"ދިވެހިރާއްޖެ 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް އިފްތިތާހުކޮށްފިއެވެ.
ނަސަންދުރަ ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ސަމިޓު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. "ދިވެހިރާއްޖެ 2.0"ގެ ރައީސްގެ މުހިންމު ސިޔާސަތެކެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ސަމިޓުގައި ޑިޖިޓަލްގެ ދާއިރާއިން ރާއްޖެއަށް ގެންނަ އިންގިލާބީ ބަދަލުތަކާ ގުޅޭގޮތުން ބަހުސްކުރެވި، ކަންތައްތަކެއް ނިންމާނެ ކަމަށެވެ. އަދި އެއަށްފަހު އެކަމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދިވެހިރާއްޖެ 2.0" އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާހުކުރާ ޕްރޮގްރާމެކެވެ. އެއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށްއޮތް ތިން އަހަރަށް ހިންގާނެ މަޝްރޫއެކެވެ.
މިރޭގެ ރަސްމިއްޔާތުގައި ޓްރޭޑްނެޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވަނީ "ދިވެހިރާއްޖެ 2.0"ގެ އޮނިގަނޑާއި ސްޓްރެޓެޖިކް އޯވާވިއުއާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވައިފައެވެ. އެ ޕްރެޒެންޓޭޝަންގައި ސައީދާ ވަނީ ޑިޖިޓަލް ދާއިރާއިން ދައުލަތުގެ އިދާރާތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކުރައްވައިފައެވެ.
ސައީދާ ވިދާޅުވީ ޑިޖިޓަލް ދާއިރާއިން ގެންނަ ބަދަލުތަކުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމު ހަރުދަނާކުރުމާއި، މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމުތައް ގެނައުމާއި، ގައުމީ ފެންވަރެއްގައި ރައްކާތެރިކަން ގެނައުމަށް ސައިބާ ސެކިއުރިޓީގެ ކަންކަން ހަރުދަނާކުރުން ހިމެނޭ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ގާނޫނުތައް އަވަހަށް އެކުލަވާލުމަށް އިސްކަންދިނުމަށް ވެސް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ޒާތީ މައުލޫމާތުތައް ރައްކާކުރެވޭނެ ސޮވެރިން އިންފްރާސްޓްރަކްޗާ ގާއިމުކުރަން ކުރަންޖެހޭ މަސައްކަތްތަކާއި، އެކި ދާއިރާތަކަށް ހަގީގީ ލުއިފަސޭހަތަކެއް ހޯދުމަށް ހާއްސަ މަޝްރޫއުތަކެއް ހިންގުމާއި، އައިޓީ ޕްރޮފެޝަންގައި މަސައްކަތްކުރާ ދިވެހިންނަށް މަންފާ ހޯދޭނެ ގޮތް ހަމަޖެއްސުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުން ވެސް "ދިވެހިރާއްޖެ 2.0"ގެ ތެރެއިން ކުރިއަށްދާނެ ކަމަށް ސައީދާ ވިދާޅުވިއެވެ.
ސައީދާ ވިދާޅުވީ "ދިވެހިރާއްޖެ 2.0"ގެ ދަށުން ޑިޖިޓަލް ނިޒާމަށް ގެނެވޭ އިންގިލާބީ ބަދަލާއެކު ދެފުށް ފެންނަ ގޮތަކަށް ދައުލަތުގެ މުއައްސާސަތަކުން ހިދުމަތްދެވި، ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުވެގެންދާނެ ކަމަށާއި އެކި މުއައްސަސާތަކަށް އެއް މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ދެވޭ ހިދުމަތަކީ ރައްޔިތުން އެދޭ ފަދަ ހިދުމަތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއައްސަސާތަކުން ހިދުމަތް ހޯދުމަށް މިހާރު ކިޔޫގައި ތިބެން ޖެހޭ ޖެހުން ނިމުމަކަށް ގެނެވި، ލަސްވުމެއް ނެތި ނަތީޖާ ނެރެވޭނެ ގޮތަށް ހިދުމަތްތައް ފަރުމާކުރެވިގެންދާނެ ކަމަށާއި ކޮންމެ ފަންތިއެއްގެ މީހެއް ކަމުގައިވިޔަސް، އެ މީހަކު ހުރި ތަނެއްގައި ހުރެގެން ހިދުމަތް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ސައީދާ ވިދާޅުވިއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު