އުންމީދަކީ 2028 ވަނަ އަހަރުން ފެށިގެން، ސަރުކާރު މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މުވައްޒަފުންނަށް ވަކި އުސޫލެއްގެ ދަށުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތަށް ބަދަލު ގެންނެވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑިޖިޓަލްގެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުގެ ސިޔާސަތު، "މޯލްޑިވްސް 2.0"ގެ ސަމިޓް ހުޅުވުމަށް ނަސަންދަރަ ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް ބަލާއިރު ޑިޖިޓަލައިޒޭޝަންގެ މުޅި ދަތުރު، ސަރުކާރުން ކަނޑައަޅާފައިވާ ތަސައްވަރަށް ކުރިއަށް އޮތް ތިން އަހަރާ ބަައިގެ ތެރޭގައި ހާސިލުވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން އޮފީސްތަކުގެ ހިދުމަތް ދިނުމުގައި މުވައްޒަފުންނަށްވެސް ވަރަށް ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަށެވެ. ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން އޮފީހުގައި ތިބެގެން ހިދުމަތްދޭންޖެހޭ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑުތަނުން މަދުކުރެވިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުންމީދަކީ އަދި މިތަނުގަ މިއަދު ކަނޑަނޭޅި ނަމަވެސް އެންމެންގެ ގުޅިގެން މި މަސައްކަތް ކާމިޔާބުކުރެވޭ މިންވަރަކުން އަޅުގަނޑުގެ އުންމީދަކީ 2028 ވަނަ އަހަރު ފެށޭ ހިސާބުން މުޅި ދައުލަތުގައި މިހާރު ހިދުމަތުގެ މަސައްކަތް ކުރަމުންދާ 40 ގާތްޑަކަށް 49،000 މުވައްޒަފުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މުވައްޒަފުން ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ވޯކް ފޮރްމް ހޯމް. ގޭގަ ތިބެގެން ހަމަ ގާނޫނީ އުސޫލުގެ ތެރެއިން ކަނޑައެޅިފައި އޮންނަ މިންގަނޑުތަކެއްގެ ތެރެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ސިވިލް ސާވިސްގެ ތެރެއިންވެސް ކޮންމެހެންވެސް ވަޒީފާއަށް އޮފީހަށް ނުކުންނަންޖެހޭ ވަޒީފާތައް އެކަމުން އިސްތިސްނާވާނެ ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާގެ ވަޒީފާތައް އިސްތިސްނާވާނެކަން ރައީސް މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުގަ މަސައްކަތްކުރާ 49،000 މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރަންޖެހޭ ގޮތަށް ހެދުމުން ނުކުންނާނެ ފައިދާތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އޯވަހެޑް ކޮސްޓް ކުޑަކުރެވި، މަސައްކަތުގެ ފެންވަރު މަތިވެ ދެފުށްފެންނަ ނިޒާމެއް ގާއިމުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުތައް މަތިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މާލެގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރެވި، އިންޖީނުލީ އުޅަނދުތަކުން ޖައްވަށް ބޭރުވާ ވިހަ ދުުން މަދުކުރެވިގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ އެއީ ހާސިލުނުވާނެ ކަންތަައްތަކެއް ނޫން ކަމަށެވެ. 2028 ވަނަ އަހަރުން ފެށިގެން އެ އަމާޒު ހާސިލުވެގެންދާތަން ދެކެން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު