މ. މުލި އެއާޕޯޓަށް މިމަހު 17 އިން ފެށިގެން ދަތުރުތައް ބާއްވަން ފަށާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއިން، މުއްޔަށް ކުރާ ދަތުރުގެ ދިގުމިނަކީ 35 މިނިޓު ކަމަށެވެ.

"މިއަދުން ފެށިގެން ޓިކެޓު ބުކް ކުރެވެން ހުންނާނެ،" މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަން ބުކިން ސިސްޓަމުން ދައްކާ ގޮތުގައި މާލެއިން، މުއްޔަށް ދަތުރުކުރާ ފުލައިޓުގެ އިކޮނޮމީ ކްލާހުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1،377 ރުފިޔާއެވެ. ޕްރިމިއަމް ކްލާހުގެ އެއްކޮޅު ޓިކެޓަކީ 1،918 ރުފިޔާއެވެ.

މުލި އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އިން އިއްޔެ ބުނެފައިވަނީ އެ އެއާޕޯޓް މިހާރު އާންމު ދަތުރުތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ އެއާޕޯޓަށް ދަތުރުތައް ކުރުމުގެ ފުރުސަތު ޑޮމެސްޓިކް އުދުހުންތައް އޮޕަރޭޓު ކުރާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް ހުޅުވާލާފައިވާ ކަމަށެވެ.

މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މިދިޔަ މަހުގެ 25 ވަނަ ދުވަހު ޓެސްޓް ފުލައިޓު ވެސް ވަނީ ޖައްސައިފައެވެ. މުލީ އެއާޕޯޓަކީ މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓު ތަރައްގީކުރަން ފެށީ 2021 ވަނަ އަހަރެވެ. 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އެ އެއާޕޯޓަކީ 1.5 ކިލޯމީޓަރުގެ ރަންވޭއަކާއި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

އެއާޕޯޓަށް 36 ހެކްޓަރުގެ ބިން އެ ރަށުން ހިއްކާފައިވެއެވެ.