ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް 497 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެއެވެ.

ބީއެމްއެލުން މިއަދު ބުނީ މިއަހަރުގެ ފުރަތަމަ ތިން މަހު ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. ބީއެމްއެލުން ބުނީ އެ މުއްދަތުގައި އެ ބޭންކަށް 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އާންމުންނާއި ވިޔަފާރިތަކަށް ޖުމްލަ 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ބީއެމްއެލުން ބުންޏެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 70 ޕަސެންޓުގެ ކުރިއެރުމެއް ކަމަށާއި އެއީ ގާތްގަނޑަކަށް 470 މިލިއަން ރުފިޔާގެ އިތުރުވުމެއްކަމެއް ބީއެމްއެލުން ބުންޏެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ބޭންކްގެ ފައިދާ ހުރީ 492 މިލިއަން ރުފިޔާގައިކަމަށްވެސް ބީއެމްއެލުން ބުންޏެވެ. އަދި ބުނީ އެ ބޭންކްގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އަހަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށްފަހު، މި އަހަރުގެ ފުރަތަމަ ކުއާޓާގައިވެސް ހަމަ އެ ދުވެލި ދެމެހެއްޓިގެން ދިޔުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިފަދަ ރަނގަޅު މާލީ ނަތީޖާއެއް ލިބުމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތްފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައު ކުރިއަރުވަން އެހީތެރިވުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ލިބޭ އިތުރު ހިތްވަރެއް." ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބަރާންޗް 107 ސެލްފްސާވިސް ބޭންކިން ސެންޓަރު، 165 އޭޓީއެމް، އޭޖެންޓް ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.