ދިރާގުގެ މުވައްޒަފުންގެ އަގުވަޒަންކޮށް، އަހަރީ އެވޯޑް ދިނުމުގެ ހަފުލާއެއް ބާއްވައިފިއެވެ.

މިއީ ދިރާގު މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ބާއްވާ ހާއްސަ ހަފުލާއެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު އަދި އެ ކުންފުނީގެ އިސް ބޭފުޅުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ދިރާގުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ބައިވެރިވިއެވެ.

އެ ހަފުލާގައި ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްފައިވާ 53 މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 42 މުވައްޒަފުންނަށް ވެސް ވަނީ އެވޯޑު ހަވާލުކޮށްފައެވެ.

ދިރާގުން ބުނީ މުވައްޒަފުންނަށް ދިން އެވޯޑުތަކުގެ ތެރޭގައި 14 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، 15 އިނޮވޭޝަން އެވޯޑް އަދި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނޭ ކަމަށެވެ. އަދި ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، 96 މުވައްޒަފަކަށް އެވޯޑް ހަވާލުކުރި ކަމަށް ދިރާގުން ބުންޏެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާޕާސަންސް އެވޯޑް ލިބިފައިވަނީ ދިރާގުގެ ޓްރާންސްޕޯޓް ނެޓްވޯކްސްގެ މުހައްމަދު ޝަންމޫން ޝަފީގަށެވެ.

ދިރާގުން ބުނީ ޝަންމޫނަކީ ދިރާގު ޓްރާންސްޕޯޓް ނެޓްވޯކްސް ޓީމުގެ މުހިންމު މެންބަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުވައްޒަފެއް ކަމަށާއި އޭނާ ވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ދިރާގުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މުހިންމު އަދި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

އެގޮތުން، ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި، ޑޮމެސްޓިކް ސަބްމެރިން ކޭބަލް ސިސްޓަމްގެ ފަސް އައު ސަބްމެރިން ކޭބަލް ލިންކް ގާއިމުކުރުމުގެ މަޝްރޫއު ހިންގައި، މޯލްޑިވްސް ސްރިލަންކާ ކޭބަލް ސިސްޓަމްގެ އަޕްގްރޭގް މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރި، ސީމީވީ6 ލޭންޑްރޫޓް ގާއިމުކޮށް އަދި ބީޗް މޭންހޯލް އިމާރާތްކުރުމުގައި ޝަންމޫން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން އަބަދުވެސް އަންނަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.