އަސަލް ކޮޓަރިއަށް ވަންނަންދެން ޖާހަތަށް ބަލަހައްޓައިގެން ހުރެވުނެވެ. ލޮލަށް ފެނުނު މަންޒަރުތަކުން ޖާހަތަށް ލިބިފައިވަނީ ހާސްކަމެވެ. އޭނަގެ ހުރިހާ ކުށްހީތަކެއް ހަޤީޤަތަކަށް ވެގެން ދިއުމުން ވިސްނަންވީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ. ޖާހަތު ސޯފާގައި އިށީނެވެ. މިއަދުގެ ހުރިހާ މަންޒަރުތަކެއް އޭނަގެ ލޯކުރިމަތިން ނިއުޅެން ފެށިއެވެ. އަސަލްއާއި އެއާޕޯޓުން ބައްދަލުވި ހިނދު ފެނުނު އުދާސްކަމާއި ވަރުބަލިކަމެވެ. ޤައިލާއާއި ބެހޭގޮތުން ސުވާލުކުރުމުން ވެރިވި ހިމޭންކަމެވެ. އެޕާޓްމެންޓަށް އައިސް ޤައިލާއާއި ބައްދަލުވެ ޤައިލާ ދެއްކި ވާހަތަކުގައި ހުރި ފަށުވިކަމެވެ. ކުރެވުނު އިތުބާރެވެ. އެއީ އޮޅުވާލުމެއް ހެއްޔެވެ؟ ދެމަފިރިންގެ ދެމެދުގައި ޖެހިފައި ހުރި މައްސަލަތައް އޭނައަށް އެނގިދާނެތީ ކުޅުނު ތަމްސީލެއް ހެއްޔެވެ؟ އެފަދައިން ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟

ޖާހަތުގެ ސުވާލުތަކަށް ޖަވާބު ލިބުނީ އިރުކޮޅެއް ކުރިން ފެނުނު މަންޒަރުތަކުންނެވެ. ޔަޤީނުން ވެސް ޤައިލާއާއި އަސަލް ވަނީ ދެބަސްވުމެއްގެ ތެރޭގައެވެ. ނޭނގެނީ އެކަމާއި ގުޅިފައިވި ސަބަބެވެ.

''ކިހިނެއްތަ މިވަނީ؟...'' ޖާހަތަށް އޭނަގެ ނަސުފާއި ސުވާލުކޮށްލެވުނެވެ. ވިސްނެމުން ދިޔަ ވަރަކަށް ޖާހަތުގެ ސިކުނޑިއަށް ބާރުބޮޑުވާން ފެށިއެވެ. އޭނަގެ ހުރި ހަމައެކަނި ދަރިފުޅަކީ އަސަލް އެވެ. އެދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް އެދެވެއެވެ. އަލަތު ކައިވެނި ބާއްޖަވެރިވުމަށް ވެސް މެއެވެ. މީގެ ކުރިން އަސަލްގެ ދިރިއުޅުމާއި މެދު ވިސްނައި ޖާހަތުގެ ހަމަޖެހުން ގެއްލިފައި ނުވެއެވެ. އެހުރިހާ ބަދަލެއް އަންނަން ފެށީ ޤައިލާއާއި އަސަލް ކައިވެނި ކުރި ހިސާބުންނެވެ. ޤައިލާއަކީ އަސަލްގެ ހޮވުމެކެވެ. އެކަމާއި ވެސް އޭނަ ރުހުނެވެ. އުފަލާއެކު ޤައިލާ ބަލައިގަތެވެ. ކައިވެންޏަށް ފަހު މާލެ ބަދަލުވުމުގެ ނިންމުމާއި ހިތާއި ދެކޮޅަށް ރުހި ޤަބޫލުވީ އަސަލްގެ ދިރިއުޅުމަށް ފާޑު ކިޔަން ބޭނުން ނުވާތީއެވެ. އެކަމާއި ޤައިލާ ހިތްހަމަނުޖެހިދާނެތީއެވެ.

''އަސަލްއާއި ފަހުން ވާހަކަދައްކާނީ، ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭނެ، އެކަމަކު އެމައްސަލަތައް ހައްލުކުރެވެން ޖެހޭނެ...'' ޖާހަތު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަ ސޯފާއިން ތެދުވަމުން ގެސްޓްރޫމަށް ވަންނަން ހިނގައިގަތީ، އަސަލްގެ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލަމުންނެވެ. ގޭތެރެއަށް ވެރިވެފައި އޮތް އާދަޔާ ޚިލާފު ހިމޭންކަމުން އިތުރު ނުތަނަވަސްކަމެއް ޖާހަތަށް ލިބުނެވެ.

*****

އަސަލްއަށް ޤައިލާގެ ތުންފަތުގައިވި މަލާމާތުގެ ހިނިތުންވުން ފަހުމުކުރެވުނެވެ. އަސަލް ބަލަން ފެށުމުން ލޯހަދާލާފައި ޤައިލާ ކުޅެން ފެށީ ފޯނާއެވެ. ނިކަން ހެވިފައި އިނދެ މެސެޖުކުރަން ފެށިއެވެ.

ޤައިލާގެ ފަރާތުން ފެނުނު ފަރުވާކުޑަކަމުން އަސަލްގެ ރުޅި ގަދަވުން ނޫންކަމެއް ނުވިއެވެ. ގަސްދުގައި މަންމައަށް ދައްކަން ދޮރު ޖެހީކަން އޭނަ ދެނެގަތެވެ. މަންމަ ހުއްޓާ އެފަދައިން ކަންތައް ނުކުރުމަށް ނަސޭހަތް ދިނުމުން ވެސް ނަސޭހަތުގައި ބޮލާލައިޖެހީއެވެ. މަންމަގެ ކުރިމަތީގައި އޭނަ ބަދުނާމުކުރަން ޤައިލާ ބޭނުންވާ ކަހަލައެވެ.

''ޔޫ ޑިޑް ދެޓް އޮން ޕާޕަސް...'' އަސަލްގެ އަޑު މަޑެވެ. ކޮޓަރީގެ ހަތަރު ފާރުން ބޭރަށް އޭނަގެ އަޑު ނުދާނެހެން އޭނަ ވާހަކަދެއްކީ އެނދު ކައިރިއަށް ހުއްޓި ހުރެއެވެ. ކިތަންމެ މަޑުން ބުންޏަސް ނުރުހުންތެރިކަން ސިއްރެއް ނުވެއެވެ.

''ކޮބާތަ ޤައިލާގެ ބޭނުމަކީ؟...'' އަސަލް އެހިއެވެ.

''އަނެއްކާ ފަށައިގަތީ؟...'' އަސަލްއާއި ދިމާއަށް ޤައިލާ ބަލައި ވެސް ނުލިއެވެ. އޭނަގެ ސަމާލުކަން ވަނީ އަތުގައި އޮތް ފޯނަށެވެ. ފުލުފުލުގައި އަންނަ މެސެޖުތަކަށް ގެއްލިފައެވެ.

''ކާކަށް ތި މެސެޖުކުރަނީ؟..'' ޤައިލާގެ އަތުން އަސަލް ފޯނު ހޯދިއެވެ. އޭނައަށް ފޯނުގެ ސްކްރީނަށް ނުބެލެނީސް ފުންމައިގެންފައި ތެދުވުނު ޤައިލާ، އަސަލްގެ އަތުން ފޯނު ޖަހައިގަތެވެ. އަދި އަސަލްގެ މޭގައި އަތްއަޅައި ދުރަށް ކޮއްޕާލިއެވެ.

''އަހަރެން އަޑުގަދަ ކުރަންތަ؟، މަންމަ ގެންނަންތަ؟...'' ޤައިލާ ދަތްޕިލަޖައްސާލަމުން ބުންޏެވެ. އަޑު މަޑުކޮށް އެހެން ބުނެލީ އަސަލްއަށް ދިން އިންޒާރެއްގެ ގޮތުގައެވެ.

''ކޯޗެއް ސާބިތުކުރާނަމޭ ތިއުޅެނީ؟...'' އަސަލްގެ ރުޅި ފިނިވާ ގޮތެއް ނުވިއެވެ. ލަސް ނޭވާއެއް ވެސް އޭނަ ދޫކޮށްލިއެވެ. ރުޅީގެ ހޫނުކަމުން ސިކުނޑިއަށް ބާރުފޯރުވާ ކަހަލައެވެ.

''އޯހ ޕްލީޒް، އަސަލްއެއްނު އަހަންނަށް ބިރުދައްކަމުން އުޅެނީ، މަންމަ ކުރިމަތީ ގޮތްގޮތަށް އުޅެފިއްޔާ ވަރިކުރާނަމޭ، ނިކަން ވަރިކޮށްބަލަ... ގޮސް މަންމަ ގާތު އެހެން ބުނެބަލަ، ކެރޭނެތަ؟...... ނުކެރޭނެ، އެ ހިތްވަރެއް ވެސް ނުހުންނާނެ، އަސަލްއަށް ކުރެވޭނެހާ ކަމަކީ އަމުރުކުރުން، ދުވަހަކު އަމަލަކުން ނުދެއްކޭނެ... ތީ ފިނޑިއެއް...'' އަސަލްއަށް ބަލަން ހުރެފައި ޤައިލާ ހީނލައިފިއެވެ. ފުރައްސާރައިގެ އަސަރު އެކުލެވިގެންވި ހުނުމެކެވެ.

ޤައިލާއަށް ރައްދުދޭން އަސަލް އުޅުނެވެ. ނަމަވެސް ހޫނު ޒުވާބަކުން ނޫނީ ނުނިމޭންކަން އޭނަގެ ޒަމީރު ވިސްނައިދިނެވެ. މަންމައަށް އަޑު އިވޭކަށް އަމުދުން އަސަލް ބޭނުމެއް ނުވިއެވެ. ކޮޓަރިން ނިކުންނަން އުޅެފައި ވެސް މަންމަ ބޮޑުކޮޓަރީގައި އިނދެފާނެތީ ނިކުންނާކަށް ނުކެރުނެވެ. ދެން އޭނަ ގޮސް ވަނީ ފާޚާނާ އަށެވެ. ރުޅިގަނޑު ފިނިކޮށްލަން އަސަލް ބޭނުންވީ ވުޟޫކޮށްލާށެވެ.

ވުޟޫކޮށް ނިންމާލަމުން އަސަލް ފާޚާނާގައި މަޑުކޮށްލިއެވެ. މަތި ޖަހާފައި ހުރި ފާޚާނާ ތަށި މަތީގައި އިށީންނަމުން ދެތިން ނޭވާ ދޫކޮށްލިއެވެ. އަމިއްލަ ނަފުސު ހަމައަކަށް އެޅުވޭތޯއެވެ. ރުޅިއަކީ އޭނަގެ ގާތް ރަހުމަތްތެރިއަކަށް ވެފައިވާ ކަހަލައެވެ. ކުރިން އެއީ އޭނައާއި ބީރައްޓެހި ސިފައެކެވެ. އެއީ ކިހާ ގޯސް އިހުސާސެއްކަން އޭނައަށް އެނގެއެވެ. ރުޅީގެ މައްޗަށް އަމަލުކުރެވުމުން ފަހުން ހިތާމަކުރަންޖެހިދާނެކަން ވެސް ދަނެއެވެ. ރުޅިއާއި ގުޅިފައިވަނީ އުފަލެއް ނެތް ކައިވެންޏެވެ. އެކަމުން ލިބޭ އުދާސްކަމެވެ. އޭނައަށް ޤައިލާ ކުރާ ޖެއްސުންތަކެވެ. ލޯތްބާއި އޯގާތެރިކަމެއް ނެތެވެ. އެކަނިވެރިކަން ހަފަރާތުން އޭނަ ވަށާލައި ހާސްކޮށްލަން އުޅުނެވެ.

އެހެން އިންއިރުގައި ޤައިލާގެ ވިހަ ބަސްތަކުން އަސަލްގެ ހިތަށް ތަދުކުރުވިއެވެ. ޤައިލާ ބުނީ ތެދެކެވެ. ހަޤީޤަތަށް ބުނާނަމަ އޭނައަކީ ފިނޑިއެކެވެ. ހިތުގެ އިހުސާސްތައް ބަޔާންކޮށްދެވުނުނަމަ ފަހަރެއްގައި މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. އަލަތު ލޯބި އޭނައަށް ކާމިޔާބުކުރެވުނީހެވެ. މައިހާގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އަސަލްގެ މޫނު މިލައިގެން ދިޔައެވެ. ވޭނުގެ އަސަރު އެދެލޮލުން ފާޅުވިއެވެ.

''ބުނެވުނުނަމަ...'' އަސަލްއަށް އިސްޖަހާލެވުނެވެ. ނާއުއްމީދުގެ ބަނަކަމުން އޭނަ ބަލިކަށިކޮށްލައިފިއެވެ. އަސަލް ހީކުރީ ފުރާވަރުގައި ވެވުނު ލޯބި ހިތުން ފޮހެލެވޭނެކަމަށެވެ. އިހުސާސްތަކާއި ދުރުވެވިދާނެ ކަމަށެވެ. ޤައިލާއަށް ހިތުން ޖާގައެއް ދެވުނީ ވެސް އެޚިޔާލުގައެވެ. ނަމަވެސް މިހާރު އާދެވިފައިވި ހާލަތުން އަސަލްއަށް އަބަދުމެ ވިސްނެނީ މާޒީއާއި މެދުގައެވެ. އޭނައަށް ހިތުގެ ހާލަތު ބަޔާންކޮށްދެވުނުނަމައެވެ. ފުރަތަމަ ލޯބި ކާމިޔާބު ކުރެވުނުނަމައެވެ. ނަމަތަކުން ކުރާނެ ފައިދާއެއް މިހާރަކު ނެތެވެ. މައިހާ ފެނުމުން މޭގައި އުފެދުނު ރިހުމުން އެއްކަމެއް އަސަލްއަށް ސާފުކޮށްދީފިއެވެ.

ކަކުލުގައި އަތުގެ އުޅަންބޮށި ވިއްދާލަމުން، އަތްތިލައިގެ ތެރޭގައި އަސަލްއަށް މޫނު ފޮރުވާލެވުނެވެ. އެގޮތުގެ މަތީން އިރުގަނޑެއް ފާއިތުވި ފަހުން އަސަލް ކޮޅަށް ތެދުވުނެވެ. އޭރު އޭނަގެ ރުޅި ފިނިވެއްޖެއެވެ. ނަމަވެސް މޫނުން ފާޅުވަނީ މާޔޫސްކަމެވެ. ފާޚާނާ އިން ނިކުންނަމުން ނިދަން ތައްޔާރުވެލިއެވެ. އެއްފަހަރު ވެސް ޤައިލާއަށް އަސަލް ބަލައެއް ނުލިއެވެ. ލައިގެން ހުރި ގަމީހާއި ޖިންސު، ޗެލްސީ ކްލަބްގެ ޖޯޒީއަކަށާއި ސޯޓަކަށް ބަދަލުކޮށްލަމުން އެނދުގައި އޭނަ އިށީނެވެ. ފަތިސް ނަމާދަށް ފޯނު އެލާމް ކުރަމުން އެނދުގެ އަރިމަތީ ކަބަޑު މަތީ ފޯނު ބޭއްވިއެވެ.

އެނދުގައި އޮށޯންނަމުން ނިއްކުރިމަތީގައި އަސަލްއަށް އުޅަނބޮށި ބާއްވާލެވުނެވެ. ލޯމަރާލަމުން ނިދަން އޭނަ އުޅުނެވެ. މާދަމާ މަންމަގެ ސުވާލުތަކާއި ކުރިމަތިލާން ތައްޔާރުވެލަމުންނެވެ.

*****

ފަތިހަށް ވިއްސާރަ އޮތީ އަލިކޮށްލާފައެވެ. ރޯޅިތައް ވެސް ހިނދި ތޫފާނުގެ އަސަރު މުޅިން ފިލައި ހިނގައްޖެއެވެ. ބޯވިލާތައް ވެސް ކަހާލައި ތަރިތަކުގެ ފަނޑު އަލިކަން ފެންނަމުން ދިޔައެވެ. ފަތިސް ނަމާދުކޮށްލައިގެން މިސްކިތުން އައި އަސަލް އެޕާޓްމެންޓްގެ ދޮރު ލައްޕާލާފައި ލަސް ހިނގުމެއްގައި ބަދިގެއަށް ވަނެވެ.

ކޮފީ ތަޔާރުކޮށްލަމުން، ކޮފީ ތަށި ހިފައިގެން އޭނަ މިސްރާބު ޖެހީ ބެލްކަންޏަށެވެ. އެތާ ހުންނަ އުނދޯލީގައި އަސަލް އިށީނެވެ. އެޕާޓްމެންޓް ހުންނަނީ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ކަމުން އުދަރެހަށް ފޭދެމުން ދިޔަ އިރުގެ ދަޅަތައް ރީއްޗަށް ފެނެއެވެ. ވިލާތަކުގެ ތެރޭން އިރުގެ ފުރަތަމަ ދޯދިތައް ފާޅުވެލީ އެމަންޒަރު ބަލަން އިންދައެވެ. ލަސްލަހުން އަތުގައި އޮތް ކޮފީ ތަށިން ކޯވަރެއް ބޯލައެވެ. އެހެން އިންދާ އަސަލް ސިހުނީ މަންމަ ގޮވާލި އަޑަށެވެ. އަސަލްއަށް ބަލައިލެވުނެވެ. މަންމަ ހުރީ ބެލްކަނީގެ ދޮރު ކުރިމަތީގައެވެ. ފުރަތަމަ ނަޒަރުން ވެސް މަންމަގެ މޫނުން އަސަލް ދުށީ ކަންބޮޑުވުމެވެ. އަސަލް ދެރަވީ އެބަދަލު މަންމައަށް އައީ އޭނަގެ ސަބަބުންކަމުގައިވާތީއެވެ.

''ފަތިސް ނަމާދުކޮށްފިންތަ؟...'' ޖާހަތު ސުވާލުކޮށްލިއެވެ. ސީދާ އޭނަގެ މައުޟޫޢުއަށް ދިއުމުގެ ބަދަލުގައި ޖާހަތު ފެށީ ދުރުދުރުންނެވެ.

''ލައްބަ...'' އަސަލް ބުނެލީ މަންމަ އިށީންނަން އުނދޯލީގައި ޖާގައެއް ހުސްކޮށްލުމާއެކުގައެވެ.

އަސަލްއަށް ފުން ނަޒަރަކުން ބަލައިލަމުން ޖާހަތު އުނދޯލީގައި އިށީނެވެ. އަދި އަސަލްއާއި ދިމާއަށް އެނބުރިލިއެވެ.

''ކޮބާތަ އެލީ، ނިދަނީތަ؟...'' ޖާހަތު އެހިއެވެ. އަސަލް ބޯޖަހާލިއެވެ. އޭނަ ނަމާދަށް ދިޔައިރު ވެސް ޤައިލާ އޮތީ ނިދާފައެވެ. ނަމާދުކުރަން ބުންޏަސް ޤައިލާ ދުވަހަކު އެކަމަށް އިޖާބައެއް ނުދެއެވެ. ހުންނާނީ ރުންކުރުވެފައެވެ. ދީނީކަންތަކާއި އެހާ ދުރެވެ. އެއީ ވެސް ޤައިލާ ދެކެ އަސަލް ފޫހިވާން މެދުވެރިވި ސަބެބެކެވެ.

''ދަރިފުޅާ...'' ޖާހަތު ގޮވާލީ ލޯބިންނެވެ. ވިސްނައިދޭ ރާގަކަށެވެ.

މަންމަގެ ސުވާލުތަކަށް އޭނަގެ ނަފުސު އަސަލްއަށް ތައްޔާރުކޮށްލެވުނެވެ. އެވަގުތު މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދޭންވީބާވައޭ ވެސް ހިތާއި ސުވާލުކޮށްލެވުނެވެ.

''ތިދެކުދިންގެ ދެމެދުގައި މައްސަލައެއް ޖެހުނީތަ؟...'' ޖާހަތުގެ ސަމާލުކަން ހުއްޓިފައިވަނީ އަސަލް އަށެވެ. އަސަލްއަށް އަންނަ ކޮންމެ ބަދަލަކަށް ތައްޔާރުވެލީއެވެ.

އަސަލްއަށް ބޯޖަހާލެވުނެވެ. އެއާއެކު އަސަލްގެ އަތުގައި ޖާހަތަށް ހިފާލެވުނެވެ. އަސަލްގެ މޫނުން ފެނުނު މާޔޫސްކަމުން ޖާހަތުގެ ލަގޮނޑީގައި ރިއްސާލައިފިއެވެ.

''ދަރިފުޅު މަންމައަށް ތެދުތެދަށް ކިޔާދީބަލަ، މަންމަ އަޑު އަހާނަމޭ، ދަރިފުޅު ދެކެ މަންމަ ހިތްހަމަނުޖެހޭނެ ކަމަށްތަ ހީކުރަނީ؟، އެހެންވެގެންތަ ސިއްރުކުރަނީ؟...'' އަސަލްގެ އަތުގައި ފިރުމަމުން ޖާހަތު ބުންޏެވެ.

''ނޫން...'' މަންމަގެ ފަރާތުން ލިބުނު އޯގާތެރިކަމާއި ލޯބިން އަސަލްއަށް ފުން އަސަރުތަކެއް ކުރިއެވެ. ޖަޒުބާތުގައި ޖެހެން މެދުވެރިވިއެވެ.

''އެހެންވިއްޔާމު މަންމައަށް ކިޔާދީބަލަ، ކައިވެނިކޮށްގެން އުޅޭއިރުގަ ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭނެ... ރައްޓެހިވެގެން އުޅޭއިރު ނުފެންނަ ކަންތައް ވެސް ފާހަގަ ވާން ފަށާނެ، އެއީ އެކުގައި އުޅެން ފެށުމުން ފެންނާނެ ކަންތައް، އެކަމަކު އެކަންތައް ޖެހޭނެ ދެނެގަންނަން... ޖެހޭ ކުދިކުދި މައްސަލަތައް ބޮޑުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ވެސް ދެމަފިރިންގެ ދެމެދުގައި ވާހަކަ ނުދެކެވޭތީ، މަޝްވަރާނުކުރެވޭތީ، އިހުސާސްތައް ބުނެނުދެވޭތީ... ގިނަ ފަހަރު އެހެން ދިމާވަނީ އެކަކުއަނެކަކަށް ވަގުތު ނުދެވޭތީ... ކައިވެނި ދެމެހެއްޓޭނީ ވަގުތު ދީގެން، ލޯބި ދީގެން، އަޅާލުން ދީގެން، ކައިވެންޏަކީ ވަރަށް ނާޒުކު ގުޅުމެއް، އެގުޅުން ދަމަހައްޓަން ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ، އެހެންނޫނީ ހައްލެއް ނުފެންނާނެ... ދަރިފުޅާ، މަންމަ މިބުނާ އެއްޗެއް ދަރިފުޅަށް ވިސްނޭދޯ...'' ޖާހަތު ބުންޏެވެ.

''ލައްބަ މަންމާ، ވިސްނޭ...'' އަސަލް ބުންޏެވެ. މަންމަގެ ނަސޭހަތްތަކާއި މެދުގައި އަސަލްއަށް ފިކުރުހިންގާލެވުނެވެ އޭނައާއި ޤައިލާގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަތަކަށް ހައްލު ލިބުމެއް ނެތެވެ. ޤައިލާއަކީ ނަސޭހަތްދީގެން އުޅުން އިސްލާހުކުރާނެ މީހެއް ނޫނެވެ. އެއަށްވުރެން ޤައިލާ އުޅެނީ ކުރީގައެވެ. މަންމައަށް ބުނެދޭން އަސަލް ބޭނުން ވިއެވެ.

''މަންމާ...'' އަސަލް ގޮވާލި ރާގުން ވެސް ހިއްސާކުރަން އުޅެނީ ބޮޑު ވާހަކައެއްކަން ޖާހަތު ދެނެގަތެވެ. ހިސާބަކަށް މީހާ ހާސްވިއެވެ. ނަމަވެސް ބަހާއި އަމަލުން ފާޅެއް ނުކުރިއެވެ. އޭގެ ބަދަލުގައި އަސަލްއަށް އޭނަ ވަގުތު ދިނެވެ.

''އަޅުގަނޑުގެ ކޮންމެ ނިންމުމުމަކަށް މަންމަ އެއްބާރުލުންދޭނަންތަ؟...'' މަންމައާއި ހަތަރުކަޅިހަމަކޮށްލަމުން އަސަލް ސުވާލުކޮށްލިއެވެ. އަސަލްއަށް ނޭވާ ހިފަހައްޓާލެވުނެވެ. މަންމަގެ ޖަވާބަކަށް އިންތިޒާރުކުރުވުނެވެ. ހިތް ވެސް ބާރުބާރަށް ތެޅެން ފަށައިފިއެވެ.

''އާނ، ދަރިފުޅުގެ ކޮންމެ ނިންމުމަކަށް މަންމަ އެއްބާރުލުން ދޭނަން، މަންމަ އެކަންޏެއް ނޫން، ދަރިފުޅުގެ ބައްޕަ ވެސް... ދަރިފުޅަކީ ދުރު ވިސްނޭ ކުއްޖެއްކަން މަންމައަށް އެނގޭ، ކޮންމެ ނިންމުމެއް ނިންމާނީ އެކަމާއި މެދު ވިސްނާފައިކަން ވެސް މަންމައަށް އެނގޭ، ތީ ޒިންމާދާރު ކުއްޖެއް...'' ޖާހަތު ބުންޏެވެ. އޭނަ އަސަލްއަށް ހިނިތުންވެލީ އަސަލްގެ ސުވާލުން ލިބުނު ނުތަނަވަސްކަން ސިއްރުކޮށްލަމުންނެވެ.

އަސަލްއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. މަންމަގެ އޯގާތެރިކަމުން ބާރު ބޮޑުވެފައިވި ސިކުނޑިއަށް ލުޔެއް ގެނެސްދިނެވެ.

''މަންމަ އިތުރަށް ސުވާލެއް ނުކުރާނަން، ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް މައިންބަފައިންނާ ހިއްސާކުރުން ވެސް ފަސޭހައެއް ނުވާނެ، އެކަމަކު އެއްވެސްކަމެއްގައި ދަރިފުޅު މަޝްވަރާކުރަން ބޭނުންނަމަ މަންމަ ގާތު ބުނެދީ... އޭރަށް މަންމަ އެހީވެދޭނަން، އެލީ ދެކެ ދަރިފުޅު ލޯބިވާކަން މަންމައަށް އެނގޭ، އެހެންވުމުން ކައިވެނި ދަމަހައްޓަން ވެސް ދަރިފުޅު ބޭނުންވާނެ...'' ޖާހަތު ބުންޏެވެ.

''މަންމައަށް އަޅުގަނޑުގެ ނިންމުން ވަރަށް އަވަހަށް ބުނެދޭނަން، މަންމަ ދެން ކަންބޮޑުނުއްވައްޗޭ، އަޅުގަނޑު މިކަންތައް ހަމައަކަށް އަޅުވާނަމޭ، މަންމަ ދެން ތިހެން ހުންނަން ވެއްޖެއްޔާ ނިއްކުރީގައި ރޫތައް ގިނަވެދާނެ...'' އަސަލް ބުންޏެވެ. އޭނަ ބޭނުންވީ މަންމައާއި ސަމާސާކޮށްލައިގެން މަންމަ ހަމައަކަށް އަޅުވާށެވެ.

ޖާހަތު ބޯޖަހާލިއެވެ. އަސަލްގެ ވާހަތަކުން އޭނައަށް އެއްކަމެއް ސާފުވިއެވެ. މަސްރަހު އޭނަ ހީކުރިވަރަށް ވުރެން ގޯސްކަމެވެ. އަސަލް ބޭނުންވަނީ ޤައިލާއާއި ވަކިވާންހެން ވެސް ހީވިއެވެ. ހިތް އަވަސްވިޔަސް އޭނަ އިތުރަށް ސުވާލެއް ނުކުރިއެވެ. އަސަލްގެ ނިންމުމަށް އިތުބާރުކުރެވޭތީއެވެ.

''އޮފީހަށް ދަމުން ރަމިއްތަމެން ގާތަށް މަންމަ ގެންގޮސްދޭނަން...'' އަސަލް ހަނދާންކޮށްދިނެވެ. އަތުގައި އޮތް ކޮފީތަށި ހީހޫވެފައި ހުރުމުން އޭނަ އުނދޯލިން ތެދުވިއެވެ. އިރުގެ ދަޅަތަކުން ދުނިޔެ ރޯޝަންކޮށްދީފިއެވެ. ފަތިހުގެ ފިނިކަން ވެސް ފަޒާގެ ތެރެއިން ފަނޑުވެއްޖެއެވެ.

''މަންމާ، އައި މީން އިޓް، ދެން އެކަމާ އެހާ ބޮޑަށް ނުވިސްނައްޗޭ...'' ބަދިގެއަށް ދިއުމުގެ ކުރިން އަސަލް ބުންޏެވެ. އޭނަގެ އުދާސްތައް ކޮންމެވެސް ސިފައެއްގައި މަންމައާއި ހިއްސާކުރެވުމުން އަސަލް ހުރީ ހަމަޖެހިފައެވެ. ކުރިއަށް ދާން އިތުރު ހިއްވަރެއް ލިބުނެވެ. ލަސްތަކެއް ނުވެ މަންމައަށް އޭނަގެ ނިންމުން ހާމަކުރަން އަސަލް އަޒުމުކަނޑައެޅިއެވެ. މިފަހަރު އޭނަ ފަހަތަކަށް ނުޖެހޭނެއެވެ.

''ނުވިސްނާނަމޭ...'' ޖާހަތު ހިނިތުންވެލިއެވެ. އޭނަ އެހެން ބުންޏަސް އެއީ މުސްތަހީލުކަމެއްކަން ޖާހަތަށް އެނގެއެވެ. އަސަލްއާއި މެދު އޭނައަށް އަބަދު ވިސްނޭނެއެވެ. އެއީ މައިވަންތަކަމުގެ ކުލުނުން އުފަންވި ޖަޒުބާތުތަކެވެ.

މަންމައަށް ލުއި ހިނިތުންވުމެއް ދީފައި އަސަލް މިސްރާބު ޖެހީ ބަދިގެއަށެވެ. ކޮފީ ތަށި ދޮވެލަމުން ސިންކުކައިރީ ހުރި ކުޑަ ހަރުގަނޑުގައި އަޅުވާގައި އޭނަ ވަނީ ކޮޓަރިއަށެވެ.

''މަންމަ އުއްމީދުކުރަން ވަރިއާ ހަމައަށް ނުގޮސް ދަރިފުޅު ހައްލެއް ހޯދާނެކަމަށް، ދަރިފުޅު ހާދަ ލޯބިންނޭ ޤައިލާއާއި ގުޅުނީ، ލޯބި ނާކާމިޔަބުވުމުން ލިބޭނެ ހިތްދަތިކަން ވެސް ބޮޑުވާނެ...'' އަސަލް ދިއުމާއެކު ޖާހަތަށް މަޑުމަޑުން ބުނެވުނެވެ. އެކަނި އިންނަންވެއްޖެއްޔާ ވިސްނުންނޫންކަމެއް ނުވާނެތީ ޖާހަތު އުނދޯލިން ތެދުވެ މިސްރާބުޖެހީ ބަދިގެއަށެވެ. ހެނދުނުގެ ސައި ތައްޔާރުކޮށްލާށެވެ.

*****

ޖާހަތު ސައިތައްޔާރުކޮށް ނިމުނުތަނާ އަސަލް އަތުވެއްޖެއެވެ. އޭނަ ހުރީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. އަސަލް ފެނުމާއެކު އިށީނުމަށް ޖާހަތު އެދުނެވެ. އަސަލްއަށް ސައި ހަދައިދީފައި ޖާހަތު ދިޔައީ ކޮޓަރިއަށެވެ. ފެންވަރާލައި ތައްޔާރުވާށެވެ. ޖާހަތު ތައްޔާރުވެލައިގެން ނިކުތް އިރު އަސަލް އިނީ ޖާހަތުގެ އިންތިޒާރުގައި ސޯފާގައެވެ. ޖާހަތު ފެނުމާއެކު އަސަލް ތެދުވިއެވެ.

އަސަލްއާއިއެކު ޖާހަތު ހިނގައިގަތެވެ. އޭރު ވެސް ޤައިލާ ހޭނުލާކަން ޖާހަތަށް ފާހަގަ ކުރެވުނެވެ. އަސަލް އޮފީހަށް ދާއިރުގައި ވެސް ޤައިލާ އޮންނަނީ ނިދަން ހެއްޔެވެ؟ ވަޒީފާއަށް ވެސް ނުދަނީ ހެއްޔެވެ؟

*****

ހޮޓެލް ހުންނަ މަގަށް ކާރު އެޅުމާއެކު ހޮޓެލްގެ ބޭރުގައި މަޑުކޮށްލައިގެން ހުރި މައިހާ އަސަލްގެ ލޮލުގައި އަޅައިގަތެވެ. ޖާހަތު ގުޅާފައި އަންނަ ވާހަކަ ބުނުމުން މައިހާ ހުރީ ޖާހަތު ބަލާ ތިރިއަށް ފައިބަ އެވެ. ދުވާރު ކައިރިއަށް ކާރު މަޑުކޮށްލުމާއެކު ޖާހަތު ކާރުން ފޭބިއެވެ. ޖާހަތާއި މައިހާ ބަދަލުކޮށްލީ ލޮބުވެތި ހިނިތުންވުމެކެވެ. އެހިނިތުންވުން ކާރުގައި އިން އަސަލްއަށް ފެނުނެވެ. އެއާއެކު އޭނަގެ މެޔަށް އެނގުން ވިއެވެ. މައިހާ ފެނި ވާހަކަދައްކާނުލައި ދާން އަސަލްގެ ޒަމީރު ދެކޮޅު ހެދިއެވެ.

''މޯނިންގް...'' ޑްރައިވަރު ސީޓުގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން އަސަލް ބުންޏެވެ.

''މޯނިންގް...'' އަސަލްގެ އަޑުދަށުން މައިހާއަށް ބުނެވުނެވެ. އެއާއެކު އަސަލްއާއި މައިހާއަށް އެއްފަހަރާ ހިނިތުންވެވުނެވެ.

''ހަވީރުން އަންނާނަން...'' އަސަލް ބުނެލިއެވެ. އަސަލްއަށް ދިން އަވަސް ނަޒަރާއެކުގައި މައިހާ ބޯޖަހާލިއެވެ.

އަސަލް ކާރު ދުއްވާލީ މައިހާއާއި ޖާހަތު އެތެރެއަށް ވަނުމުންނެވެ.

(ނުނިމޭ)