ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތު ނުކުރެވޭ މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުންގެ މޮނިކޮމް ޓެގް އެޅުވުމަށްފަހު، މޮނީޓާ ކުރެވޭ ގޮތަށް ބަންދުން ދޫކުރެވިދާނެތޯ ބަލަން ކަމާގުޅޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވި ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ފަސް ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޝަރީއަތް ނިމެންދެން 300 އަށްވުރެ ގިނަ މީހުން ބަންދުކޮށްފައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ހަވަރަކަށް އަހަރު ބަންދުގައި ހޭދަކޮށްފައިވާ މީހުންވެސް އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަށް މީހުން ބަންދުކޮށްފައި ތިބުމަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަން ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގައި އެބަހުރި ކޮންމެ ވެސް ވަރަކަށް މާރާމާރީގެ ތުހުމަތު ވެސް، ޓެރަރިޒަމްގެ ތުހުމަތުވެސް އަދި މަސްތުވާތަކެތި އަދި ގޭންގު ކުށްތައް ވެސް. އެކި ކަހަލަ އަދި ކުދިކުދި ކުށްތައް އެބަ ހިމެނޭ،، ކޮންމެ ގޮތަކުން ވިޔަސް ޖިންސީ ގޮތުން ކުޑަކުދިންނާއި އެކި ފަރާތްތަކަށް ކުށްކޮށްގެން ތުހުމަތުކުރެވޭ މީހުން ނުހިމެނޭ. ދެންވެސް ކޮން ބައެއްތޯ ބަލާފައި ވީހާވެސް ގިނަ މީހުން، ތިންބައިކުޅަ އެއްބައި ވަރު ގާތްގަނޑަކަށް ޓެގު އެޅުވޭނެތޯ ބަލަން އަޅުގަނޑު މިހާރު ވާނީ ފުލުހުންނާއި އޭޖީ އާއި ޕީޖީއާއެކު މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފައި،" ރައީސް ވިދާޅުވިއެވެ.

"އެކަން ސާފުވެގެން ދިޔައީމަ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ވީހާ ވެސް ގިނަ މީހުންނަށް އޭރުން ކަނޑައެޅޭ ޝަރުތުތަކާ އެކީގައި ގެއަށް ބަދަލުކުރަން ނޫނީ ޓެގު އަޅުވާފައި ދޫކޮށްލެވޭނެ އެންމެ ފުޅާ މިނިވަންކަމާ އެކީގައި ދޫކޮށްލެވޭނެ މައްސަލަ ބަލައި ނިމެންދެން."

ރައީސް އިއްޔެ ވަނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ދެކޮޅަށް ވަކާލާތުކުރާ ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ. ޝަރީއަތް ނިމެންދެން މީހުން ބަންދުކުރާ މައްސަލަ އެއްކޮށް ހައްލުކުރަން ކޯޓުތަކުގެ ޖާގަ އިތުރުކުރަން ޖެހޭތީ އެކަންވެސް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.