ކުރިއަށް އޮތް 10 އަހަރުތެރޭ އައިފޯނުގެ ބޭނުން ކެނޑިދާނެ ކަމަށް އެޕަލްްގެ ސަރވިސަސް ޗީފް އެޑީ ކިއު ބުނެފިއެވެ. މިއީ އެޕަލްގެ އިސްވެރިޔަކު މިފަދަ ވާހަކައެއް ދެއްކި ފުރަތަމަ ފަހަރެވެ.

މި ވާހަކަ ދެއްކީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ގޫގުލްގެ މައްޗަށް ކުރިއަށްގެންދާ މައްސަލައެއްގައި ހެކިބަސް ދެމުންނެވެ. އެޑީ ކިއު ބުނި ގޮތުގައި ޓެކްނޮލޮޖީ ބަދަލުވެގެން ދިއުމުން އައިފޯނުގެ ބޭނުން ކެނޑިގެން ދިއުމުގެ ފުރުސަތު އެބަ އޮތެވެ.

އެޕަލްއާއި ގޫގުލްއާ ދެމެދު އޮންނަ ސަރޗް އިންޖީން އެއްބަސްވުމަކީ އަހަރަކު 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. ކޯޓުން ގޫގުލްގެ އާ އެއްކޮޅަށް ހުކުމް ކޮށްފިނަމަ އެޕަލްއަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވެދާނެއެވެ.

އެޕަލްއިން ކުރީންވެސް އައިޕޮޑް ފަދަ މަގުބޫލު އުފެއްދުންތައް ހުއްޓާލާފައިވެއެވެ. އައިޕޮޑް ހުއްޓާލީ އެހެން ވާދަވެރީންގެ ސަބަބުންނެއް ނޫނެވެ. އެޕަލްއިން އަމިއްލައަށް އައިފޯން ތައާރަފުކޮށް، އައިޕޮޑްގެ ފީޗާތައް އައިފޯނަށް އިތުރުކުރުމުންނެވެ.

މި ވާހަކަތަކުގެ ސަބަބުން އެތައް ބަޔަކު އަންނަނީ އެޕަލްގެ މުސްތަގުބަލާ މެދު ސުވާލު އުފައްދަމުންނެވެ. އޭއައި، އެމްބިއެންޓް ކޮމްޕިއުޓިން އަދި އެޕަލްގެ ވެހިކަލްތަކާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި އެޕަލްއިން ކުރާނެ ކަންކަމާމެދު ޝައުގުވެރިކަން އިތުރުވެފައިވެއެވެ.