުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ "ދިވެހިރާއްޖެ 2.0" ސަމިޓު ނިންމުމަށް ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ދެން ބޭނުންވަނީ ހަމައެކަނި އީ ވޯޓިން ނިޒާމު ގެނައުން ކަމަށް ކުރީ ސަރުކާރުގެ ވެރިން ގަބޫލުކުރެއްވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން ގަބޫލުކުރި ގޮތުގައި ރާއްޖެ އޮތީ އެންމެ ކަމެއް ފިޔަވައި ޒަމާނީ ޓެކްނޮލޮޖީގައި އެންމެ އުހަށް ދެވިފައި ކަމަށެވެ.

"އެކަމަކީ އީ ވޯޓިން ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ވޯޓިން ނިޒާމެއް ތައާރަފުކުރުން. އިންތިހާބުތަކުގައި ރައްޔިތުންގެ ނިންމުންތައް ނިންމަން ޖެހޭނީ ސިސްޓަމްތައް މެދުވެރިކޮށްކަން އެ ބޭފުޅުން ގަބޫލުކުރެއްވި ފަދަ. އެ ބޭފުޅުންގެ ވާހަކަތަކުން އަޅުގަނޑަށް ދޭހަވަނީ އެ ބޭފުޅުންނަށް އިތުރު ފުރުސަތެއް ލިބިވަޑައިގަތް ނަމަ އެކަން ކުރައްވަން ތިއްބެވީ ނިންމަވައިގެންކަން. މިހެން ދަންނަވަން މި ޖެހުނީ ރައީސް މޯލްޑިވްސް 2.0 ސަމިޓް ފެއްޓުމުގެ ރަސްމިއްޔާތަށް ފަހު އޭރުގެ އެކިއެކި ވަޒީރުން މޯލްޑިވްސް 2.0 ގެ މަގުސަދަކީ ރާއްޖެއަށް އީ-ވޯޓިން ތައާރަފުކުރުން ކަމުގައި ތަކުރާރުކޮށް ވިދާޅުވަމުންދާތީ،" މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އަރިހުގައި އެސްޓޯނިއާ ދަތުރުފުޅުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަތްކަން ފާހަގަކުރައްވައި އިހްސާން ވިދާޅުވީ، އެސްޓޯނިއާގައި ވޯޓުލަނީ ވޯޓު ކަރުދާހުގެ އިތުރުން ބޭނުންވާ ފަރާތްތަކަށް އީ-ވޯޓިން ނިޒާމުކުން ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ރާއްޖެއިން އީ-ވޯޓިންއަށް ނުދާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް ވިދާޅުވީ އަޅުގަނޑުމެން މި ހުރިހާ ކަމެއް މި ގޮތަަށް ކުރަންވާނެއޭ. އެހެން ނަމަވެސް ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ގެންގުޅެގެން ނުވާނެ ކަމަށް. އަޅުގަނޑުމެން މިހާރުވެސް ވޯޓުލަނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ކަމަށާއި ދެންވެސް ކުރިއަށްދާނީ އެގޮތަށް ކަމަށް ރައީސް ގަބޫލުފުޅު ކުރައްވާ ކަމަށް. އަދި ދަތުރުފުޅަށް ފަހު ވަޒީރުންގެ މަޖިލީހުގައިވެސް އެ ވާހަކަ ތަކުރާރުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް 2.0 ގެ އެއްވެސް މަޝްވަރާއެއްގައި އީ-ވޯޓިންގެ ވާހަކަވެސް ދައްކަވާފައިނުވާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މޯލްޑިވްސް 2.0 ގެ ސަބަބުން ކުރީގައި ކޮރަޕްޝަނަށް މަގުފަހިވެފައި އޮތް ނިޒާމަށް ހެޔޮ ބަދަލެއް އައިސް މަސައްކަތްތަައް އަވަސްވެ ދެ ފުށްފެންނަ ނިޒާމެއްގެ ދަށުން ކަންކަން ކުރެވިގެންދާނެ ކަމަށެވެ.