ނައިބު ރައީސް ހުސައިން އަބްދުއްލަތީފް ބާކީ ނުކުރައްވާ ކަމަށާއި ކުރިން ކުރެއްވި އިތުބާރު މިހާރުވެސް ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސްއާއި ރައީސްގެ ގުޅުން ގޯސްވެފައިވާކަމުގެ އަޑު ފެތުރިފައިވަނިކޮށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނައިބު ރައީސަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށެވެ.

"ކުރިން ކުރި އިތުބާރު މިހާރުވެސް (ނައިބު ރައީސަށް) އެބަ އޮތް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ރަނިންމޭޓަކަށް ނައިބު ރައީސް އައްޔަނުކުރެއްވީވެސް ސީދާ އެ މަނިކުފާނު ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ނައިބު ރައީސް ބާކީ ނުކުރައްވާނެ ކަމަށާއި ދެ ބޭފުޅުންގެ މެދުގައި އިހްތިރާމު މިހާރުވެސް އެބައޮތް ކަމަށެވެ.