ޔަންގް ޕްލޭޔާސް ސްޕޯޓްސް ކްލަބާއި ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ބާއްވާ ޔައިޕީ ވެޓެރަންސް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ، އަފީންސް އެސްސީން ހޯދި އިރު، ފައިނަލްގެ ޕްލޭ އޮފް މެޗުގައި ކޭކޭ ކަނޑުމައްޗާއި ރޯޔަލް ނައިޓްސް އެސްސީ ވާދަކުރަން ޖެހިއްޖެއެވެ.
މީގެ ކުރިން ވައިޕީން ވަނީ ކާމިޔާބު ކަމާއެކު ތިން ފަހަރު ވެޓެރަންސް މުބާރާތް ބާއްވައިފައެވެ. އއ. ބޮޑުފޮޅުދޫގައި ކުރިއަށްދާ މުބާރާތް މި ފަހަރުވެސް އއ. އަތޮޅު މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވި ފަސް ޓީމަކީ ކޭކޭ ކަނޑުމަތީގެ އިތުރުން ރޯޔަލް ނައިޓްސް އެސްސީ، އަފީންސް އެސްސީ އަދި އެފްސީ މަތިވެރި އާއި އޯލްޑް ސްޓާސްއެވެ.
މިމަހުގެ އެއްވަނަ ދުވަހު ފެށި މުބާރާތުގެ ލީގު ބުރު ރޭ ނިމިފައިވާ އިރު، އަފީންސް އެއްވަނަ ޔަގީންކުރީ ކުޅުނު ހަތަރު މެޗުން ތިން މެޗު ކާމިޔާބުކޮށް، އަނެއް މެޗުން އެއްވަރު ކޮށްގެންނެވެ. އެޓީމުން އެއްވަރުވީ ރޯޔަލް ނައިޓްސް ކައިރިންނެވެ.
ދެވަނައާއި ތިންވަނައިގައި ނިންމާލި ޓީމުތަކުން ޕްލޭ އޮފް މެޗަކަށް ނުކުންނަ އިރު، އެމެޗުގައި ވާދަކުރާނީ ދެވަނައިގައި ލީގު ބުރު ނިންމާލި ރޯޔަލް ނައިޓްސް އާއި ތިންވަނައިގައި ނިންމާލި ކޭކޭ ކަނޑުމައްޗެވެ.
އެ ދެޓީމުންވެސް ހަތަރު މެޗުން ދެމެޗު ކާމިޔާބުކުރި އިރު، ރޯޔަލް ނައިޓްސްއަށް ހަތް ޕޮއިންޓް ލިބުނީ މެޗަކުން އެއްވަރުވުމުންނެވެ. ކޭކޭ ކަނޑުމައްޗަށް ހަތަރު މެޗުން ލިބުނީ ހަ ޕޮއިންޓެވެ.
ފައިނަލުގެ ދެވަނަ ޖާގައަށް ރޯޔަލް ނައިޓްސްއާއި ކޭކޭ ކަނޑުމަތި ވާދަކުރާ މެޗު އޮންނާނީ މިރޭ 8:40 ގައެވެ. ފައިނަލް އޮންނާނީ މާދަމާ ރޭ 8:30 ގައެވެ.
ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތް
ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތް