ރާއްޖޭގައި ބޮއްސުންލާފައިވާ ތެލެސީމިއާ ފަރުވާގެ ކަންކަން ހަމަ މަގަށް އަޅުވައި ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލަސީމިއާ ދުވަހު ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ހިތޯބުގައި ވިދާޅުވީ އާބާދީގެ ނިސްބަތުން ބަލާއިރު، ތެލަސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތި އެއް ގައުމަކީ ރާއްޖެ ކަމަށެވެ.
ރައީސް ވިދާޅުވީ އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކަކީ، ތެލަސީމިއާ ވާރުތަވުމުގެ ފުރުސަތު އޮތް ކެރިއަރެއް ކަމަށެވެ. އެހެންކަމުން، ތެލަސީމިއާ އާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ތެލަސީމިއާ ކުދީންނަށްޓަކައި އަޅުގަނޑު ހާމަކުރި ތަސައްވުރާއި، ވީ ވައުދުތައް މާތްﷲގެ ވާގިފުޅާއެކު ހަގީގަތަކަށް ހަދައިދޭނަން. ތެލަސީމިއާ ކުދީންނާއި އާއިލާތަކާއި ސީދާ އަޅުގަނޑު ބައްދަލުވެ، އަޑުއަހައި، އަދި އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައި އޮތް ކަންކަން ހަމަމަގަށް އަޅުވަން، އަޅުގަނޑުމެން މިކުރާ މަސައްކަތުން، އިރާދަކުރެއްވިއްޔާ މިކުދީންނާއި އާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި، ތެލަސީމިއާ ތަހައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކު ދުވާލާއި ރޭގަނޑު އުނދަގޫ އެތައް ކަމެއް ބަރުދާސް ކުރަންޖެހިފައިވާ ކަމަށެވެ. އެ ކުދިން ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ފަރުވާގެ އިތުރުން އެކުދީންނާ އޯގާތެރިކޮށް މުއާމަލާތު ކުރުމާއި އުނގަންނައިދިނުމާއި އާމްދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، ގައުމުން ލިބިދޭ ހުރިހާ ފުރުސަތުތަކެއް އެ ކުދިންނަށްވެސް ލިބެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު