މި އަހަރުގެ މެޓް ގާލާ، ފެޝަންގެ ދުނިޔޭގައި އެންމެ ބޮޑަށް އިންތިޒާރުކުރެވޭ އިވެންޓް، މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގައި އިއްޔެ ވަނީ ބާއްވައިފައެވެ. މިއަހަރުގެ ތީމަކީ "ޓެއިލަރޑް ފޯ ޔޫ" އެވެ. މިއީ ބްލެކް ޑޭންޑިޒަމްގެ ތާރީޚާއި ސަގާފީ މުހިންމުކަން ފާހަގަކުރާ "ސުޕަރފައިން: ޓެއިލަރިންގ ބްލެކް ސްޓައިލް" އެގްޒިބިޝަނާ ގުޅިފައިވާ ތީމެކެވެ.

މެޓް ގާލާގައި ތަބާވާން ޖެހޭ އުނދަގޫ ގަވާއިދުތަކެއް ވެއެވެ. މީގެ ތެރޭގައި ފޯނު ގެންގުޅުން އަދި ސެލްފީ ނެގުން މަނާވުމާއި، ކާއެއްޗެހީގައި ޕާސްލީ، ފިޔާ އަދި ލޮނުމެދު ފަދަ ތަކެތި ބޭނުން ކުރުމާއި، ދުންފަތް ބޭނުންކުރުން މަނާވުން ހިމެނެއެވެ.

މި އިވެންޓަށް ވަނުމަށް ބޮޑު އަގެއް ދައްކަން ޖެހެއެވެ. ޓިކެޓެއްގެ އަގަކީ 75,000 ޑޮލަރެވެ. މުޅި މޭޒެއްގެ އަގަކީ 350,000 ޑޮލަރެވެ.

މީގެ އިތުރުން، އިވެންޓަށް ލާ އަންނައުނަށް ވޯގް މަޖައްލާގެ އެޑިޓަރު، އެންނާ ވިންޓަގެ ހުއްދަ ހޯދަން ޖެހެއެވެ. މިކަމަށް ކިޔަނީ "އޭޑަބްލިއުއޯކޭ" ނުވަތަ "އެންނާ ވިންޓަރ އޯކޭ" އެވެ. އަދި އިށީނދެ ތިބޭނެ ގޮތް ކަނޑައަޅަނީވެސް އިވެންޓް އޯގަނައިޒަރުންނެވެ. މި ކަމަށް މިދިޔަ ޑިސެމްބަރުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި އިވެންޓަކީ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓަށް ފަންޑު ހޯދުމަށް ބާއްވާ، ފެޝަންގެ ދުނިޔޭގައި އެންމެ މުހިންމު އިވެންޓުތަކުގެ ތެރެއިން އެއް އިވެންޓެވެ. މިއަހަރުގެ އިވެންޓުގައި 400 އަށްވުރެ ގިނަ، މަޝްހޫރު މެހެމާނުން ބައިވެރިވިއެވެ. އިވެންޓުގައި އެގްޒިބިޝަންގެ ޕްރައިވެޓް ޓުއަރަކާއި، ރޭގަނޑުގެ ހާއްސަ ކެއުމަކާއި، ލައިވް ޕަރފޯމަންސް ހިމެނެއެވެ.