"މޯލްޑިވްސް 2.0" އާއެކު ކޮރަޕްޝަން ނައްތާލަން ސަރުކާރުން ކުރާ މަސައްކަތްތަކުގައި ޒިންމާދާރުކަމާ އެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި "މޯލްޑިވްސް 2.0" އާގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި، ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ، ރައީސް ވަނީ ސުވާލު އުފައްދަވައިފައެވެ.
ނަމަވެސް ރައީސް ވިދާޅުވެފައިވަނީ "މޯލްޑިވްސް 2.0" އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ.
އެއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެއް ކަމަށާއި ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ހިދުމަތުގެ ފެންވަރު މަތީ ނިޒާމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް. ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް. މީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު. މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލަން،" ރައީސް ވިދާޅުވިއެވެ.
"ދިވެހިރާއްޖެ 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ރޭ ވަނީ ފަސައިފައެވެ.
ނަސަންދުރަ ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ސަމިޓު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. "ދިވެހިރާއްޖެ 2.0"ގެ ރައީސްގެ މުހިންމު ސިޔާސަތެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ސަމިޓުގައި ޑިޖިޓަލްގެ ދާއިރާއިން ރާއްޖެއަށް ގެންނަ އިންގިލާބީ ބަދަލުތަކާ ގުޅޭގޮތުން ބަހުސްކުރެވި، ކަންތައްތަކެއް ނިންމާނެ ކަމަށެވެ. އަދި އެއަށްފަހު އެކަމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް