ޔަންގް ޕްލޭޔާސް ސްޕޯޓްސް ކްލަބާއި ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ބާއްވާ ޔައިޕީ ވެޓެރަންސް މުބާރާތް ފަސް ޓީމާއެކު އަންނަ މަހު އެއްވަނަ ދުވަހުގެ ރޭ ފަށަން ތައްޔާރުވެއްޖެއެވެ.

މީގެ ކުރިން ވައިޕީން ވަނީ ކާމިޔާބު ކަމާއެކު ތިން ފަހަރު ވެޓެރަންސް މުބާރާތް ބާއްވައިފައެވެ. އއ. ބޮޑުފޮޅުދޫގައި ކުރިއަށްދާ މުބާރާތް މި ފަހަރުވެސް އއ. އަތޮޅު މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވި ފަސް ޓީމަކީ ކޭކޭ ކަނޑުމަތީގެ އިތުރުން ރޯޔަލް ނައިޓްސް އެސްސީ، އަފީންސް އެސްސީ އަދި އެފްސީ މަތިވެރި އާއި އޯލްޑް ސްޓާސްއެވެ.

މުބާރާތުގެ ލީގު ބުރު މެއި އެއްވަރު ދުވަހުގެ ރޭ ފަށާއިރު، ލީގު ބުރު ނިމޭނީ މެއި ފަސްވަނަ ދުވަހުގެ ރޭގައެވެ. ލީގު ބުރު ނިމޭއިރު، އެއްވަނަ ޓީމު ސީދާ ފައިނަލަށް ދާނެއެވެ. ދެން ފައިނަލަށް ދާނީ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ.

ވައިޕީން ބުނީ ވެޓެރަންސް މުބާރާތުގެ މަގުސަދަކީ ދޮށީ އުމުރުގެ މީހުން ކުށުގެ ވެށިން ރައްކާތެރިކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި ކަސްރަތަށް އަހުލުވެރި ކުރުން ކަމަށެވެ. އަދި ވެޓެރަންސް ކުޅުންތެރިންގެ ހުނަރު ޒުވާން ކުޅުންތެރިންނަށް ދައްކާލުންވެސް އެއީ މުބާރާތުގެ މަގުސަދެއް ކަމަށް ބުންޏެވެ.

ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ކޭކޭ ކަނޑުމައްޗެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެ ޓީމުގެ އިބްރާހީމް ޝަފްރާޒް (ޝަފްލޭ) އެވެ.

މި ފަހަރުގެ މުބާރާތުގައިވެސް އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން އަލީ ފަހުމީ، ޝަފްލޭ، މުހައްމަދު ލިޔާހް، މުހައްމަދު ރިއްފަތު (ރިއްޕެ)، މުހައްމަދު ފާސިރު (ފާއްޓެ)، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، އަލީ އިމްރާން (އިންމި)ގެ އިތުރުން އިބްރާހީމް ހަމްދާން (ހަމްދެ) އަދި މުހައްމަދު އަޔާޒް ފެނިގެން ދާނެއެވެ.

މިއަހަރު މުބާރާތުގެ މެއިން ސްޕޮންސާއަކީ ރިލެކްސް ޓްރާންސްފާއެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.