އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތައާރަފުކޮށްފައިވާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
"އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް 2018ގައި މުޖުތަމައުއަށް މަންފާކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅުތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ.
އެލައިޑު އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މާކެޓިން މެނޭޖަރު އައިޝަތު ސުދާ ވިދާޅުވީ ޕްރޮޕޯސަލްތައް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ 16:00 ކަމަށެވެ.
އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފައެވެ.
އީމެއިލް މެދުވެރިކޮށް [email protected] އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް އެލައިޑުން ވަނީ ކަނޑައަޅައިފައެވެ.
"އެލައިޑް އެޑިއުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިން ޕްރޮގްރާމެކެވެ.
އީމެއިލް މެދުވެރިކޮށް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށަހަޅާ އަށް ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވެސް އެލައިޑުން ވަނީ ކަނޑައަޅައިފައެވެ.
"މިހާތަނަށް ކުރިއަށްގެންދިޔަ ކޮމިއުނިޓީ ފަންޑު އަދި އެޑިއުކޭޝަން ފަންޑުގެ ދަށުން ޅ. ނައިފަރު، ފ. ނިލަންދޫ، ވ. ކެޔޮދޫ، ށ. ކަނޑިތީމު، ށ. ފޮކައިދޫ، ލ. މާމެންދޫ، ތ. ހިރިލަންދޫ، ބ. އޭދަފުއްޓަކީ މިހާތަނަށް ފުރިހަމަކޮށްފައި ހުރި މަސައްކަތްތައް،" ސުދާ ވިދާޅުވިއެވެ.
އުންމީދަކީ މިއަހަރުވެސް ހުލުވާލާ ފަންޑަށް ގިނަ ބައެއްގެ ތަރުހީބު ލިބި، ހުށަހަޅާ ޕްރޮޕޯސަލްތައް ވެރިފައިކުރުމަށްފަހު އެސިސްޓަންސް ދީގެން ރަނގަޅު ޕްރޮޖެކްޓުތަކެއް އެންޖީއޯ އަދި ސްކޫލުތަކާ ބައިވެރިވެގެން ކުރިއަށްގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ނިމިދިޔަ ހަތަރު އަހަރުވެސް ފެސްޓިވަލްތައް ވަނީ ކުރިއަށް ގެންގޮސްފައި. އަދި މިއަހަރު އެލައިޑަށް 40 އަހަރު ފުރުމުގެ މުނާސަބާގައި އެލައިޑު ފެސްޓިވަލް މާލޭގެ އިތުރުން ރާއްޖޭގެ ފަސް އަތޮޅެއްގައި ކުރިއަށްގެންދަން ވަނީ ނިންމާފައި،" ސުދާ ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަހަރުގެ ފުރަތަމަ އެލައިޑު ފެސްޓު ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދަން ނިންމާފައިވަނީ އާއިލީ ހަވީރެއްގެ ގޮތުގައެވެ. އޭގެ އިތުރުން އަންނަ މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީގައި ވެސް އެލައިޑު ފެސްޓެއް ކުރިއަށްގެންދަން ނިންމާފައިވެއެވެ.
"ކުޑަކުދިންނާ ގުޅޭ ގޭމްތަކާއި އިވެންޓުތައް ކުރިއަށްދާއިރުގައި އަޅުގަނޑުމެންގެ ޓީމުތައް ހަރަކާތްތެރިވާނެ މައުލޫމާތު ހިއްސާކުރުމަށްވެސް، ބެލެނިވެރިންނަށް ފައިދާހުރި މިކޮޅުގެ ޕްރޮޑަކްޓުތަކާ ބެހޭގޮތުން. ފައިނޭންޝަލް ލިޓްރަސީ އެވެއާނަސް ޕްރޮގްރާމްތަކާ ބެހޭގޮތުން އަޅުގަނޑުމެންގެ ޕްރޮޑަކްޓްސްތަކާއި ސޭވިންގް ހެބިޓްސްތައް އިތުރުކުރުމާ ބެހޭގޮތުން މައުލޫމާތުދިނުން އިވެންޓުގެ ތެރޭގައި ހިމެނިގެންދާނެ،" އެލައިޑް އިސްލާމިކް ނެޓްވޯކު ވިންޑޯގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު https://allied.mv/cs އިން ލިބޭނެއެވެ.
ފާތިމަތު ލިއުޝާ
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް